އަންނަ ދިރާސީ އަހަރު ކިޔެވުން ފެށުމުގެ ކުރިން ށ.ގޮއިދޫ ސްކޫލްގެ 8 ކްލާސް ރޫމް ނިންމާ ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ގޮއިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގޮއިދޫ ސްކޫލްގެ 8 ކްލާސްރޫމްގެ މަސައްކަތް ހުއްޓިފައި ހުރިކަން ފާހަގަކުރަށްވަމުން މި ސަރުކާރާ ވެރިކަން ހަވާލުވިއިރު، މިފަދަ ގިނަ މަޝްރޫޢުތަކެއް ހުއްޓިފައި ހުރިކަން ފާހަގަކުރެއްވިއެވެ.
''އަޅުގަނޑުވެސް ދުށިން، އެ މަޝްރޫޢު ހުއްޓިފައި އެހެރަ ތަން. 8 ކުލާސްރޫމެއް ހަދަން ފަށައި، މިހާރު އެހެރީ ހިޔާކުރުމާ ގާތަށްގޮސްފައި. އާދެ، މި މަސައްކަތްވެސް މިއީ، އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރުގައި މިގޮތަށް ހުރި ގިނަ މަޝްރޫޢުތަކެއްވެސް އޮތްގޮތަށް އޮތް މަޝްރޫޢެއް. އެހެންވީމާ، އަޅުގަނޑުމެން މިހާރު އެއޮތީ، ސަރުކާރުން އެކަމުގައި ދެން އެކިގޮތްގޮތުން ކުރިއަށްދާން މަސައްކަތްކޮށް، ކުރިއަށް ނުދެވުނީމާ، ޓަރމިނޭޓްކޮށް ސަރުކާރުގެ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައި. އެގޮތުން ފެނަކައާ އެއޮތީ މަސައްކަތް ހަވާލުކޮށްފައި.'' ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢު މިހާރު ހަވާލުކޮށްފައިވާ ދައުލަތުގެ ކުންފުނި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާ ހަވާލާދީ ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަސް ނުވަތަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކްލާސް ރޫމްތައް ނިންމުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގޮއިދޫއަށް ފޮނުވާނެ ކަމަށާއި، އޭގެ މާނައަކީ މަސައްކަތް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ، މިކަމުގައި ގޮއިދޫ ރައްޔިތުންނަށް ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އަންނަ ދިރާސީ އަހަރު ކިޔެވުން ފެށުމުގެ ކުރިން، މި މަސައްކަތް ނިންމައި ގޮއިދޫ ސްކޫލާ ހަވާލުކޮށްދެއްވާނެ ކަމަށެވެ.
''އަޅުގަނޑު ޔަޤީންކަން މިދެނީ، އިރާދަކުރެއްވިއްޔާ ޑެލިވަރ ކުރާނެތީ. ދިރާސީ އާ އަހަރަށް، މި އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އިރާދަކުރެއްވިއްޔާ މިތަން ނިންމައި ހަވާލުކޮށްދޭނަން. އެ ޔަޤީންކަން ދެން.'' ރައީސް ވިދާޅުވެފަވެއެވެ.
މި މަސައްކަތް އަވަހަށް ނިންމުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ސްކޫލްގައި ކްލާސްރޫމްތަކާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެ، ކިޔެވުމަށް ވަރަށް ބޮޑަށް ބުރޫ އަރަމުންދާ ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ސަރުކާރުން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަންނަ ދިރާސީ އަހަރު ކިޔެވުން ފެށުމުގެ ކުރިން ގޮއިދޫ ސްކޫލްގެ 8 ކްލާސް ރޫމް ނިންމާ ހަވާލުކޮށްދޭނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ