ވޯޓްލާ ގޮތް ބަދަލުކުރަން އުޅޭ ވާހަކަ ސަރުކާރުން ދޮގު ކޮށްފި

ރާއްޖޭގައި އިންތިހާބުތަކުގައި ވޯޓްލާ ގޮތް ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވާދަވެރީން ދައްކާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.
މިރޭ ނިމުނު ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓްގައި ވާހަކަ ދައްކަވަމުން ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން ވަނީ ވާދަވެރީން ދައްކާ ވާހަކަތަކަސް ރައްދު ދެއްވާފަ އެވެ. އަދި ސަރުކާރުގެ ވިސްނުން ސާފުކޮށް ދެއްވި އެވެ.
ރާއްޖެ ޑިޖިޓަލް ކުރުމަށް ފަށާ ބިޔަ މަޝްރޫއުގެ ތެރެއިން ވޯޓްލާ ގޮތް ބަދަލު ކުރުމަކީ ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅެއް ނޫން ކަން ވަރަށް ސާފުކޮށް އިހްސާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އިސްވެ އެކަން ރައީސް, ސަރުކާރުގެ އިސްވެރީންނަށް އަންގަވާފައިވާ ކަމަށެވެ.
Advertisement
ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި ރާއްޖެއަށް އެހީތެރިވެދޭ އެސްޓޯނިއާގައި ޑިޖިޓަލް ނިޒާމުތައް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު އޮންނަ ކަމަށް އެ ގައުމުގެ އޮފިޝަލުން ރައީސަށް ދެންނެވި ކަމަށާ ނަމަވެސް އެކަން އެގޮތަށް ކުރުމަށް ރައީސް އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާކަން އެވަގުތުވެސް ހާމަ ކުރެއްވި ކަމަށް އިހްސާން ވިދާޅުވި އެވެ.
"ހަމަ އެވަގުތު އަޅުގަނޑާއި އެތަނުގައި ތިބި ވަޒީރުންނަށް ރައީސް ވިދާޅުވި، އަޅުގަނޑުމެން މިހުރިހާ ކަމެއް މިގޮތަށް ކުރަންވާނޭ، އެހެންނަމަވެސް ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެގެންނުވާނޭ. އަޅުގަނޑުމެން މިހާރުވެސް ވޯޓުލަނީ ވަރަށް ދެފުށް ފެންނަ އަދި ފުރިހަމަ ނިޒާމަކުން ކަމަށާއި ދެންވެސް ކުރިއަށްދާނީ އެގޮތަށްކަމަށް ރައީސް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި،" އިހްސާން ވިދާޅުވި އެވެ.
އެސްޓޯނިއާގައި ޑިޖިޓަލް ނިޒާމުތައް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު އޮންނަނީ އެކަމަށް ބޭނުންވާ ބަޔަކަށް ކަމަށާ ރާއްޖޭގައި އޮންނަ ގޮތަށް ވޯޓްލާން ބޭނުންވާ މީހުންނަށް އެ ގޮތަށް ވޯޓްލުމުގެ ފުރުސަތު ވެސް އެ ގައުމުގައި އޮންނަ ކަން އޮފިޝަލުން ފާހަގަ ކުރެއްވި ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ