ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށް އާސަންދައިގެ ހިދުމަތް ނުލިބޭތީ އެކަން ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް އެވެ. އެ މައްސަލަ ހުށަހެޅުއްވީ އެކަމާ މެދު މަޖިލީހުގެ މެންބަރުން ދެކޭ ގޮތެއް ބެލުމަށް ކަމަށް ގަރާރުގައިވެ އެވެ. މިއަދުގެ ޖަލްސާގައި ވަނީ ގަރާރުގެ ފުރަތަމަ ކިއުން އިއްވާފަ އެވެ.
ތަފްސީލް - ގަރާރުގައި ބުނީ، އިންތިހާބުތަކުގައި ވާދަކުރުމާއި ދައުލަތުގެ މަގާމުތަކަށް އައްޔަންކުރުން ފިޔަވައި ދިވެހިންނާއި ރާއްޖޭގެ ސިޔާދަތު ހިނގާ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ހައްގުތައް ލިބިދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ގާނޫނުއަސާސީގައި ނުވާ ކަމަށެވެ.
ދިވެހީންގެ އާބާދީގެ ނިސްބަތުން ގިނަ އަދަދެއްގެ ބަޔަކު ބިދޭސީންނާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅޭއިރު، ސިއްހީ ފަރުވާގެ ހަރަދުތައް ހަމަޖެއްސުމަށް އެކުލަވާލާފައިވާ އާސަންދަ މިވަގުތު ލިބެނީ ހަމައެކަނި ދިވެހިންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ގަރާރުގައިވެ އެވެ.
ބިދޭސީންނަށް ދަރިން ލިބި، އެ ދަރިން ބޮޑެތިވެ، ދަރިންނަށް ދަރިން ލިބި، އެ މީހުންގެ މުޅި ހަޔާތް ރާއްޖޭގައި ވޭތުކުރާއިރު ވެސް އާސަންދައިގެ ހިދުމަތް ނުލިބޭކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ގަރާރުގައި ވަނީ:
ބިދޭސީއަކު ދިވެހި ރައްޔިތަކަށްވުމަށް އޮންނަ ހަމައެކަނި މަގަކީ ސިޓިޒެންޝިޕް ގާނޫނުގެ ދަށުން ރަށްވެހިކަން ލިބުން
ސިޓިޒެންޝިޕް ގާނޫނަކީ ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާ ގާނޫނެއް ކަމަށްވާތީ ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ އެތައް ބިދޭސީއަކަށް އެ ފުރުސަތު ހޯދިފައެއް ނުވޭ
މި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މުސްކުޅިވެ، ދާއިމީ ބަލިތަކަށް ބޭސްކުރަން ޖެހިފައިވާއިރު، ސިއްހީ ފަރުވާގެ ހަރަދުތައް ހަމަޖެއްސުމަށް އާސަންދަ ނުލިބޭތީ ދަތިވޭ
މި ބިދޭސީންނަކީ ދިވެހި އާއިލާއެއްގެ މައެއް ނުވަތަ ބަފައެއް ނުވަތަ އާއިލާގެ ކޮންމެވެސް މެންބަރެއް ކަމަށްވީއިރު އަދި އެތައް އަހަރެއް ރާއްޖޭގައި ހޭދަކޮށް، ވަޒީފާ އަދާކޮށް، މުޅި ދިރިއުޅުން ރާއްޖޭގައި ބިނާކޮށްފައިވާ މީހުން
އެފަދަ ބިދޭސީންނަށް އަޅާލައި ދައުލަތުގެ ރައްކާތެރިކަމާއި ގާނޫނީ މަންފާތައް ހަމަހަމަކަމާ އެކު ލިބުމަކީ އެ މީހުންގެ ވެސް ހައްގެއް
ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭތީ ގަރާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ