މިރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު ކްލެސިކޯއިން މޮޅުވާ ޓީމަކަށް މި ފަހަރުގެ ލީގު ކާމިޔާބުކުރަން ވަރަށް ބޮޑު ފަސޭހައެއް ލިބެން އޮތެވެ. އެ ފަސޭހަ ހޯދައި ލީގުގެ ތަށި އުފުލައިލުމާ ގާތަށް މި ޖެހިލީ 4-3 އިން ރެއާލް މެޑްރިޑް ބަލިކޮށްގެން ބާސެލޯނާ އެވެ.
މި މެޗުގެ ފުރަތަމަ 15 މިނިޓްގެ ތެރޭގައި ކީލިއަން އެމްބާޕޭ ދެ ލަނޑު ޖަހައި ރެއާލްއަށް ލީޑު ނަގައިދިނެވެ. ނަމަވެސް 19 މިނިޓުން ފެށިގެން ފެނުނީ ބާސެލޯނާއިން ފަހަރަކު ލަނޑެއް ޖަހަމުން ދިޔަ ތަނެވެ. އެގޮތުން ފުރަތަމަ ލަނޑު އެރިކް ގާސިއާ އެވެ. ދެވަނަ ލަނޑު ލަމިން ޔަމާލް ޖަހައި ނަތީޖާ އެއްވަރުކޮށްދިނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިނަކާއި ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ ރަފީނިއާ އެވެ.
ސްޕެއިންގެ ވަރުގަދަ ދެ ޓީމުގެ މި ވަރުގަދަ ވާދަކުރުމުގެ ފޯރި އިތުރަށް ގަދަވީ 70 ވަނަ މިނިޓްގައި އެމްބާޕޭ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހެދުމުންނެވެ. މިއީ ރެއާލްގައި އޭނާގެ ފުރަތަމަ ސީޒަންގައި ޖެހި 39 ވަނަ ލަނޑެވެ. ރެއާލްގެ އެއްވެސް ކުޅުންތެރިޔަކު މިހާތަނަށް ފުރަތަމަ ސީޒަންގައި އެވަރަށް ލަނޑު ޖަހާފައެއް ނުވެ އެވެ.
މެޗު ކާމިޔާބުކުރުމާ އެކު ބާސެލޯނާއަށް ހުޅުވުނު ފުރުސަތު ބޮޑެވެ. ތާވަލްގެ ކުރީގައި ބާސެލޯނާ އެ އޮތީ 82 ޕޮއިންޓް ހޯދައިގެންނެވެ. މިއީ ދެވަނާގައި 75 ޕޮއިންޓާ އެކު އޮތް ރެއާލްއަށް ވުރެ ހަތް ޕޮއިންޓް މަތީ އަދަދެެކެވެ.
ކުރިއަށް އޮތީ ކޮންމެ ޓީމަކަށް ވެސް ތިން މެޗެވެ. އޭގެ ތެރެއިން އެންމެ މެޗަކުން މޮޅުވެގެން ވެސް ބާސެލޯނާއަށް ލީގު ލިބުން ގާތެވެ.
އެމްބާޕޭ ހެޓްރިކް ހެދިޔަސް ބާސެލޯނާ މޮޅުވެ ލީގު ހޯދުމާ ގާތަށް ޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ