ރާއްޖޭގެ ތާރީހުގައި އޮޑިޓާ ޖެނެރަލްގެ އޮފީސް ހިންގުމަށް ދެވޭ އެންމެ ބޮޑު ބަޖެޓު، އެ އޮފީހުން އެދުނު ގޮތަށް އެއްވެސް ބަދަލެއް ގެނައުމަކާއި ނުލާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދުގެ ޖަލްސާގައި މި ބަޖެޓު ފާސްކުރީ ވޯޓުގައި ބައިވެރިވި 51 މެންބަރުން ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރީ އޮޑިޓު އޮފީހަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. އޮޑިޓު އޮފީހަށް މިދިޔަ އަހަރު ދިނީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމިޓީ މަރުހަލާގައި އޮޑިޓު އޮފީހުގެ އިސްވެރިން ހާޒިރުކޮށް އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ބަޖެޓާއި ގުޅޭ ތަފުސީލު މަޖިލީހުން ހޯދި އެވެ.
އެގޮތުން އޮކްޓޯބަރު 7، ގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އެ އޮފީހުން ބުނީ މި 134 މިލިއަން ރުފިޔާގެ ތެރެއިން 89 މިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދު ކަމަށެވެ. ބާކީ ފައިސާއަކީ ކެޕިޓަލް ހަރަދަށް ތިން މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ ބަޖެޓަށް 42 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރެކޭ އެއް ފަދައިން މި އަހަރު ވެސް ބަޖެޓު އިތުރުކުރަން އެދުނު މައިގަނޑު ސަބަބަކީ މުސާރަތައް ބޮޑުކުރުމަށާއި ފަސް ސީނިއާ އޮޑިޓަރުން ނެގުމަށެވެ. މި އޮޑިޓަރުން ނަގަން ޖެހެނީ އާ އޮނިގަނޑުގެ ދަށުން ބައެއް އެލަވަންސްތައް ނުދެވޭތީ، އެ އޮފީހުގެ ޔުނިޓުތަކުގެ ވެރިންގެ ގޮތުގައި އިސް އޮޑިޓަރުން ނުބޭތިއްބޭނެތީ ކަމަށް އޮޑިޓު އޮފީހުން މަޖިލީހުގައި ހުށަހެޅި ޕްރެޒެންޓޭޝަނުގައި ބުންޏެވެ.
އަންނަ އަހަރު އޮޑިޓު އޮފީހުން މަސައްކަތް ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލީ 2026-2028 އަށް ގެންގުޅޭ ސްޓްރެޓެޖިކް ޕްލޭނަށް ބިނާކޮށެވެ. އޮޑިޓު އޮފީހުން ބުނީ މި ޕްލޭނުގައި ވަނީ ތިން އަމާޒެއް ކަމަށާއި އެއީ ސްޓޭކްހޯލްޑް އެންގޭޖުމަންޓު އިތުރުކުރުމާއި ދައުލަތުގެ ހިންގުން ހަރުދަނާކުރަން އެހީތެރިވެދިނުމާއި އޮޑިޓުތަކުގައި ފެންވަރު ރަނގަޅު ޓެކްނޮލޮޖީ ބޭނުން ކުރުން ކަމަށެވެ.
އޮޑިޓު އޮފީހުން އަންނަ އަހަރު ހަދާ އޮޑިޓުތަކުގެ ތެރޭގައި މި އަހަރު ނުހެދިވާ 81 އޮޑިޓުގެ މަސައްކަތް ހިމެނެ އެވެ. އެ އޮފީހުން ބުނީ މި ގޮތަށް އޮޑިޓުތައް ނުނިމި ހުންނަނީ ވަސީލަތްތައް ހުރި ގޮތުން، އޮޑިޓު ކުރުމުގައި ބައެއް އޮޑިޓުތަކަށް އިސްކަން ދޭން މަޖުބޫރު ވާތީ ކަމަށެވެ.
މަޖިލީހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓު އިއްވަވަމުން މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އުނިއިތުރެއް ނުގެނެސް އޮޑިޓު އޮފީހުން އެދުނު ގޮތަށް ބަޖެޓު ފާސްކުރަން ކޮމިޓީން ނިންމީ އެ އޮފީހުގެ ހިންގުން ރަނގަޅު ކުރުމަށާއި ސަރުކާރުގެ ތަންތަން ރަނގަޅަށް އޮޑިޓު ކުރުމަށް މި ސަރުކާރުން ބޭނުންވާތީ ކަމަށެވެ.
"އަޅުގަނޑު އޮޑިޓާ ޖެނެރަލް އަށް ދަންނަވާލަން އޮތީ. އިހުލާސްތެރިކަމާއެކީ ވަކި ފަރާތަކަށް ނުޖެހި، ހިޔާނާތްތެރިވެފަ ހުރެއްޖެ ކަމަށް ވަންޏާ އެ ރިޕޯޓުތައް ބަރާބަރަށް ނެރެ ދެއްވާށޭ. ތިބޭފުޅުން ބޭނުންވާ ހުރިހާ ވަސީލަތެއް އަޅުގަނޑުމެން މިހާރު ވާނީ ތިބޭފުޅުންނަށް ދީފައޭ،" ސަލީމް ވިދާޅުވި އެވެ.
އަދި، ކޮމިޓީ މަރުހަލާގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ދެއްވި އެއްބާރުލުމަށް ސަލީމް ވަނީ ޝުކުރު ދަންނަވާފަ އެވެ. ތަޅުމުން ބަޖެޓު ފާސްކުރީ ވެސް އެމްޑީޕީ މެންބަރުންގެ ވޯޓާ އެކު އެވެ.
ތާރީހުގައި އޮޑިޓު އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓު އަންނަ އަހަރަށް ދޭން މަޖިލީހުން ފާސްކޮށްފި ތާރީހުގައި އޮޑިޓު އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓު އަންނަ އަހަރަށް ދޭން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ