ފުލުހުންނަށް ބަދަލުގެ ގޮތުގައި ލިބުނު 64 މިލިއަން ''ލިބުމާ އެކު އޮތީ ހުސްކޮށްލާފައި''

ފުލުހުންނަށް ސަރުކާރުން ދީފައި ހުރި ތިން ރަށެއް އަތުލުމަށް ފަހު، ބަދަލުގެ ގޮތުގައި ދިން 64 މިލިއަން ރުފިޔާ ލިބުމާ އެކު، އެއްވެސް ޒިންމާދާރުކަމެއް ނެތި 'ހުސްކޮށްލާފައިވާ' ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބުނެފިއެވެ. މާލިއްޔަތު ކޮމިޓީން އަންނަނީ ފުލުހުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން، އެ ކޮމިޓީން ފުލުހުންގެ 'ބްލޫ ހައުސިން' ސްކީމްގެ މައްސަލަ ބަލަން އެކުލަވައިލި ސަބް ކޮމިޓީއަށް ވިސްލްބްލޯވަރަކު ވަނީ ފުލުހުންނާ ގުޅޭ ކޮރަޕްޝަންގެ އިތުރު މައްސަލަތަކެއް ހުށަހަޅާފައެވެ. އެހެންވެ، އެ މައްސަލަތަކާ ގުޅޭ ބައެއް މައުލޫމާތު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވަނީ ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފުލުހުންނަށް ދީފައި އޮތް ރަށްތަކުގެ ތެރެއިން ފޭދޫފިނޮޅާއި، މާމިގުރު އަދި ދިއްފުށިމާދޫ އަތުލާފައިވާ ކަމަށެވެ. އެއީ، ރިސޯޓު ހަދަންވެގެން ކުރި ކަމެއް ކަމުން އެ ރަށްރަށް އަތުލުމުގެ ބަދަލެއްގެ ގޮތުގައި ފުލުހުންނަށް 64 މިލިއަން ރުފިޔާ އޮތީ ދޫކޮށްފައެވެ. https://sun.mv/212644 "ފުލުހުންނަށް ދިން ފައިސާ މި އޮތީ ވަރަށް ދޯދިޔާ ގޮތަކަށް ޚަރަދުކޮށް، ހުސްކޮށްލާފައި. ގާތްގަނޑަކަށް 64 މިލިއަން ރުފިޔާ އެއްކޮށް ޚަރަދުކޮށް ނިންމާލީ އެކި ކަންކަމަށް،" ސަބް ކޮމިޓީގެ މުގައްރިރު ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ ދެން އަލުން އަނބުރާ ނުހޯދޭނެ ފައިސާ ކަމަށް ފުލުހުން އަމިއްލައަށް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ ފުލުހުންގެ ފައިސާ ނަމަވެސް އެ މައްސަލަ އޭނާ ފާހަގަކުރެއްވީ އެހާ ގިނަ އަދަދެއްގެ ފައިސާ އެއްވެސް ޒިންމާދާރު ކަމެއް ނެތި ޚަރަދުކޮށް ހުސްކޮށްލި ކަމަށް ވިދާޅުވެއެވެ. "މިއީ އަޅުގަނޑުމެން މި ފާހަގަކުރަނީ ގަނޑުކޮށް އެހާ ބޮޑު އަދަދެއްގެ ފައިސާ ޚަރަދުކޮށް ނިންމާލީމާ އެއީ ޒިންމާދާރުކަމާ އެކު ކޮށްފައި އޮތް ކަމެއް ނޫން ކަމަށް،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން، އޭނާ ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ލިބުމުން އެ ޚަރަދުކޮށްފައިވަނީ އަނބުރާ ލިބޭނެ ގޮތަކަށް ނޫން ކަމަށާއި އެ ފައިސާއިން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އެއްވެސް ފައިދާއެއް ނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. https://sun.mv/212646 އެ ފައިސާ ޚަރަދުކުރި ގޮތް: ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް)އަށް 24 މިލިއަން ރުފިޔާ ޖަމާކުރި ސައިކަލު ދެ ޝިޕްމަންޓް ގެންނަން ތިން މިލިއަން ރުފިޔާ ވެލްފެއާ ފަންޑަށް 2.3 މިލިއަން ރުފިޔާ ދިން ބްލޫސް ފޭސް ދޭކަށް ފަސް މިލިއަން ރުފިޔާ ޕޮލާޓޭ ރެސްޓޯރަންޓެއް ހަދަން 2.8 މިލިއަން ރުފިޔާ ފިހާރައިގެ ހަރަދުތަކަށް 5.5 މިލިއަން ޚަރަދުކޮށްފައި ފަހުން އިތުރު 4.4 މިލިއަން ރުފިޔާ ޚަރަދުކުރި "މީގެ ތެރެއިން އަނބުރާ ލިބޭނެ ކަމަށް ބަޔާންކޮށްފައި މި އޮތީ ހަމައެކަނި 2.2 މިލިއަން ރުފިޔާ. އެހެން ހުރިހާ ފައިސާއެއް ދެން ހަމަ އެ ދިޔައީ ކަމަށް މި އޮތީ މީގައި ބަޔާންކޮށްފައި،" ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ފައިސާއަކީ ޑޮލަރުން ލިބުނު ފައިސާ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އެ ފައިސާ ޚަރަދުކޮށް ހުސްކޮށްލާފައިވަނީ ދިވެހި ރުފިޔާއަށް މާރުކުރުމަށް ފަހުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، އެ ފައިސާއިން 58 މިލިއަން ރުފިޔާއަކީ އަނބުރާ ނުލިބޭނެ ފައިސާކަން ފުލުހުން ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގެ އިތުރުން ވެސް ފުލުހުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް މާލިއްޔަތު ކޮމިޓީން އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ