ތަންކޮޅެއް ބޮޑަށް ވިސްނާލަބަލަ!: ފިރިހެނަކު އެދުނީމާ އަމިއްލަ ކާރު އޭނާ ދުއްވާލަންދޭ އުޞޫލުން ފިރިހެނަކު އެދޭއިރަށް އަމިއްލަ ހަށިގަނޑުދޭން ހެޔޮވާނީ ކިހިނެއްތަ؟

މިހެން ބުނަން ދެރަވެސްވެއެވެ. ލަދުވެތިވެސްވަމެވެ. ނަމަވެސް މިބުނަނީ ޙަޤީޤަތަށެވެ. ލޯބިވެރިޔާގެ ކިބައިން ލަނޑުލިބިގެން ނަފްސާނީވެ ފަރުވާކުރަން އަންނަ ގިނަ އަންހެނުންގެ ކިބައިން އެނގެނީ އެކި މިންވަރަށް އެކަނބަލުންގެ ހަށިގަނޑު ލޯބިވެރިޔާއަށް ދެވިފައިވާ ކަމެވެ.  
އެހިސާބުން އެއޮތީ ރަތްރޮނގު ހުރަސްކުރެވިފައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އަމިއްލައަށް ނަގައިލެވިފައެވެ. ވީމާ މިރޭވެސް ތަކުރާރުކޮށްލާނަމެވެ. ތިބާދެކެ ޙަޤީޤީ ލޯބިވާ މީހަކު ކައިވެނީގެ ބޭރުން ތިބާގެ ގައިގައި ބީހުމަކަށް ނުއެދޭނެއެވެ. އެދިއްޖެނަމަ އެއީ ތިބާދެކެ ލޯބިވާ މީހެއް ނޫނެވެ.  
އެެހެންވެ މަސައްކަތް މިކުރަނީ މިމައްސަލަ ތަންކޮޅެއް ފަސޭހައިން ވިސްނޭނެ ގޮތަކަށް ކިޔައިދޭށެވެ! ރަނގަޅަށް އަޑުއަހާށެވެ!   
އަހުރެން މިހެން ބުނީމާ އެކަކުވެސް އަހުރެން ދެކެ ރުޅި ނުއަންނާށެވެ. ރަނގަޅަށް ވިސްނައިލާށެވެ. އަހުރެމެން މިދައްކަނީ އަންހެނުން ކުރިއަރަމުން އަންނަ ވާހަކައެވެ. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ގިނަ ޢަދަދެއްގެ އަންހެނުން މިއަދު ވަނީ ވަރަށް ގިނަ ގޮތްގޮތުން ފިރިހެނުންނާއި އެއްސަފަކަށް ކުރިއަރައިފައެވެ. ވަޒީފާގައި އަދި އަމިއްލަ މަސައްކަތްކުރުމުގައިވެސް މެއެވެ.  
އެކަމަކު ސުވާލަކީ އެހެންކަމަށްވާއިރު ކައިވެނީގެ ބޭރުން ތިމާގެ ހަށިގަނޑު ހިލޭފިރިހެނުން ބޭނުން ގޮތަކަށް ބޭނުންކުރަން ދެވުނީމާ އެއެރުނީ ކުރިއަށް ހެއްޔެވެ؟ ނުވަތަ އެކަންވާނީ ފަހަތަށް ދެވުމަށް ހެއްޔެވެ؟ ހަމަ ޤައިމުވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދެވުނީ އެންމެ ފަހަތަށެވެ.  
އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް ﷲ ތަޢާލާ ދެއްވަވާ އެންމެ ބޮޑު އެއް ނިޢުމަތަކީ އޭނާގެ ހަށިގަނޑެވެ. އޭނާގެ ގުނަވަންތަކެވެ. އެއިގެ ތެރެއިން ވަކި ގުނަވަންތަކެއް ޚާއްޞަކޮށް ރައްކައުތެރިކުރަން އަންގަވާފައި އެއޮތީ ވަރަށް ގިނަ ސަބަބުތަކަކަށްޓަކައެވެ.  
އަންހެނަކު އޭނާގެ ހަށިގަނޑު ހިލޭ ފިރިހެނުންނާއި ޙަވާލުކުރާނަމަ އަހުރެން ބުނާނީ އޭނާ އެކަން އެކުރަނީ ވަރަށް ނުބައި ވިސްނުމެއްގައި ހުރެގެން ކަމަށެވެ. އޭނާގެ އަތުގައި ފިރިހެން މީހާއާއި ޙަވާލުކުރާނެ އެހެން އެއްވެސް އެއްޗެއް ނެތްކަމަށް ޤަބޫލުކުރެވިގެންކަމަށެވެ. މިއީ ހުޅަނގުގައި މިހާރު ފެތުރި ޢާންމުވެފައިވާ އެންމެ ބޮޑު ވަބާއެވެ. މިވަބާ މުސްލިމުންގެ ތެރެއަށްވެސް އަންނަނީ  ފެތުރެމުންނެވެ.  
ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ ހަށިގަނޑަކީ ތިއަކަނބަލުންގެ ޙައްޤެއް ނޫނެވެ. އެއީ ﷲ ތަޢާލާ ތިއަ ލޮބުވެތިކަނބަލުންނާއި ޙަވާލުކުރައްވަވާފައިވާ އެންމެ ބޮޑު އެއް އަމާނާތެވެ. އެއަމާނާތަށް ރައްކައުތެރިވާންޖެހޭނެއެވެ.  
ތިބާއަތުގައި އޮންނަ އަގުބޮޑﷲު ކާރު އެކުވެރިއަކު ދުއްވާލަންދޭ އުޞޫލުން ތިބާގެ ހަށިގަނޑު އެއްވެސް މީހަކާއި ޙަވާލުނުކުރާށެވެ. ހަށިގަނޑު ޙަވާލުކުރަންވާނީ ޢަބުރުވެރިކަމާއި ޝަރަފުވެރިކަމާއިއެކުގައެވެ. އެއީ ކައިވެންޏަށްފަހު ޙަވާލުކުރުމެވެ! އެހެން ނޫންނަމަ ތިބާއަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ