ސޫރިޔާގެ ޚާރިޖީ ވަޒީރު އަސްއަދުއްޝީބާނީ، ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް
ދިމިޝްގު (15 ނޮވެންބަރު 2025): ސޫރިޔާގެ ޚާރިޖީ ވަޒީރު އަސްއަދުއްޝީބާނީ، ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާ ވަޑައިގެންފިއެވެ. މިއީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށްފަހު ސޫރިޔާގައި އުފެއްދި "ހައިއަތު ތަހްރީރުއްޝާމް" ޖަމާއަތުގެ ސަރުކާރުގެ އިސްވެރިއަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ސޫރިޔާގެ ރަސްމީ ނޫސް އެޖެންސީ "ސާނާ" ބުނާގޮތުން ޚާރިޖީ ވަޒީރު އަސްއަދުއްޝީބާނީ، ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާއި ޗައިނާގެ ބައެއް އިސް މަސްއޫލުވެރިންގެ އިތުރުން ޗައިނާގެ ބައެއް ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. ސޫރިޔާގެ ޚާރިޖި ވުޒާރާ ބުނާގޮތުން އަސްއަދުއްޝީބާނީގެ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ޗައިނާއާއި ސޫރިޔާގެ ގުޅުންތައް ބަދަހިކުރުމާއި ސޫރިޔާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަޝްރޫއުތަކުގައި ޗައިނާގެ ބައިވެރިވުމާއި އިންވެސްޓްމަންޓްތައް ހޯދުމެވެ. ސޫރިޔާގެ އައު ސަރުކާރު ގެންދަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ތިލަފަތް ހަމަ ގުޅުންތަކެއް އުފައްދަމުންކަން ވަނީ ހާމަވެފައެވެ. މިކަން ހާމަވަނީ އެއްކޮޅުން އެމެރިކާއާއި ޔޫރަޕް ފަދަ ހުޅަނގުގެ ބާރުތަކާ ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރާއިރު އަނެއްކޮޅުން ރަޝިއާއާއި ޗައިނާފަދަ ހުޅަނގުގެ ވާދަވެރި ބާރުތަކާއެކު ވެސް ގާތް ގުޅުންތަކެއް ބާއްވަން މަސައްކަތް ކުރާތަން ފެންނަމުން ދާތީއެވެ. ސޫރިޔާގެ ރައީސް އަހްމަދުއްޝަރުއު ދާދިފަހުން ވަނީ އެމެރިކާއަށް ވަޑައިގެން ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވާފައެވެ. ނަމަވެސް އޭގެކުރިން ޝަރުއުވަނީ ރަޝިއާއަށް ވަޑައިގެން ރައީސް ވަލްދިމިޔާ ޕޫޓިންއާ ވެސް ބައްދަލުކުރައްވައި، ރަޝިއާއާއި ސޫރިޔާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުންތައް ދަމަހައްޓަން ބޭނުންވާކަން ހާމަ ކުރައްވާފައެވެ. ރަޝިއާއަކީ ސޫރިޔާގެ ވެރިކަމުގައި ބައްޝާރުލްއަސަދުއާއި އޭނާގެ ބައްޕަ ހާފިޒުލް އަސަދު ހުންނެވި ދުވަސްވަރު ސޫރިޔާއާ އެންމެ ގުޅުން ބޮޑު ގައުމެވެ. ބައްޝާރުގެ ސަރުކާރު ވައްޓާލުމަށްޓަކައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ހުޅަނގުގެ ގައުމުތަކާ ބައިވެރިވެގެން ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައާ ދެކޮޅަށް ބައްޝާރުގެ ސަރުކާރުގެ ދިފާއުގައި އެންމެ އިސް ދައުރެއް އަދާކުރީ ރަޝިއާއިންނެވެ. ދެން އީރާނާއި، ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. ބައްޝާރާއި އޭނާގެ ބައްޕާފުޅުގެ ވެރިކަމުގައި ސޫރިޔާގައި ރަޝިއާ ގާއިމްކުރި އަސްކަރީ ދެ ބޭސް އަދިވެސް ސޫރިޔާގައި އެބައޮތެވެ. މި ދެ ބޭސް ނައްތާލަން ބޭނުންނުވާކަމުގެ ޔަގީންކަން ސޫރިޔާގެ ރައީސް އަހްމަދުއްޝަރުއު ވަނީ ރަޝިއާއަށް ދެއްވާފައެވެ. ނަމަވެސް ޝަރުއު ވިދާޅުވި ގޮތުގައި ސޫރިޔާއާއި ރަޝިއާގެ ގުޅުންތައް އޭނާގެ ސަރުކާރުން ދަމަހައްޓާނީ ސޫރިޔާގެ ގައުމީ މަސްލަހަތަށްވެސް ރިއާޔަތް ކޮށްގެންނެވެ. އަދި ސޫރިޔާގެ ވެރިކަން ދިފާއުކުރުންފަދަ ސޫރިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ރަޝިއާ ނުވަންނަ ފަދަ އަސާސެއްގެ މަތިންނެވެ. ސޫރިޔާގެ މިހާރުގެ މަސްއޫލުވެރިން ގެ ވާހަކަތަކުން އެނގޭ ގޮތުގައި ސޫރިޔާގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނީ ފަލަސްތީނުގެ މައްސަލައާއި ލުބްނާނުގެ މައްސަލައާއި ސޫދާނުގެ މައްސަލަތައް ފަދަ އަރަބި އިސްލާމީ އެއްވެސް މައްސަލައެއްގެ ތެރެއަށް ނުވަދެ އެއިން އެއްވެސް ކަމަކާ އަޅާނުލައި، ހަމައެކަނި ސޫރިޔާގެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކޮށްގެންނެވެ. ސޫރިޔާގެ ދޫދިނުމުގެ ސިޔާސަތު މިހެން އޮތްކަމަށް ވިޔަސް ސޫރިޔާއަކީ އަރަބި އިސްލާމީ ގައުމަކަށްވާތީއާއި ސޫރިޔާގެ ބިމަކީ އިސްރާއީލުން ގްރޭޓާ އިސްރާއީލު ގާއިމް ކުރުމަށް ރާވާފައިވާ ބިމުގެ ތެރޭގައި ހިމެނޭ ގައުމެއްކަމުން ހުޅަނގުގެ ގައުމުތައް ސޫރިޔާއަށް ވަފާތެރި ނުވާނެކަމާއި އިސްރާއީލުގެ ނުބައި ރޭވުންތަކުންވެސް ސޫރިޔާ ސަލާމަތް ނުވާނެކަމަށް ޚުދު ސޫރިޔާގެ މުހައްލިލުންވެސް ދެކެވަޑައިގަންނަވައެވެ. ސޫރިޔާ އަލުން ބިނާކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރެވޭނީ އަދި ޚާއްސަކޮށް އެމެރިކާއާއި ޔޫރަޕްގެ ރުހުން ލިބޭނީ މިގޮތަށް މަސައްކަތް ކޮށްގެންނެވެ. ސޫރިޔާގެ މަސްއޫލުވެރިންގެ ވާހަކަތަކާއި ބަޔާންތަކުން ނުސީދާ ގޮތެއްގައި މިކަން ހާމަވެއެވެ. ސޫރިޔާގެ އެންމެ ބޮޑު ދުޝްމަން އަދި ސޫރިޔާގެ ގިނަ ބިންތަކެއް ގަދަބާރުން ހިފައިގެން އުޅޭ އަދި ސޫރިޔާއަށް އުދުވާނީ ހަމަލާތައްދީ މީހުން މަރައި ޖަރީމާތައް ހިންގާ ޔަހޫދީ އިސްރާއީލާއެކުވެސް އަމަނާބެހޭ އެއްބަސްވުމަކަށް ދިޔުމަށް ސޫރިޔާ މަސައްކަތް ކުރަމުން ގެންދާކަން އެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި ސޫރިޔާގެ ޚާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގެންނެވުމަކީ އެމެރިކާއާއި ޔޫރަޕަށްވެސް ދޭ ވަރަށް ވަރުގަދަ މެސެޖެކެވެ. އެއީ ދުނިޔޭގެ ހަމައެކަނި ބާރުވެރިންނަކީ އެމެރިކާއާއި ޔޫރަޕްފަދަ ހުޅަނގުގެ ބާރުތައް ނޫންކަމުގެ މެސެޖެވެ. ޗައިނާއާއި ރަޝިއާއަކީ ވެސް ދުނިޔޭގެ ބޮޑެތި ބާރުތައްކަމާއި، އެބާރުތަކާއެކު ވެސް ސޫރިޔާ ގުޅުންތައް ގާއިމްކުރާނެކަމާއި ހަމައެކަނި ހުޅަނގަށް ބަރޯސާ ނުވާނެކަމުގެ މެސެޖެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ