ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އުދައަރާނެ ކަމަށް ލަފާކޮށްފި
ކުރިއަށް އޮތް ތިން ދުވަހު އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ. މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަކުރަމުން އަންނައިރު، ކަނޑުތައް ވެސް ވަނީ ގަދަވެފައެވެ. މެޓް އޮފީހުން މިއަދު ބުނީ، މިހާރު ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ތިން ދުވަހު ވައިބާރުވުމާ އެކު ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި މުއްދަތުގައި ވައިބާރުވެ، ވިލާގަނޑުގައި އިތުރަށް ވައިގަދަވުން އެކަށީގެންވެއެވެ. އަދި، ޢާންމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. https://sun.mv/212746 އެހެންވެ، އެންމެން އަދި ޚާއްސަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމާ އެކު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ފުލުހުންނާއި ސިފައިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ކޮންމެހެން ދަތުރެއް ކުރަން ޖެހިއްޖެ ހާލަތުގައި ވެސް އިދާރަތަކަށް އެންގުމަށް ވަނީ އެދިފައެވެ. މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ހަފުތާގައި ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ދެ ހާދިސާއެއް މިއަދު ވެސް ހިނގާފައިވެއެވެ. އެގޮތުން، މާލެ ދަތުރުކުރާ ބޯޓެއް ވެސް ދިޔަވިއިރު، ރޭ ދަންވަރުގެ ވަގުތެއްގައި ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި މީހަކު މަރުވެފައި ވެސް ވެއެވެ. އެ ހާދިސާގައި ގެއްލުނު ދެ މީހަކު އަދިވެސް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ