ބަލި ހާލަތު ހުރި ގޮތުން ޓެނިސް ތަރި އެމާ ސީޒަން ނިންމާލައިފި ބަލި ހާލަތު ހުރި ގޮތުން ޓެނިސް ތަރި އެމާ ސީޒަން ނިންމާލައިފި

ލަންޑަން (އޮކްޓޫބަރު 16) - ފާއިތުވި 10 ދުވަހުން ފެށިގެން ބަލިކޮށް އުޅެމުން އަންނާތީ އިނގިރޭސި އަންހެން ޓެނިސް ތަރި، އެމާ ރަޑުކާނޫ، ފަހު ދެ މުބާރާތުގައި ނުުކުޅެ އަވަހަށް ސީޒަން ނިންމާލައިފި އެވެ.
އުމުރުން 22 އަހަރުގެ އެމާ، މި އަހަރު އެންމެ ފަހުން ކުޅެން ނިންމާފައި އޮތީ ޖަޕާނުގެ ޓޯކިޔޯ އާއި ހޮން ކޮންގްގައި ކުރިއަށްދާ ދެ މުބާރާތެއްގަ އެވެ. އެކަމަކު، މިދިޔަ 10 ދުވަހު ބަލިވެ އުޅުމަށް ފަހު، އެމާ، މެޑިކަލް ޓީމުގެ ލަފަޔާ އެކު ނިންމާފައިވަނީ، އަވަހަށް ސީޒަން ނިންމާލައި، ރަނގަޅަށް ރިކަވާވެގެން އަންނަ ސީޒަނަށް ތައްޔާރުވުމަށެވެ.
ވުހާން އޯޕަންގެ ފުރަތަމަ ބުރުގެ މެޗުގައި އެމާ ވަނީ ހާލަތު ގޯސްވުމުގެ ސަބަބުން މެޗު ދޫކޮށްލައިފަ އެވެ. އެ މެޗުގެ ފުރަތަމަ ސެޓުގައި، އެމާގެ ހާލަތު ގޯސްވެގެން، ކޯޓުމަތީގައި ފަރުވާ ހޯދިއިރު، ލޭގެ ޕްރެޝަރު ވެސް ވަނީ ބަލަން ޖެހިފަ އެވެ. އޭގެ ފަހުން، ޗައިނާގެ ނިންގްބޯ އޯޕަންގެ ފުރަތަމަ ބުރުގެ މެޗުގައި ބަލިވިއިރު، އެ މެޗުގެ ތެރެއިން ވެސް އެމާ އަށް ފަރުވާ ހޯދަން ޖެހުނެވެ. ނިންގްބޯ އޯޕަންގައި، އެމާ އަށް ދިމާވީ މި އަހަރު ތެރޭ ކުރިމަތިިވި، ބުރަކަށީގެ އަނިޔާގެ މައްސަލަަ އެވެ.
މި އަހަރުގެ ހަތަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތެރެއިން ތިން މުބާާރާތުގެ ތިން ވަނަ ބުރުގައި ކުޅުނު އެމާ ވަނީ ތިން އަހަރު ތެރޭ ފުރަތަމަ ފަހަރަށް ދުނިޔޭގެ ގަދަ 30 ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އަދި، އިނގިރޭސި އެއް ވަނަ އަންހެން ކުޅުންތެރިޔާ، އެމާ، މި އަހަރު ނިންމާލާނީ ރޭންކިން 29 ވަނައިގައި އޮވެ އެވެ.
އެމާ ވަނީ މި އަހަރު، 22 މުބާރާތް ކުޅެ، ޖުމްލަ އެކު، 28 މެޗުން މޮޅުވެފަ އެވެ. ބަލިވީ 22 މެޗުންނެވެ. އޭނާ އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ވޮޝިންޓަންގައި ކުރިއަށްދިޔަ މުބާާރާތުގަ އެވެ. އޭނާ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ފާއިތުވި ހަތަރު ޔޫއެސް އޯޕަން މުބާރާތުގެ ތެރެއިން ފުރަތަމަ ފަހަރަށް މޮޅެއް ހޯދި އެމާ، މި ސީޒަނުގެ ފަހުބައިގައި ކުޅުނީ، ސްޕެއިނުގެ ލެޖެންޑަރީ ތަރި، ރަފައެލް ނަޑާލްގެ ކޯޗު، ފްރާންސިސް ރޮއީގެ އިރުޝާދުގެ ދަށުންނެވެ. ކެރިއަރުގައި އަަވަހަށް ކޯޗުން ބަދަލުކުރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައި އޮތް އެމާ އަންނަ ސީޒަނުގައި ވެސް ނުކުންނާނީ ރޮއީއާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ