އައިފޯނަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ފޯނެއް ނެރެނީ

އައިފޯނަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެޕަލް ކުންފުނިން ޚާއްސަ ފޯނެއް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ޓެކްނޮލޮޖީ ދާއިރާގެ ޚަބަރުތައް ބުނަން ފަށައިފިއެވެ. ބްލޫމްބާގްގެ މަޝްހޫރު ނޫސްވެރިޔާ މާކް ގާމަންއާ ހަވާލާދީ ފެތުރެމުންދާ މި ޚަބަރުތަކުގައިވާ ގޮތުން، 2027 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ މި ޚާއްޞަ އައިފޯނުގެ އިތުރުން ކެމެރާ ހަރުކޮށްފައިވާ އެއާޕޮޑްސް ފަދަ އާ އުފެއްދުންތަކެއް އެޕަލް އިން ދަނީ އައިއޯއެސް 28 ސޮފްޓްވެއާ އާއެކު މިހާރު ޓެސްޓްކުރަމުންނެވެ. މިގޮތުން 2027 ގައި ނެރުމަށް ރާވާފައިވާ އައިފޯނުގެ 20 ވަނަ އަހަރީ މޮޑެލް ފާހަގަކުރެވިގެންދާނީ އޭގެ ޑިޒައިނަށް އަންނާނެ ބޮޑު ބަދަލަކުންނެވެ. https://sun.mv/223053 މި ފޯނުގައި ބޭނުންކުރާނީ އަރިމަތިން ބޭރަށް ލެނބިފައިވާ ބިއްލޫރިގަނޑަކާއެކު، މުޅި ފޯނު ނިވާކޮށްލާ ފަދަ "އެޖް-ޓު-އެޖް" ޑިސްޕްލޭއެކެވެ. މިއީ މިހާރުގެ އައިފޯނުތަކުގައި ހުންނަ ފްލެޓް ސްކްރީން ޑިޒައިނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ. މީގެ އިތުރުން މި ފޯނުތަކުގައި އެޕަލްގެ އެންމެ ފަހުގެ 2 ނެނޯމީޓަރުގެ އޭ21 ޗިޕް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ. މި ސީރީޒްގެ ތެރެއިން އެޕަލް އިން ދަނީ އެއާޕޮޑްސްގެ ތެރެއަށް ކެމެރާ ތައާރަފްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ނަމަވެސް މި ކެމެރާއަކީ އާންމުކޮށް ފޮޓޯ ނެގުމަށް ބޭނުންކުރާ ކެމެރާއެއްގެ ބަދަލުގައި، އާޓިފިޝަލް އިންޓެލިޖެންސްގެ "ވިޜުއަލް އިންޓެލިޖެންސް" ފީޗާސްތަކަށް އެހީތެރިވެދޭނެ ކެމެރާއެކެވެ. މީގެ އެހީގައި ކައިރީގައި ހުންނަ ތަންތަނާއި ތަކެއްޗާ ބެހޭގޮތުން ފޯނު ނުނަގައި ސިރީއާ ސުވާލުކޮށްގެން މައުލޫމާތު ހޯދޭނެއެވެ. މި އާ އުފެއްދުންތަކުގެ އިތުރުން، އެޕަލް އިން ދަނީ މެޓާގެ އުފެއްދުންތަކާ ވާދަކުރެވޭނެ ފަދަ ސްމާޓް އައިނެއް ނެރުމަށްވެސް ތައްޔާރުވަމުންނެވެ. ފޮޓޯއާއި ވީޑިއޯ ނެގޭނެ ކެމެރާ ހަރުކޮށްފައިވާ މި ފަދަ ސްމާޓް އައިނެއްގެ އިތުރުން، ކެމެރާ ހިމެނޭ ފަދަ އޭއައި ޕެންޑަންޓްތައް ފަދަ ހަށިގަނޑުގައި އަޅައިގެން އުޅެވޭ ޓެކްނޮލޮޖީގެ އެކި ކޮންސެޕްޓްތައް އެޕަލް އިން ދަނީ ދިރާސާކުރަމުންނެވެ. އެޕަލްގެ އައިފޯނަށް 20 އަހަރު ފުރޭނީ 2027 ވަނަ އަހަރުއެވެ. ފުރަތަމަ އައިފޯނު ބާޒާރަށް ނެރެފައިވަނީ 29 ޖޫން 2007 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ