އިންސީންގެ ހިތް ފަސާދަވަނީ ކީއްވެ؟

އިންސާނާގެ ހުރިހާ ވެސް އެއްޗަކީ ހިތެވެ. އޭނާ އިޞްލާޙުވެ ރަނގަޅުވުމާއި، ގޯސްވެ ފަސާދަވުން ވެސް ބިނާވަނީ އޭގެ މައްޗަށެވެ. ހިތް ރަނގަޅުވެއްޖެއްޔާ އިންސާނާގެ މުޅި ޖިސްމު ރަނގަޅުވެއެވެ. އިންސާނާ ފަސާދަވަނީ އެ ހިތް ގޯސްވީމައެވެ. މާތް ﷲ ކަރާމާތްތެރިކުރައްވައިފައި މިވާ އިންސާނާގެ ހިތް ފަސާދަވުމަށް މެދުވެރިވާ ހަ ކަމެއްގެ ވާހަކަ އަލްއިމާމް އަލްޙަސަނު އަލްބަޞަރީ رَحِمَهُ الله ވިދާޅުވިއެވެ. އޭގެ ތެރެއިން އެއްކަމަކީ ތައުބާވުމުގެ އުންމީދުގައި ފާފަތަކަށް އަރައިގަތުމެވެ. ދެވަނައީ ޝަރުޢީ ޢިލްމު އުނގެނިފައި އެ ޢިލްމަށް ޢަމަލު ނުކުރުމެވެ. ތިންވަނައީ އަޅުކަންކުރުމުގައި އިޚްލާޞްތެރިކަން ނެތުމެވެ. ހަރަތުވަނައީ މާތް ﷲ ދެއްވި ރިޒްޤު ކައިގެން އެ ކަލާނގެއަށް ޝުކުރުވެރިނުވުމެވެ. ފަސްވަނައީ އެކަލާނގެ މިންވަރާއި ޤަދަރަށް ނުރުހުންވުމެވެ. އަދި ހަވަނައީ މަރުވި މިހާގެ ޖަނާޒާއިން ދިރިތިބީން ފިލާވަޅު ލިބިނުގަތުމެވެ. ބަޔާންވެދިޔަ ހަ ކަމަކީ ޙަޤީޤަތުގައި ވެސް ފަސާދައިގެ ތެރެއަށް އިންސާނަކު ވައްޓައިލަފާނެ ކަންކަމެވެ. އެނގުމަކައިނުލާ ޝައިޠާނާގެ ވަކިތަކުގެ ތެރޭ މީހާ ދާށިވެ ސަލާމަތްނުވާ ހިސާބަށް ހިނގައިދާނެ ކަންކަމެވެ. މި ހަ ކަންތަކަށް ތަފްސީލީ ނަޒަރަކުން ބަލައިލުމަކީ އެ ކަންކަމުން ރައްކާތެރިވެ ތިބުމަށް ލިބޭނޭ ހިތްވަރެއް ކަމުގައި ވެދާނެއެވެ. ތައުބާވުމުގެ އުންމީދުގައި ފާފައަށް އަރައިގަތުން ދަންނައެވެ! ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތައުބާއަކީ ފާފަތަކަށް އަރައިގަތުމަށް ލިބޭ ފުރުޞަތެއް ކަމުގައެވެ. އެފަދަ މީހުން ދެކޭ ގޮތުގައި ތައުބާވުމުން ހުރިހާ ކަމެއް ނިމުނީއެވެ. ﷲއީ ރަޙުމާނު ވަންތަ އިލާހު ކަމަށްވާތީ އެކަލާނގެ ތައުބާ ޤަބޫލުކުރައްވާނެތެވެ. ނަމަވެސް، ތިބާގެ އަޖަލުޖެހޭނެ ވަގުތެއް ނޭނގޭއިރު ފާފައިގެ ތެރޭ އުޅޭނީ ކިހިނެތްހެއްޔެވެ؟ ފާފައެއްކޮށްފައި ތައުބާ ނުވެ ހުއްޓައި، ނުވަތަ ފާފައެއް ކުރަމުން ދަނިކޮށް މަރާ ބައްދަލު ކުރަން ޖެހިއްޖެނަމަ އެ ފަދަ މީހަކު ދެން ތައުބާވާނީ ކިހިނެއްހެއްޔެވެ؟ ވީމާ ތައުބާވުމުގެ އުންމީދުގައި ފާފަނުކުރާށެވެ! އެއީ ހިތް ފަސާދަވާ ސަބަބެކެވެ. ޝަރުޢީ ޢިލްމު އުނގެނި އެ ޢިލްމަށް ޢަމަލު ނުކުރުން ދަންނައެވެ. އެ މީހަކަށް ލިބުނު ޝަރުޢީ ޢިމްލަށް ޢަމަލުނުކުރާ ނަމަ އޭގެން އޭނާއަށް ވާނީ ގެއްލުމެވެ. އިންސާނާއަށް ލިބިފައިވާ ޝަރުޢީ ޢިލްމާމެދު އޭނާ ކަންތައްކުރިގޮތާ ބެހޭގޮތުން ޤިޔާމަތްދުވަހު ސުވާލު ކުރެވޭއިރު އެ ފަދަ މީހަކު އެ ސުވާލަށް ދޭނީ ކޮން ޖަވާބެއް ތޯއެވެ؟ ވީމާ ލިބިފައިވާ ޝަރުޢީ ޢިލްމަށް ޢަމަލުކުރާށެވެ. ޝަރުޢީ ޢިލްމަށް ޢަމަލުނުކުރުމަކީ ހިތް ފަސާދަވާ ސަބަބެކެވެ. އިޚްލާޞްތެރިކަމެއް ނެތި އަޅުކަންކުރުން ދަންނައެވެ! އިޚްލާޞްތެރިކަމެއްނެތި ކުރާ އަޅުކަމުގެ އެއްވެސް ޢަމަލަކީ ﷲގެ ޙަޟްރަތުގައި ބަލައިގަނެވޭނެ ޢަމަލެއް ނޫނެވެ. މީހަކު އޭނާގެ މުޅި އުމުރުގައި އަޅުކަންކޮށްފާނެއެވެ. އެހެނެއް ކަމަކު ދެއްކުންތެރިކަން އޭނާގެ ނިޔަތުގައި އޮތިއްޔާ ޤިޔާމަތްދުވަހު އޭނާއަށް ކުރާނީ ފަހެ، ކޮން ފައިދާއެއްހެއްޔެވެ؟ ވީމާ އިޚްލާޞްތެރިކަމާ އެކު އަޅުކަންކުރަން ދަސްކުރާށެވެ. އަޅުކަމުގައި އިޚުލާޞްތެރިނުވުމަކީ ހިތް ފަސާދަވާ ސަބަބެކެވެ. ﷲ ދެއްވި ރިޒްޤުން ކައިގެން، އެ ކަލާނގެއަށް ޝުކުރުވެރި ނުވުން ދަންނައެވެ! ﷲ ދެއްވި ރިޒުގު ކައިގެން އެއިލާހުގެ ބިމުގައި އެއިލާހަށް އުރެދުމަކީ ﷲގެ ކޯފާއަށް ހުށަހޮޅިގަނެވިދާނެ ކަމެކެވެ. އެހެން ވެއްޖެ ނަމަ ޖައްބާރުވަންތަ ﷲގެ އަޒާބަށް ކެތްކުރެވޭނެ އިންސާނެއް ހުންނާނެހެއްޔެވެ؟ ﷲ ދެއްވި ރިޒުގު ކައިގެން އެއިލާހަށް އުރެދުމަކީ ހިތް ފަސާދަވާ ސަބަބެކެވެ. ﷲގެ ޤަދަރާއި މިންވަރަށް ނުރުހުންވުން ދަންނައެވެ. ދުނިޔޭގެ ކަންކަމާއި ތަކެތި ވަކި މިންވަރަށް ދެއްވުމާއި ނުދެއްވައި ހިފެހެއްޓެވުން އެއީ ކިޔަމަންތެރިކަން އިމްތިޙާން ކުރެއްވުމަށް އޮންނަ ކަމެލެވެ. މި ސަބަބަށް ޓަކައި މިންވަރާއި ޤަދަރަށް އީމާންވުމަކީ ރުކުނެއް ކަމުގައި ލައްވާފައި ވެއެވެ. މިންވަރަށް އީމާންނުވުމަކީ އީމާންކަން އުނިވާނޭ ކަމެކެވެ. ވީމާ ﷲގެ ތަޤުދީރަށް ރުހެން ދަސްކުރާށެވެ. އެކަމަށް ނުރުހުންވުމަކީ ހިތް ފަސާދަވާ ސަބަބެކެވެ. މަރުވި މިހާގެ ޖަނާޒާއިން ދިރިތިބީން ފިލާވަޅު ލިބިނުގަތުން ދަންނައެވެ. އަޅުގަނޑުމެން ހާޒިރުވާ ޖަނާޒާތަކުން ފިލާވަޅު ލިބިގަންނަނީ ވަރަށް މަދު ބައެކެވެ. މަރު ހަނދާންކުރުމީ އަބަދު ވެސް އިންސާނާ ޙައްޤު މަގުގައި ސާބިތުވުމަށްލިބޭ ބާރެކެވެ. އެއީ ދުނިޔޭގެ ލައްޒަތުތައް މަރައިލާ ކަމެކެވެ. ވީމާ އަޅުގަނޑުމެން ހާޒިރުވާ ޖަނާޒާތަކުން ފިލާވަޅު ލިބިގަންނާށެވެ. މަރުހަނދާންނުކޮށް އެ ކަމަށް ޣާފިލުވެފައި ހުރުމީ ހިތް ފަސާދަވާ ސަބަބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ