ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ދުވަހުގެ އިރުއޮއްސި 6 އިން ރޭގަނޑު 8 އާ ދެމެދު މާލޭގައި ބަރު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކަންކަން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ ވޯޓުލާން ދާ ފަރާތްތަކަށާއި ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތްތަކަށް ބުރޫ އަރާނެ ކަމަށެވެ.
އެހެން ކަމުން ތިރީގައި ފާހަގަ ކޮށްފައިވާ އުޅަނދުތައް އެ ދުވަހު އިރުއޮއްސި 06:00 އިން ފެށިގެން ރޭގަނޑު 20:00 އަށް މާލޭގެ މަގުތަކުގައި ދުއްވުމަކީ މަނާ ކަމެއް ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
އަދި މި އުޅަނދު ތަކުގެ ތެރެއިން ވެސް ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ހިދުމަތް ދިނުމަށް ބޭނުން ކުރާ އުޅަނދުތައް އިސްތިސްނާ ވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަ ނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 ފެށިގެންނެވެ. އަދި ހަވީރު 05:00 ގައި ކިއު ބަންދު ކުރާނެ ކަމަށް ރިޔާސީ އިންތިހާބާ ގުޅޭ ކަންކަން ކުރަމުންދާ އިދާރާ، އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
ވޯޓުލާ ދުވަހު އިރުއޮއްސި 6 އިން 8 އަށް މާލޭގައި ބަރު އުޅަނދު ދުއްވުން މަނާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ