ވަތަނީ ހިދުމަތުގެ ތިންވަނަ ބެޗަށް ހުޅުވާލައިފި، ފުރުސަތު އޭޕްރީލް ފަހެއްގެ ނިޔަލަށް

ދިވެހި ވަތަނީ ހިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު، ޝަރުތުހަމަވާ ހުރިހާ ޒުވާނުންނަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ފުރުސަތު އޮންނާނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށް ކަމަށެވެ. އަދި ފުރިހަމަ ސިއްްހަތެއްގައި ހުރުމަކީ ޝަރުތެކެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ހިދުމަތުގައި ބައިވެރިކުރެވޭނީ، މި ހިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަމުގައި ވާނަމަ އެވެ
ތަމްރީނުގެ މުއްދަތަކީ ތިންމަސް ދުވަހެވެ. ތަމްރީން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގަ އެވެ. ތަމްރީނު ހިންގާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު، ޅ.މާފިލާފުށީގަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިން އަދި މެޑިކަލް ސްކްރީނިން ކުރިއަށް ގެންދާނެ އެވެ. މި ޕްރޮގްރާމަށް ހޮވޭ ޒުވާނުން، ހިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭނެ އެވެ. އަދި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދޭނެ އެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އެޕްރީލް 5 ވަނަ ދުވަހުގެ 14:00 ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ