އީމާންކަމުގެ ފޮނިރަހަ ދުށީމުހެއްޔެވެ؟
އީމާންކަމަކީ އަބަދު އެއްވަރެއްގައި ހުންނަ އެއްޗެއް ނޫނެވެ. އެއީ އުނިވެ އިތުރުވާ އެއްޗެކެވެ. ﷲގެ ކިޔަމަނުގައި މީހާ ހުރެ، ހެޔޮ ކަންކަމުގައި އުޅުމަކީ އީމާންކަން އިތުރުވާ ކަމެކެވެ. އަދި ﷲއަށް ނުކިޔަމަންތެރިވެ އެއިލާހު ނަހީކުރެއްވި ކަންކަމާ ކައިރިވެ އުޅުމަކީ އީމާންކަން އުނިވާ ސަބަބެކެވެ. އީމާންތެރިކަން އަބަދު އެއްވަރެއްގައި ނުހުރުމަކީ ނުރައްކާތެރިކަމުގެ އިންޒާރެއްގެ ގޮތުގައި ވެސް ބެލެވިދާނެއެވެ. އެހެނީ އީމާންކަން އަބަދު ދަށަށް ދަންޏާ ފާފައިގެތެރޭ މީހާ ގެނބިގެން ގޮސް ސަލާމަތް ނުވެވޭ ހިސާބަށް ހިނގައިދާނެއެވެ. އަދި ދޭތެރެދޭތެރެއިން އީމާންކަން ތާޒާކުރުމަށް ހެޔޮ ކަމެއް ނުކޮށް ހުރެވެންޏާ އުނިވެގެންދާ އީމާންކަން އިތުރުކުރާނެ ގޮތެއް ވެސް ނޯންނާނެއެވެ. އީމާންކަން އުނިވިޔަނުދީ ބެހެއްޓުމަށާއި އެކަން ތާޒާކުރުމަށާއި އިތުރުކުރުމަށް ވެސް މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އީމާންކަމުގެ ފޮނި މީރު ރަހަ ލިބުމަކީ ނުހަނު އުފާވެރި ކަމެކެވެ. އެ ރަހަ ލިބިގަނެވޭނީ ތިން ކަމެއް މީހާގެ ކިބައިގައި ޖަމާވެގެންނެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «ثَلاَثٌ مَنْ كُنَّ فِيْهِ وَجَدَ حَلاَوَةَ الْإِيْمَانِ: مَنْ كَانَ اللهُ وَرَسُوْلَهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَمَنْ أَحَبَّ عَبْدًا لَا يُحِبُّهُ إِلَّا لِلَّهِ عَزَّ وَجَلَّ، وَمَنْ يَكْرَهُ أَنْ يَعُوْدَ فِي الْكُفْرِ بَعْدَ إِذْ أَنْقَذَهُ اللهُ كَمَا يَكْرَهُ أَنْ يُلْقَى فِي النَّارِ» (صحيح البخاري :21) މާނައީ: "މީހެއްގެ ކިބައިގައި ތިން ކަމެއް ޖަމާވެއްޖެ މީހާއަށް އީމާންކަމުގެ ފޮނިކަން ލިބޭހުއްޓެވެ. އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ﷲއާއި އެކަލާނގެ ރަސޫލާދެކެ ލޯބިވުމެވެ. އަދި މާތް ﷲއަށް ޓަކައި މެނުވީ އަޅަކުދެކެ ލޯބިނުވުމެވެ. އަދި ﷲ އޭނާ ކުފުރުގެ ނުބައިކަމުން ސަލާމަތްކުރެއްވުމުން، އަލިފާނަށް އެއްލައިލެވެން ނުހުރޭ ފަދައިން، ކުފުރަށް އެނބުރި ދިޔުމަށް ނުރުހުމެވެ." އެންމެ ތިން ކަމެވެ. މާ އުނދަގޫ ކަންތައްތަކެއް ވެސް ނުމެނޫންމެއެވެ. މި ތިން ކަންތައް އެ މީހެއްގެ ކިބައިގައި ޖަމާވެއްޖެ މީހާއަށް އީމާންކަމުގެ ފޮނިރަހަ ނުލިބޭނެތޯއެވެ؟ ދުނިޔޭގެ ހުރިހާ އެއްޗަކާއި ކަމަކަށްވުރެ ބޮޑަށް ﷲއާއި އެކަލާނގެ ރަސޫލާދެކެ އޭނާ ލޯބިވެއެވެ. އެ ލޯބިވުމަކީ އަމިއްލަ އިޚްތިޔާރުގައި މަޖުބޫރުކަމެއް ނެތި ﷲ ފޮނުއްވެވި އިސްލާމީ ޝަރީއަތަށް ބޯލަނބާ ކިޔަމަންގަތުމެވެ. ޝަރީޢަތުގެ ފަރާތުން މަނާކުރެއްވި ކޮންމެ ކަމަކުން ދުރުވެ ހުރުމެވެ. އޭނާގެ ހުރިހާ ޢަމަލެއް ﷲ ރުހިވޮޑިގެންވާ މަގަށް ސީދާކުރުމެވެ. އޭނާގެ އަރުގައި އީމާންކަމުގެ ފޮނިރަހަ ލާ މީހާ، އެހެން މީހެއްދެކެ ލޯބިވާނީ ވެސް އަދި ރުޅިއަންނާނީ ވެސް މާތް ﷲގެ ލޯބި އަދައިގެންނެވެ. ހަމައެކަނި އެއިލާހުގެ ވަޖުހުފުޅަށް ޓަކައެވެ. ލޯބީގެ ޖަޒުބާތު އޭނާ މިންކުރާނީ ﷲއާއި އާޚިރަތް ދުވަހުގެ ނިސްބަތުންނެވެ. ދުނިޔޭގެ އެހެން އެއްވެސް ލޯތްބެއް އޭނާ ﷲ ހަދުމަކުރުމުން ދުރުނުކުރާނެއެވެ. ނަމާދާ ފޭ ނުކުރާނެއެވެ. އީމާންކަމުގެ ފޮނިރަހަ ލިބޭ މީހާ އިސްލާމްދީނުގެ ހިދާޔަތަށް ލޯބިކުރާނެއެވެ. އިންސާނަކަށް ﷲ ދެއްވާނެ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްކަމުގެ ހިދާޔަތެވެ. އެ ނިޢުމަތަށް އޭނާ ޝުކުރުވެރިވާނެއެވެ. އެ ނިޢުމަތުން އޭނާ މަޙުރޫމުވެދާކަށް ނޭދޭނެއެވެ. ހިދާޔަތުގެ އަލިކަން ފަނޑުވެ ގޮސް ޟަލާލަތުގެ އަނދިރިކަމަށް ވެއްޓެން އޭނާ ނުރުހޭނީ، އަލިފާނަށް ވެއްޓެން ނުރުހޭ ފަދައިންނެވެ. ހިދާޔަތުން އެއްކިބާވެދާނެ ކަންކަމާ ދުރުވެ ރައްކާތެރި ވާނެއެވެ. ދުނިޔޭގެ އެއްވެސް އުފަލަކަށް އޭނާ ހިދާޔަތު ވިއްކައި ނުލާނެއެވެ. ލޮބުވެތި ކިޔުންތެރިންނޭވެ! އީމާންކަމުގެ ރަހަ ލިބޭތޯ އަވަސްވަމާ ހިނގާށެވެ. ކިޔަމަންތެރި ހުރިހާ ޢަމަލަކަށް ވާދަކުރަމާ ހިނގާށެވެ. ﷲގެ ނުރުހުން ލިބޭނެ ކޮންމެ ކަމަކުން ދުރުވަމާ ހިނގާށެވެ. މި ދުނިޔޭގެ ދަންފަޅި ނިމުމުން ދެން މަސައްކަތް ކުރާނެ ފުރުޞަތެއް ނޯންނާނެއެވެ. ދެން އިންތިޒާރުކުރަން ޖެހޭނީ ނަތީޖާއަށެވެ. އެ ނަތީޖާއާ ހަމައަށް ދާންވާއިރަށް މަޤުބޫލު ޢަމަލުތަކެއް ކުރެވޭނީ އީމާންކަމުގެ މަތީ ސާބިތުވެ ތިބެގެންނެވެ. އީމާންކަމުގައި ސާބިތުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން ވާނެއެވެ. ހިތްތަކުގެ ކޮންޓްރޯލް އޮންނަނީ ﷲގެ އިނގިލިފުޅުތަކުގައެވެ. އަޅަމެންގެ ހިތްތައް ހިދާޔަތުން ފުރޮޅައިލިޔަނުދީ ސާބިތުކަންމަތީ ލެހެއްޓެވުންއެދި އެއިލާހަށް ވަރަށް ގިނައިން ދަންނަވަން ވާނެއެވެ. މި އުންމަތަށް ކައުކުރެއްވި މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެންމެ ގިނައިން ކުރައްވާ ދުޢާއެއް ކަމުގައިވަނީ އެކަލޭގެފާނުގެ ހިތްޕުޅު ދީންމަތީ ސާބިތުކޮށްދެއްވުން އެދި ދަންނަވާ ދުޢާއެވެ. އެ ދުޢާއަކީ "يَا مُقَلِّبَ الْقُلُوْبِ ثَبِّتْ قَلْبِيْ عَلَى دِيْنِكَ" މި ދުޢާއެވެ. މާނައީ: "އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ! އިބަ اللهގެ ދީންމަތީ މި އަޅާގެ ހިތް ސާބިތުކުރައްވާނދޭވެ." آمين! (މިއީ އިމާމް ތިރްމިޒީ އެކަލޭގެފާނުގެ ސުނަނުގައި ރިވާކުރެއްވި 3522ވަނަ ޙަދީޘުގައި ބަޔާންވެފައި އޮތް ދުޢާއެކެވެ.)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ