ރާއްޖޭގެ ހުރިހާ ހިސާބެއް ވެސް މިދުވަސްކޮޅު ވަނީ ވިއްސާރަ ވިލާތަކުން ބައްދާލައިފަ އެވެ. ބައެއް ހިސާބުތަކަށް ކެރި ކަނޑައިގެން ނުދާއިރު، އަނެއް ބައި ހިސާބުތަކުގައި ކަނޑު ގަދަކަމުން ދަތުރުފަތުރު ކުރަން ނުކެރެ އެވެ.
މިއީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރެކެވެ. ކުރީގައި ނަމަ، މި ދުވަސްވަރު މީހުންނަށް އެނގޭނީ ހިތަ ނަކަތައިގެ ގޮތުގަ އެވެ. ނަކަތް ކަލަންޑަރުގައި އޮންނަ ގޮތުން މި ދުވަސްވަރު، ދޭތެރެ ދޭތެރެއިން ވާރޭ ވެހޭނެ އެވެ. އެކަމަކު ކަނޑު މާ ގަދައެއް ނުވާނެ އެވެ. އެއާ އެކު، ދެން ސުވާލު އުފެދެނީ، އިހުގައި ދިވެހިން މޫސުން ބަލަން ގެންގުޅުނު ނަކަތް ކަލަންޑަރާ، މިހާރުގެ މޫސުން ދިމާވޭތޯ އެވެ.
އޭގެ ޖަވާބު ދެއްވީ، މޫސުމާ ބެހޭ ގައުމީ އިދާރާގެ ސީނިއަ ކްލައިމެޓޮލޮޖިސްޓް އަހުމަދު ޝާބިން އެވެ.
"މުޅިއަކުން ދިމާވެއެކޭ ވެސް ނުބުނެވޭނެ. އަދި ދިމާނުވެއެކޭ ވެސް ނުބުނެވޭނެ،" އޭނާ ވިދާޅުވި އެވެ.
"ކޮންމެވެސް ވަރަކަށް އެބަ އުޅޭ ދުވަސްކޮޅެއް އިތުރުވުމާއި މަދުވުމުގެ ތަފާތެއް. ވަރަށް ދިމާވާ އަހަރުތައް ވެސް އާދޭ."
ޝާބިންއަކީ ދިވެހިން އެންމެ ކުރިން މޫސުން ބަލައި އުޅުނު ގޮތާއި އެހެން ގައުމުތަކުގައި އެކަން ކުރާ ގޮތް ދަސްކޮށް، މައުލޫމާތު ހޯއްދަވާ ތަޖުރިބާކާރެކެވެ. މޫސުމާ ގުޅޭ ޓެކްނޮލޮޖީ އެއްގޮތަކަށް ވެސް ނެތް ޒަމާނެއްގައި، މޫސުމާ ގުޅޭ ވަރަށް ކުދިކުދި އެކަމަކު މުހިއްމު މައުލޫމާތުތައް އެ ނަކަތްތަކުން ފެންނަން ހުރުން އޭނާއަށް ވަރަށް ޝައުގުވެރި އެވެ.
މޫސުން ބެލުމުގައި އިހުގައި ދިވެހިން ބަރޯސާވަނީ ނަކަތްތެރިންނަށެވެ. އެ މީހުން އެކަމަށް، ކިޔެވެލި ކިޔަވަ އެވެ. ކޮންމެ ދުވަހަކު އަތިރިމައްޗަށް ގޮސް، މައުލޫމާތު އެއްކުރެ އެވެ. ސީދާ 'ސަން' ކަލަންޑަރަށް ބެލުމުގެ ބަދަލުގައި، ވަކި ނަކަތެއް ކަމަށް ކަނޑައަޅަނީ، ވަކި މައުލޫމާތެއް، ވަކި ވަރަކަށް އެއްކުރެވުމުންނެވެ.
އިހުގައި މޫސުން ބެލުމަށް، އޭރު އަހަރުގެ ދުވަސްތައް ބަހާލާފައި އޮންނަނީ 27 ބައި ނުވަތަ ނަކަތަށެވެ. އެއީ އެއްވެސް ދުވަސްވަރެއް ދެ ހަފުތާއަށް ވުރެ ދިގުނުވާ ގޮތަށެވެ. އެ 27 ނަކަތް، ދެބައިކޮށްލާފައި އޮންނަނީ، ރާއްޖޭގައި އޮންނަ ދެ މޫސުން ކަމަށްވާ، ހުޅަނގު މޫސުމާއި އިރުވައި މޫސުމަށް ލައްވާލާ ގޮތަށެވެ.
ކޮންމެ ނަކަތަކުން ވެސް، މޫސުމާއި މަސްވެރިކަމާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު އެނގެން ހުރެ އެވެ. ހުޅަނގު މޫސުމުގައި 18 ނަކަތް ހިމެނޭއިރު އިރުވައި މޫސުމުގައި ހިމެނެނީ ނުވަ ނަކަތެވެ.
ހުޅަނގު މޫސުމުގެ ނަކަތްތައް:
އައްސިދަ، ބުރުނު، ކެތި، ރޯނު، މިއަހެލި، އަދަ، ފުނޯސް، ފުސް، އަހުލިހަ، މާ، ފުރަ، އުތުރަ، އަތަ، ހިތަ، ހެއި، ވިހާ، ނޮރަ، ދޮށަ
ފުރަތަމަ ނަކަތް އައްސިދަ، 8 އޭޕްރީލްގައި ފެށޭނީ ގަދަވަޔާއި ވިއްސާރައާ އެކު. އެކަމަކު ނަކަތުގެ ނިމޭކޮޅަށް އަޅާލާއިރު މޫސުން ރީތިވާން ފަށާ
ދެވަނަ ނަކަތް، ބުރުނު އަނެއްކާވެސް ފަށާނީ ގިނަ ފަހަރަށް ވިލާގަނޑަކާ އެކުގައި
ދިވެހިން މިހާރު ވެސް އެންމެ ގަދަކަމަށް ގަބޫލު ކުރާ 'ޖޫންޖުލާ'ގެ ވިއްސާރަގަނޑު ދިމާވަނީ، ކެތިން ފެށިގެން މިއަހެއްޔަށް، އެ ދޭތެރޭގައި ތިން ނަކަތް ހިމެނޭ
ހުޅަނގުގެ އެންމެ ފަހަށް އޮންނަ ދޮށައިގައި މޫސުން ރީތިވޭ
އިރުވައި މޫސުމުގެ ނަކަތްތައް:
މުލަ، ފުރަހަޅަ، އުތުރަހަޅަ، ހުވަން، ދިނަށަ، ހިޔަވިހާ، ފުރަބަދުރުވަ، ފަސްބަދުރުވަ އަދި ރޭވަ
އިރުއުތުރުން ޖެހޭ ވަޔާ އެކު، އިރުވައިގެ ފުރަތަމަ ނަކަތް މުލަ ފެށޭނީ، 10 ޑިސެމްބަރުގައި
މުލަ އާއި ފުރަހަޅަ އާއި އުތުރުހަޅައިގައި ވައި ބާރުވެފައި ކަނޑުތައް ގަދަ. މި ދުވަސްތައް މަޝްހޫރުވެފައި އޮންނަނީ އިރުވައި ހަޅައިގެ ގޮތުގައި
ދެން ހުރި ނަކަތްތަކުގައި ކަނޑުތައް މަޑުވެފައި މޫސުން ރީތިވާނެ. އިރުވައިގެ އެންމެ ފަހު ނަކަތް ކަމުގައިވާ ރޭވަ ނިމޭނީ 7 އޭޕްރީލްގައި
ނަކަތް ކަލަންޑަރު ދިވެހިންނާ ހަމައަށް އައިސްފައި މިއޮތީ، ޝާބިން ވިދާޅުވި ގޮތުގައި، ދެކުނު އިންޑިއާ އާއި ސްރީ ލަންކާއިންނެވެ. ނަކަތްތަކަށް ނަންދެވިފައި އޮތީ ވެސް، އެ ހިސާބުގެ މީހުން އާއްމުކޮށް ވާހަކަ ދައްކާ އުޅޭ ސިންހަޅަ ބަހުން ނޫނީ އެއާ ކައިރިކުރާ ގޮތަށެވެ. މިސާލަކަށް ކެތި ނަކަތަށް އެ ބަހުން ކިޔަނީ ސިތާ އެވެ. އައްސިދައަށް އަސްވިދާ، ބުރުންޏަށް ބެރަނަ އެވެ.
އެހެންވެ، މި ކަލަންޑަރު ބޮޑަށް ސީދާވަނީ ވެސް، ޝާބިން ވިދާޅުވި ގޮތުގައި، އުތުރުގެ އަތޮޅުތަކަށެވެ. ނަކަތް ދައްކާ ގޮތާއި ދެކުނުގެ މޫސުން ތަފާތެވެ. މި ކަލަންޑަރަށް އިހުގައި މީހުން ބޮޑަށް ބަރޯސާވެފައިވަނީ ރިޔަލު ދޯނީގައި ކޮޅުނބަށް ދަތުރުކުރުމަށާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް ވާއިރު، އެކަންކަމުގައި ވެސް ނަކަތް އެހީވަނީ އުތުރުގެ އަތޮޅުތަކަށެވެ.
ދިވެހިން ކުރިން މޫސުން ބަލައި އުޅުނު ކަލަންޑަރުގައި މި ދުވަސްކޮޅަކީ ގަދަ ދުވަސްވަރަކަށް ނުވިކަމުގައި ވިޔަސް، މެޓުގެ މައުލޫމާތުތަކަށް ބަލާއިރު ކުރިއަށް އޮތް ފަސް ދުވަހު ވެސް އޮތީ ހުސް ވިއްސާރަ އެވެ. ބައެއް ހިސާބުތަކަށް ކަނޑު އިންތިހާއަށް ގަދަ އެވެ.
ޝާބިން ވިދާޅުވީ ނަކަތުގެ ގޮތުގައި މެޓު އޮފީހުން ބަލަނީ ދެ ނަކަތެވެ؛ އެއީ އިރުވައި މޫސުމާއި ހުޅަނގު މޫސުމެވެ. އެއަށް ވުރެ އިތުރަށް އެ 'ބްރޭކްޑައުން' ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަކަތް ދިމާނުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، އޭރު ބަލަމުން އައި ކަލަންޑަރު ތަފާތުވުމެވެ. ތާރީހީ މައުލޫމާތުތަކަށް ބަލާއިރު މީގެ އެތައް ގަރުނެއް ކުރިން، 1500 އަހަރުތަކުގައި ގެންގުޅުނު، ޖޫލިއަން ކަލަންޑަރާއި ނަކަތް ކަލަންޑަރު ގުޅެ އެވެ. މިހާރު ބަލަމުން އަންނަ ސަން ކަލަންޑަރާއި ނަކަތް ކަލަންޑަރު، ޝާބިންގެ ބަހުން ނަމަ، 'ލޮކް'ވެފައި އޮންނައިރު، މައުލޫމާތުތަކެއް ދިމައެއް ނުވެ އެވެ.
"މިސާލަކަށް ޖޫލިއަން ކަލަންޑަރުގެ ފެބްރުއަރީ މަހު، ވަކި ނަކަތެއް ފެށޭ ކަމަށް މި އޮންނަނީ. އެހެންވެ މިހާރުގެ ކަލަންޑަރުގައި އޮންނަ ދުވަހަކާއި ނަކަތް ކަލަންޑަރުގައި ހުންނަ މައުލޫމާތު ނުގުޅޭ ފަހަރުތައް އާދޭ،" ޝާބިން ވިދާޅުވި އެވެ.
"ނަކަތް ކަލަންޑަރުން ހުޅަނގު ލައިގަތީއޭ ބުނާއިރު، މެޓުން އަދި ހުޅަނގު އިއުލާނު ނުކުރާ ފަހަރު ވެސް ދޭ."
އޭނާ ވިދާޅުވި ގޮތުގައި:
ހުޅަނގު މޫސުން ކަމަށް މެޓު އޮފީހުން އިއުލާން ކުރަނީ ހުޅަނގުން ވަކި ވަރަކަށް ވައި ހިފަހައްޓަން ފެށީމަ
އެކަމަކު ނަކަތް ކަލަންޑަރަށް ބަލާއިރު އައްސިދައާ ހަމައަށް ދާއިރު ވެސް ވައި އެނބުރޭ ވާހަކައެއް ނުދައްކާ. އަދި ބުރުނުގައި ވެސް ކިޔަނީ ކުއްލިކުއްލިއަށް ކޮޅިގަނޑު އަންނަ ވާހަކަ
މެޓުން އާއްމުކޮށް ހުޅަނގު މޫސުން ކަމަށް ކަނޑައަޅަނީ، ނަކަތް ކަލަންޑަރުން ތިން ނަކަތް ފާއިތުވާ ފަހުން
"އަޅުގަނޑުމެން ނަކަތް ކަލަންޑަރު ނުބައެކޭ ނުދަންނަވަން. އެކަމަކު މޫސުމާ ގުޅިގެން ވެސް އިިތުރު ތަފާތުތަކެއް އެބަ އާދޭ،" އޭނާ ވިދާޅުވި އެވެ.
ޝާބިން ވިދާޅުވީ މިހާރުގެ މޫސުމާއި ނަކަތްތައް ދިމާވޭތޯ ބަލަން މިހާތަނަށް އެއްވެސް ދިރާސާއެއްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ މައުލޫމާތު މިހާރު އެއްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސައިންޓިފިކަލީ ގޮތުން، 'ކްލައިމެޓް ޑާޓާ'އޭ ބުނެވޭ، 30 އަހަރުގެ މައުލޫމާތު، ރާއްޖޭގެ ފަސް ސަރަހައްދަކުން އެއްކޮށް ނިމުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މިހާރު މަސައްކަތް ކުރަމުން އަންނަނީ މިހާރު އޮތް ނަކަތް ތާރީހުތަކާއި ކުރީގައި ބޭނުންކުރި ނަކަތް ތާރީހުތައް، މިދިޔަ 30 އަހަރާ އަޅާބަލަން ކަމަށް ވިދާޅުވި އެވެ.
ޝަބީން ވިދާޅުވީ މޫސުން ބެލުމުގައި ނަކަތަށް ބަރޯސާ ވެވޭނީ ކިހާވަރަކަށްތޯ އާއި ބަރޯސާ ވެވޭ ނަމަ، އެ އެޖެސްޓު ކުރުމަށް ދެން ކުރަން ޖެހޭނެ ކަންކަން އެނގޭނީ އެ މަސައްކަތް ނިމުމުން ކަމަށެވެ.
މޫސުން ބަލަން ނަކަތަށް ބަރޯސާ ވެވިދާނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ