އައްޑޫގެ ރަށްތަކާއި އަވަށްތައް ގުޅިގެން މިހާރު އުފައްދާފައި އޮތް ސިޓީ ކައުންސިލުގެ ނިޒާމު ފުނޑުފުނޑުކޮށްލައި، ބައިބައިވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އެ އަތޮޅު ފޭދޫއަށް ނިސްބަވްތާ ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
އަައްޑޫ ސިޓީ ކައުންސިލު އެކުލެވިފައި އޮތް ގޮތް ބަދަލުކުރުމާ ހަސަން ސައީދު ދެކޮޅުކަން ހާމަކުރެއްވީ އައްޑޫގެ ރައްޔިތުންނާ ހިއްސާކުރެއްވި ހުޅުވާލެވިފައިވާ ސިޓީއެއްގަ އެވެ. މި ސިޓީގައި އޭނާ ވިދާޅުވީ އައްޑޫގައި ނަގާ ފެންނަނުފެންނަ ވޯޓާ ގުޅިގެން އެ އަތޮޅުގެ އެކި ރަށްތަކުގެ ޓޫރިޒަމް ޒޯނުތަކުގައި ހިނގަމުންދާ ޕްރޮޖެކްޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އައްޑޫ ފޭދޫ އާއި ހިތަދޫ އާއި މީދޫގެ ޓޫރިޒަމް ޒޯނުތަކުގައި 1000 އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށް ހަސަން ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވަމުން ހަސަން ސައީދު ވިދާޅުވީ މި ކަން ކުރަމުން ދަނީ އެ އަތޮޅަށް ނިސްބަވްތާ 14 އިންވެސްޓަރަކު ގުޅިގެން ކަމަށެވެ.
އެ ގޮތުން ފޭދޫގެ ޓޫރިޒަމް ޒޯނުގައި، މީގެ ދެ އަހަރު ކުރިން ފެށި މަސައްކަތުން، އަންނަ އަހަރު ފޭދޫ ޓޫރިޒަމް ޒޯނުގައި އެކަނި ވެސް 536 ޓޫރިސްޓް ބެޑު ތަރައްގީކުރެވޭނެ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ރެސްޓޯރެންޓް އާއި ޖިމްނޭޒިއަމްގެ އިތުރުން ސްޕާ އާއި، ޑައިވިން ސެންޓަރާއި ވޯޓާ ސްޕޯޓްސް ހިދުމަތް ގާއިމުވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓޫރިސްޓު އެނދުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، މި ކަމަށް ގިނަ ގޮންޖެހުންތައް ހުރި ކަމަށް ހަސަން ސައީދުގެ ސިޓީގައި ފާހަގަކުރެއްވި އެވެ. މި ގޮންޖެހުންތައް ހުއްޓައި، ސިޓީ ކައުންސިލުގެ އިހުތިސާސާއި އިދާރީ އޮނިގަނޑު ބަދަލުކުރާ ވޯޓާ ހެދި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ސައީދު ފާހަގަކުރެއްވި ބައެއް ގޮންޖެހުންތައް
ފޭދޫ ރަށު ކައުންސިލެއް އުފެދިއްޖެ ހާލަތެއްގައި އެއްބަސްވުންތައް ބަދަލުކުރަން ޖެހުމާއި އޭނާގެ ކުންފުނިން ކޮށްދޭ ގޮތަށް ނިންމާފައިވާ ފޭދޫ ބީޗު ހެދުމުގެ މަސައްކަތް ވެސް މި ވޯޓާ ހެދި ހުއްޓިފައިވާ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ. އަދި މިހެން ބައިބައިވުމަކީ އިންވެސްޓަރުންގެ އިތުބާރު ކުޑަވެ، އިންވެސްޓަރުން ފަސްޖެހޭނެ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ކަންކަން މި ހާލަތުގައި ހުރިއިރު، އެކަންކަން ރަނގަޅުކުރަން އެއް ބަޔަކު ގުރުބާންވާއިރު، ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ވަކިވެގަންނަން އުޅޭ ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.
"މި ފަދަ ބޮޑެތި ގޮންޖެހުންތަކާއެކު އަތޮޅަށް ނިސްބަތްވާ ބަޔަކު އިސްވެ އަތޮޅުގެ ޓޫރިޒަމް ކުރިއަރުވަން ބޮޑެތި ގުރުބާނީތައް ވަމުންދާއިރު އެކަންކަމަށް ގުޅިގެން ހައްލު ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ރަށްރަށާއި އަވަށާއި މީހުން ޖެހި، ޒުވާބުކޮށް މާރާމާރީ ހިންގާ ހިސާބަށް ގެންދަންޖެހިގެން މިއުޅޭނީ ކޮންކަމެއް ނުވެގެންތޯ؟،" އޭނާ ލިޔުއްވާފައި ވެ އެވެ.
އައްޑޫގެ ރަށްތައް ކައުންސިލުން ވަކިވާ ވޯޓު ނަގަނީ ފޭދޫގެ އިތުރުން ހުޅުދޫ އާއި މީދޫގަ އެވެ. މި ހުރިހާ ރަށެއްގައި ވޯޓު ނަގަނީ ސިޓީ ކައުންސިލުން ވަކިވެ، އަމިއްލަ ރަށު ކައުންސިލެއް އުފައްދާށެވެ.
އައްޑޫގެ ރަށްތައް ބައިބައިވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ހަސަން ސައީދު ވިދާޅުވެއްޖެ އައްޑޫގެ ރަށްތައް ބައިބައިވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ހަސަން ސައީދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ