ޖަލުތަކުގައި ޖާގައެއް ނެތެވެ. ކޯޓުތަކުގައި މައްސަލަތައް ފުރި ބާރުވެފަ އެވެ. ގިނަ މައްސަލަތައް ދިގުލައިގެން ގޮސް މަޑުޖެހިފަ އެވެ. ކޯޓުތަކުގެ ޖާގައިގެ ދަތިކަމުން، ޝަރީއަތްތައް އަވަސްކުރެވޭކަށް ވެސް ނެތެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ވެސް ޝަރުތަކާ އެކު ދޫކޮށްލަން ޖެހެނީ މިފަދަ އެތައް ސަބަބަކާ ހެދި އެވެ.
މީހެއްގެ މައްޗަށް ހަމައެކަނި ތުހުމަތެއް ކުރެވި، އެކަމަކު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ހުންނަން ޖެހޭ ނަމަ، ވަކި ކަހަލަ ޝަރުތުތަކެއް ފުރިހަމަވާ ހާލަތުގައި ބަންދުން ދޫކޮށްލަން ގާނޫނުގައި ހުރަހެއް ނެތެވެ. އެކަމަކު އެގޮތަށް ދޫކޮށްލާ މީހުންގެ ތެރޭގައި ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތުހުމަތުކުރެވޭ މީހުން ވެސް ހިމެނޭއިރު، އެމީހުން އުޅޭ ނޫޅޭ ގޮތް ބެލުމުގެ ގާބިލުކަން ނެތި، ދޫކޮށްލުމަކީ ވެސް މައްސަލައެކެވެ.
މި ފަހުން ކްރިމިނަލް ކޯޓުގައި އޮތް މީހެއްގެ މަރާ ގުޅޭ އަޑުއެހުމެއްގައި ދައުލަތުން ބުނީ، ފުލުހުންގެ އެ ގާބިލުކަން ނެތް ވާހަކަ އެވެ.
"ފުލުހުންނަކަށް ނެތޭ ބަންދުގައި ތިބެން ޖެހޭ ބަޔަކު ދޫކޮށްލީމާ އެ މީހުން މުޖުތަމައުގައި ބަައިތިއްބައިގެން އެކްޓިވްލީ މޮނިޓާކުރާނެ ކެޕޭސިޓީއެއް. އެހެންވީމާ އިއްޒަތްތެރި ގާޒީ، ޖަލުތަކާ އެއްޗެހި ހަދާފައި އެ ތަނުގެ ތެރޭގައި ވަކި ބަޔަކު މޮނިޓާކުރާ ގޮތަށް ގާނޫނުތައް ފަރުމާކޮށްފައި މިވަނީ،" ދައުލަތުގެ ވަކީލު ޝާމާ ނަސީރު ވިދާޅުވި އެވެ.
ދައުލަތުން މިކަން ފާހަަގަކުރީ، އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފާ ހުއްޓައި، މިދިޔަ ޑިސެމްބަރު މަހު ދޫކޮށްލި ހަލީމަތު ލަމްހާ ދޫވެފައި ހުރުމަކީ މުޖުތަމައުއަށް ނުރައްކާ އޮތް ކަމެއްތޯ ބަލަން ރިސްކް އެސެސްމަންޓެއް ހަދަން ގާޒީ އެދިވަޑައިގަތުމުންނެވެ. ދައުލަތުން ބުނިގޮތުގައި އެހެން ދޫކޮށްލާ މީހުން ބަރާބަރަށް މޮނިޓާކުރަން ޖެހޭ ފަދަ އުސޫލެއް ނެތުމުން ލަމްހާ އުޅޭ ނޫޅޭ ގޮތް ފުލުހުން ބަލާފައެއް ނުވެ އެވެ. އެހެންވެ އެފަދަ އެސެސްމަންޓެއް ހެދެން ނެތް ކަމަށް ދައުލަތުން ފާހަގަކުރި އެވެ.
މިދިޔަ އަހަރުގެ މާޗު މަހު ހައި ކޯޓުގައި އޮތް ބަންދާ ގުޅޭ އިސްތިއުނާފް މައްސަަލައެއްގައި އެކަމާ ގުޅޭ ގޮތުން ވަރަށް ފުޅާކޮށް ވާހަކަދެކެވުނެވެ. މި މައްސަލަ ރައްދުވަނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްގެ މައްޗަށެވެ.
އޭނާއަށް ތުހުމަތުކުރެވެނީ:
ކޮވިޑް-19ގެ ތެރޭގައި މަގުމައްޗަށް ނުކުމެއުޅުން މަނާ ދުވަސްވަރެއްގައި މަގުމަތިން ފެނުނު 11 އަހަރުގެ އަންހެން ކުއްޖަކު ގުރޫމުކޮށް ޖިންސީ ގޯނާކުރި ކަމަށް
މަގުމަތިން ފެނިގެން، އެ ކުއްޖާއާ ވާހަކަދައްކައި ފޯނެއް ގަނެދޭނެ ކަމަށް ބުނެ ކައިރީގައި ހުރި ފިހާރަކުން ދަޅާއި ބޮޑީ ސްޕްރޭ ފުޅިއެއް ގަނެދިން ކަމަށް
ކުއްޖާ ގްރޫމްކޮށް، އެކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް، އެކުއްޖާއާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް
އޭނާ ޝަރީއަތް ނިމެންދެން ފުރަތަމަ ބަންދުކުރީ ކުށް ކޮށްފައިވާ ގޮތާއި ކުށުގެ ބާވަތަށް ބަލާއިރު، މުޖުތަމައުއަށް ނުރައްކާ މީހަކަށް އޭނާ ވުމުންނެވެ. އެކަމަކު ޝަރީއަތް މާ ބޮޑަށް ދިގުލައިގެން ގޮސް، ބަންދުގައި ގިނަ އަހަރުތަކެއް ހޭދަވާތީ ކަމަށް ބުނެ ޝަރުތުކޮށްފައި އޭނާ ދޫކޮށްލި އެވެ.
އެ ނިންމުން ބާތިލުކުރަން ހައި ކޯޓަށް ދައުލަތުން މައްސަލަ ހުށަހެޅުމުން، އެ އަޑުއެހުންތަކަށް ހާޒިރުވުމުގެ އަމުރާ އޭނާ ހަވާލުވީ، ދިރިއުޅޭ ގޭގެ އެޑްރެސް ހަނދާން ނެތް ކަމަށް ބުނެ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ދިޔައިރު، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހުކުމް ކުރުމުގެ ކުރިން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހެއް، ގޭބަންދުގައި ބަހައްޓަނީ ކޮން އުސޫލެއްގެ ދަށުންތޯ ދައުލަތާ ސުވާލުކުރި އެވެ. އޭރު ދައުލަތުން ބުނެފައިވަނީ:
ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދަށް އައުމާ ގުޅިގެން ނިޒާމަށް އައި ބަދަލުތަކާ އެކު ގޭބަންދުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ބަންދެއް ނޫން ކަމަށް
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ޖަލުބަންދުން ގޭބަންދަށް ބަދަލުކުރެވޭ ފަދަ އަދި ގޭބަންދުގައި ހުންނައިރު އަމަލުކުރާނެ ގޮތުގެ އުސޫލެއް ލިޔެފައި ނެތް ކަމަށް
މި އިސްތިއުނާފް ނިމުނީ އޭނާއަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއްކަމަށް އެ މައްސަލަ ހައި ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުވެގެންނެވެ.
މި މައްސަލައިގެ ރިޔާސަތު ބެއްލެވި ފަނޑިޔާރު ދީބަނާޒް ފަހުމީ ވިދާޅުވި ގޮތުގައި، އަމުރާ ހަވާލުވުމުގެ ހުއްޖަތެއް ދައްކައި، ޒަރޫރީ އެއްވެސް ސަބަބެއް ނެތި 'ހީލަތްތެރި ގޮތަަކަށް' ގެއިން ބޭރަށް ނުކުންނަން އޭނާއަށް ފުރުސަތު ލިބުނީ، އޭނާގެ އެޑްރެސް ސާފުކުރަން ފުރުސަތު އޮވެމެ، އެކަށީގެންވާ ގޮތެއްގައި ދައުލަތުން އެ މަސައްކަތް ނުކުރުމުންނެވެ.
ހުކުމް ކުރުމުގެ ކުރިން ޖަލުބަންދުގައި ހުރި މީހަކު ބަންދުން ދޫކޮށްލާ ނަމަ އެ މީހަކު އުޅޭނޫޅޭ ގޮތް، ދައުލަތުގެ ނިޒާމުގެ ތެރެއިން ހަރުދަނާ ގޮތެއްގައި ބެލެހެއްޓެން ވާނެކަމަށް ދީބަނާޒް ވިދާޅުވި އެވެ. އެ ހާލަތު މުތާލިއާކޮށް މުރާޖައާކުރަމުން ގެންދިޔުމާއި، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމުގެ ޒިންމާ އޮތީ ދައުލަތުގެ ޕްރޮސިކިއުޓަރު ޖެނެރަލްގެ ކިބައިގަ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ދީބަނާޒް އެދުވަހު ވިދާޅުވި ގޮތުގައި:
ގޭބަންދަށް ޝަރުތުކޮށްފައި ދޫކޮށްލާއިރު، ކޯޓުން އެކުރާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރުކުރަން އެމީހުން އުޅޭ ނޫޅޭ ގޮތް ބެލޭނެ ގާނޫނެއް ނުވަތަ ގަވާއިދެއް ވެސް ރާއްޖޭގައި ނެތް
އެފަދަ ގަވާއިދެއް ނުވަތަ އުސޫލެއް ނެތި، ޝަރުތުކޮށްފައި ވިޔަސް، ޖަލުބަންދުގައި ހުރި މީހަކު ގޭބަންދަށް ބަދަލުކުރުމަކީ، ގާނޫނީ ގޮތުން ބަލާއިރު ކުރެވޭނެ ކަމެއް ނޫން
"ހުކުމް ކުރުމުގެ ކުރިން ޖަލު ބަންދުގައި ހުންނަ ފަރާތެއް ގޭބަންދަށް ބަދަލުކުރުމަކީ ދައުލަތުގެ ސިޔާސަތެއް ކަމުގައިވާ ނަމަ، އެކަންކުރަން ޖެހޭނީ ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަމުގައި ވާއިރު، އެފަދަ އުސޫލެއް ނެތި ޖަލުބަންދުގައި ހުރި މީހަކު ގޭބަންދަށް ގާނޫނީ ގޮތުން ބަދަލުކުރެވޭނެކަމަށް ނުދެކެމެވެ،" ދީބަނާޒުގެ ހުކުމުގައި ވިދާޅުވި އެވެ.
ވަކި ބާވަތެއްގެ މައްސަލަތަކުގައި، ވަކި ކަހަލަ ޝަރުތުތަކެއް ފުރިހަމަވެގެން ނޫނީ ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީ ބުނެ އެވެ. މީހަކު ބަންދުގައި ބެހެއްޓެނީ:
އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭ ނަމަ
ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި
މީހަކު ބަންދުން ދޫކޮށްލާ ހާލަތުގައި މިކަންކަން ކަށަވަރުކުރަން އެމީހަކު ބަންދުން ދޫކޮށްލާއިރު ޝަރުތުތަކެއް ކަނޑައަޅަން ޖެހެ އެވެ. މައްސަލަ ނިުކުންނަނީ، މި ޝަރުތުތައް ކަނޑައަޅައި ދޫކޮށްލާ ހިސާބުން، އެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ނުވަތަ ނުކުރޭތޯ ކަށަވަރުކުރެވޭނެ އުސޫލެއް ނުވަތަ ގަވާއިދެެއް ނެތުމުންނެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް ބަންދުން ދޫކުރާ ނަަމަ އެމީހަކު އުޅޭނޫޅޭ ގޮތް ބެލޭނެ ގޮތަކަށް ގާނޫނެއްގައި ލިޔެ، އެކަމަށް ގަވާއިދެއް ނުވަތަ އުސޫލެއް ހަދަން ޖެހެ އެވެ.
ބަންދުން ދޫކުރުމުގައި ގެންގުޅެނީ ދެ ގޮތެކެވެ. އެއީ ހަަމައެކަނި ޝަރުތުތަކެއް ކޮށްފައި ދޫކޮށްލުމާއި، ޓެގު އަޅުވާފައި ދޫކޮށްލުމެވެ. ޓެގު އުސޫލުން ބަންދުން ދޫކުރަން އަލުން ވަނީ ފަށައިފަ އެވެ. މިހާތަނަށް ގާތްގަނޑަކަށް ނުވަ ވަރަކަށް މީހުން ޓެގު އަޅުވާފައި ދޫކޮށްލާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ވެބްސައިޓުން ދައްކަ އެވެ.
ޓެގު އަޅުވާފައި ދޫކޮށްލަނީ އެމީހަަކު އުޅޭ ތަނާއި ހަރަކާތްތައް ބެލޭ ގޮތަށެވެ. އެކަމަކު އޭގައި ވެސް އޮޅުވާލެވިދާނެ ގޮތްތަކެއް ހުންނާތީ، އެންމެ ރަނގަޅަށް މޮނިޓާކުރުމުގައި ދަތިތަކެއް އުޅެ އެވެ.
މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ (މޮނިކޮން) ނިޒާމުގެ ދަށުން ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ މީހުންގެ ފައިގައި ޓެގު އަޅުވަން 2023ގައި އަލުން ފެށިއިރު އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވާ ގޮތުގައި، އެ ނިޒާމުގެ ދަށުން މީހުން ބެލެހެއްޓުމުގައި އިދާރީ އަދި ތަންފީޒީ ދަތިތަކެއް މީގެ ކުރިން ކުރިމަތިވި އެވެ. އެކަމަކު އަލުން އެ މަސައްކަތް ފެށީ، މީހުން މޮނިޓަކޮށް ކޮންޓްރޯލްކުރުމުގެ ގާބިލުކަން ފުލުހުންގެ ތެރޭގައި ގާއިމުކޮށްފައި ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އޭނާ ވިދާޅުވީ ކުރިން ދިމާވި ދަތިތައް ދެން ދިމާނުވާނެ ކަމަށެވެ.
އެކަމަކު، މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، މި ރިޕޯޓަށް ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި މިހާރު ވެސް އެ ދަތިތައް އުޅެ އެވެ. އެހެންކަމުން ނުރައްކާތެރި ކުށްކުށުގައި ތުހުމަތުކުރެވޭ މީހުން ޓެގު އަޅުވާފައި ދޫކުރުމަކީ ވެސް އެންމެ ރައްކާތެރި ގޮތް ކަމަކަށް ނުބެލެވެ އެވެ.
ޓެގު އުސޫލުގެ ދަށުން ވަކި ކަހަލަ ކުށްތަކުގައި ހިމެނޭ މީހުން ބަންދުން ދޫކުރަން މިދިޔަ މޭ މަހު އަނެއްކާ ވެސް ފެށީ، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް އެތައް އަހަރެއް ވަންދެން 'ވާނުވާ' ބަންދުގައި ތިބެން ޖެހުމުގެ މައްސަލައަށް ހައްލެެއް ހޯދުމުގެ ގޮތުންނެވެ.
ޓެގު އަޅުވާފައި މިހާތަނަށް ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނޭ %75 އަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުންނެވެ. މާރާމާރީތަކުގައި ކޮންމެވެސް ގޮތަކުން އެހީތެރިވެދިން އެކަމަކު އަމަލީ ގޮތުން އެކަމުގައި ބައިވެރިނުވާ ދެތިން މީހަކު ވެސް ހިމެނެ އެވެ.
ފަހުގެ ޓެގު އުސޫލު ގެނައި ފަހުން، ބަންދުގައި ހުންނަތާ 90 ދުވަސްެ ތެރޭގައި ފުލުހުން އެސެސްމަންޓެއް ހަދާފައި ފޮނުވަ އެވެ. ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި، އެ އެސެސްމަންޓުތަކަށް ބަލާއިރު ޓެގު އުސޫލުގެ ދަށުން ދޫކޮށްލި މީހުން ޝަރުތަކާ ހިލާފުވެގެން ނުވަތަ ގޭބަންދު އުވާލަން ޖެހޭ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެން އެކަން ކުރަން ޖެހޭ ސަބަބެއް ފާހަގައެއް ނުވެ އެެވެ.
އެކަމަކު ގޭބަންދުގައި ތިބޭއިރު، ޝަރުތުތަކާ ހިލާފުވާ މީހުން ވެސް އުޅޭ ކަމަށާއި، ގިނައިން އެކަން ފާހަގަކުރެވެނީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރުމަށް ފަހު ބަންދުން ދޫކުރާ މީހުންގެ ފުށުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން މި ރިޕޯޓަށް ވާހަކަދެއްކެވި ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި އެމީހަކު އުޅޭ ނޫޅޭ ގޮތް ބެލުމާއި، އެ މުއްދަތުގައި އެމީހެއްގެ އަމަލުތައް ހުންނަ ގޮތް ބެލުން މުހިންމު ވަނީ، އެމީހަކު މުޖުތަމައުއަށް ދޫކޮށްލާފަ ހުރުން ރައްކާތެރިތޯ ނުވަތަ ކުށް ތަކުރާރުކުރުމުގެ ފުރުސަތު އޮތީ ކިހާ ވަރަކަށްތޯ ބެލުމުގައި އެ މައުލޫމާތުތައް މުހިންމު ވާތީ ކަމަށެވެ.
ޖިނާއީ ބޮޑެތި ގިނަ މައްސަލަތަކެއްގައި ވާކާލާތު ކުރައްވާ ހަމްޒާ ވިދާޅުވި ގޮތުގައި ބަންދުން ދޫކުރާ މީހުންގެ ވާހަކަތަކަށް ބަލާއިރު އުޅޭ ނޫޅޭ ގޮތް ފުލުހުން ބަލާކަން ފާހަގަވެ އެވެ. އެކަމަކު ވެސް ބައެއް މީހުން އުޅޭނޫޅޭ ގޮތް ބެލުމުގައި ފުލުހުންގެ އަތުން ދޫވާ ކަންކަން ހުންނަކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް ގޯސް ގޮތަކަށް އުޅެންޏާ ހަމަ ފުލުހުން ބުނޭ، ކިހިނެއްހޭ ތި ހަދަނީ. ކޮން ތާކަށްހޭ ތި ދަނީ؟ މިވެނި ބަޔަކާ ބައްދަލުކުރާކަށް ނޫންހޭ ތި ދަނީ. އެހެންވީމާ އެބަ އެނގޭތާ ބައްލަވާކަން. އެކަމަކު ހުރިހާ ކަމެއް ފުރިހަމަވޭތޯ، ހުރިހާ ނުރައްކަލެއް އެވޮއިޑްވޭތޯ؟ ނޫން އަޅުގަނޑު ގަބޫލެއް ނުކުރަން %100 ވާނެއެކޭ،" ހަމްޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަންދުން ދޫކޮށްލާފައި ހުންނަ މީހާގެ އަމަލުތައް ދެނެގަނެވޭނެ ރިސްކް އެސެސްމަންޓެއް ހެދުން އުނދަގޫކަމަށް ދައުލަތުން ފާހަގަކުރިޔަސް، ޖަލު ބަންދުގައި ހުންނައިރު ޓެގު އަޅުވަން ވެސް އެފަދަ އެސެސްމަންޓެއް ފުލުހުން ހަދާ ކަމަށެވެ. އެހެންކަމުން ބަންދުން ދޫކޮށްލާފައި ހުންނައިރު ވެސް އެ އެސެސްމަންޓް ހެދޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އެކަމަކު ޕީޖީ އޮފީހުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި، ބަންދުގައި ހުންނައިރު، އެމީހާގެ ފުށުން ނުރައްކާ އޮތް މިންވަރު ބަލަން އޭނާ އުޅޭނޫޅޭ ގޮތް ގާތުން ބެލޭ މިންވަރަށް، ބަންދުން ދޫކޮށްލާފައި ހުންނައިރު ބެލުމަކީ، ސަބަބުވެރި ވިސްނުމަކުން ވިސްނާއިރު ވެސް އުނދަގޫ ކަމެއް ކަމަށެވެ. އެއީ ދައުލަތުގެ ހިޔާވައްސެއްގައި ހުންނަ އިރު އެމީހާގެ ކަންކަން ބެލޭ ގޮތާއި ޒާތީ އެތައް ކަމެއް ހިމެނޭ އަމިއްލަ ގެއެއްގައި އުޅޭ އިރު ބެލޭނެ ގޮތް ވަރަށް ތަފާތުވާނެ ކަމަށް ވިދާޅުވި އެވެ.
"ބަންދުގައި ތިބޭއިރު މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ނެތްކަން ކަށަވަރުކުރެވޭ މިންވަރަށް، ދޫކޮށްލާފައި ތިބޭއިރު ނުކުރެވޭނެ. އެއީ އެމީހުންގެ ގެދޮރަށް ވަދެ ފުލުހުންނަކަށް ނުތިބެވޭނެ. އަނެއްކާ އެހެން މީހުންގެ ޕްރައިވެސީއަށް ބަލާއިރު ވެސް އެއީ ކުރެވިދާނެ ކަމެއް ނޫން އެތަނަށް ވަދެ އުޅޭނޫޅޭ ގޮތް ބެލުން،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެގު އުސޫލުން ދޫކުރާއިރު އެކަން ކަށަވަރުކުރަން ކޮންމެވެސް މިންވަރަކަށް ފަސޭހަވިޔަސް، ޖިނާއަތުގެ ބޮޑެތި ކުށްތަކުގައި ބަންދުގައި ބަހައްޓަން ޖެހޭ މީހަކު ދޫކޮށްލަން ބަލާއިރު ޓެގު އަޅުވާފައި ދޫކުރުމަކީ ވެސް އެންމެ ރަނގަޅު ހައްލު ނޫން ކަމަށެވެ.
"އަނިޔާވެރިކަން ނުހިމެނޭ ކުށްތަކުގައި ޓެގު އަޅުވާފައި ނުވަތަ ޝަރުތުކޮށްފައި ދޫކޮށްލުމަކީ ކުރެވިދާނެ ކަމެއް. އެކަމަކު މުޖުތަމައުގެ ސަލާމަަތަށް ނުރައްކާ އޮތިއްޔާ ކޮންމެ މީހަކު ވިޔަސް ހުންނަން ޖެހޭނީ ބަންދުގައި. އެއީ ދައުލަތުގެ ސްޓޭންޑަކީ،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުސޫލެއްގެ ގޮތުން ކުށެއްގެ ތުހުމަތުކުރެވި، ޝަރީއަތް ނިމެންދެން ބަންދުކުރާ ކޮންމެ މީހަކީ ބަންދުގައި ތިބެން ޖެހޭނެ މީހެކެވެ. އެފަދަ މީހުން ގޭބަންދަށް ލާން ޖެހޭ މައިގަނޑު ސަބަބަކީ ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެން ދިއުންކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.
އެހެންކަމުން އެކަމަށް އޮތް ދާއިމީ ހައްލަކީ ޝަރީއަތްތައް ވީހާ ވެސް އަވަސް ވުމެވެ. ކްރިމިނަލް ކޯޓުގެ އާ އިމާރާތް ބޭނުންކުރަން ފެށުމާ އެކު ޖާގައިގެ ދަތިކަމަށް މިިހާރު ހައްލު ލިބިފައިވާތީ ކުރިއަށް އޮތް ތަނުގައި ޝަރީއަތްތައް އަވަސްވެ، ބަންދުގެ މައްސަލައަށް ވެސް ހައްލު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އުޅޭ ނޫޅޭ ގޮތް ބެލޭނެ އުސޫލެއް ނެތް؛ ގޭބަންދަށް ދޫކުރަން ގާނޫނު ތަންދޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ