ގާސިމް، އަލީ ވަހީދުގެ ދިފާއަށް: ”ބައެއް ފަހަރު އެއީ ފްރޭމްއެކޭ ހިތަށް އަރާ“!

ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ޓޫރިޒަމް މިނިސްޓަރުކަމުން ވަކި ކުރި އަލީ ވަހީދަކީ އެފަދަ އަމަލެއް ހިންގަފާނެ މީހެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިލް އިމްރާހިމް ވިދާޅުވެއްޖެ އެވެ.
ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ މައްޗަށް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވެ އެވެ. އޭނާ މަގާމުން ވަކި ކުރީ އެ މުވައްޒަފުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް، އެކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. މި ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
”އަޅުގަނޑު ކޮންމެހެން ގަބޫލު ކުރާ ގޮތް ނުވެގެނެއް ނޫން މިއުޅެނީކީއެއް…. ހުރީ ފްރޭމްކޮށްފަ ނޫން ކަމަށް ވެސް…. ބައެއް ފަހަރު އެހެންވެސް ހިތަށް އަރާ…. އެހެން ނޫން ނަމަ ކީއްވެގެން ހޭ ނުވާންވީ ކަންތައްތަކެއް ވެގެން މިދަނީ…. އިހަށް ދުވަހު ކެންސަލްވެފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ކެންސަލް ކުރަން….. މިކަހަލަ ކަންކަން ދިމާވީމަ ވަރަށް ދެރަވަރު ކަމެއް.“ ގާސިމް
ގާސިމް ވިދާޅުވީ ގޮތުން މައްސަލަ ނިމިގެންދާއިރު އަލީ ވަހީދުގެ ކުށެއް ނެތްކަން ސާބިތުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އޭގެ ސަބަބަކީ އޭނާގެ މައްޗަށް ކުރެވެނީ ގިނަ އަންހެން ކުދިންތަކެއް ރޭޕް ކުރަން އުޅުމެވެ. އަދި އެއީ ގަބޫލު ކުރަން ދަތިކަމެއްގެ ގޮތުގައި ވިދާޅުވުމަށް ފަހު އޭނާ ވަނީ، އެފަދަ އަމަލެއް ހިންގަފާނެކަމަށް ވެސް ވިދާޅުވެފަ އެވެ.
ގާސިމް ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ހުކުމަށް ވެސް ވާހަކަ ދައްކަވާފަ އެވެ. ދައުލަތުން ބޮޑެތި ގޯސްތަކެއް ހަދައި ހުށަހަޅާފައި އޮތީ މާކުރިން ފެށިގެން ކެންސަލްކޮށްފައި އޮތް ޕާސްޕޯޓެއް ހިފެހެއްޓުމުގެ އަމުރަކަށްކަން ހައިކޯޓުގެ ހުކުމުން އެނގެއެވެ.
ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލައިގައި އެކަން އިއުތިރާޒުކޮށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުމަށް ހާޒިރު ނުވުމުން އަލީ ވަހީދަށް ވަނީ އެ ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެހެން ނަމަވެސް އެ ހުކުމް ތަންފީޒު ކުރެވޭނީ، އަލީ ވަހީދު ރާއްޖެ ގެނެވިގެންކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
އޮގަސްޓު 25 ގައި އަލީ ވަހީދު އިނގިރޭސިވިލާތުގެ ފުލުހުން ހައްޔަރު ކުރީ، ވިސާ އޯވަ ސްޓޭވެގެން ނަމަވެސް އެ ދުވަހު އޭނާ މަސައްކަތް ކުރީ ދިވެހި ނޫސްވެރިންނާއި ބައްދަލުކޮށް ޕްރެސް ކޮންފަރެންސްއެއް ބޭއްވުމަށެވެ. ގެޓްވިކްގެ ޑިޓެންޝަން ސެންޓަރުގައި ހުންނަތާ ދެ ހަފްތާ ފަހުން، އެ ގައުމުން ވަނީ ރަސްމީކޮށް އަލީ ވަހީދު ހައްޔަރު ކުރި ކަން ރާއްޖޭގެ ފުލުހުންނަށް އަންގާފަ އެވެ.
ނަމަވެސް މިވަގުތު އަލީ ވަހީދު ހުރިތަނެއް ސާފެއް ނޫނެވެ.
މީގެ ދުވަސްތަކެއް ކުރިން އަލީ ވަހީދުގެ ފަރާތުން އޭނާގެ ވަކީލުން ވެސް ބަޔާނެއް އާއްމު ކުރި އެވެ. އޭގައި ބުނީ، އޭނާއާއި މެދު އަމަލު ކުރަމުން ދަނީ ބޭއިންސާފާއި އަނިޔާވެރިކާމާއި އެކު ކަމަށެވެ. އެއްވެސް ތަހުގީގު ކުރުމެއް، އަދި ސުވާލު ކުރުމެއް ވެސް ނެތި އަލީ ވަހީދު މަގާމުން ވަކިކުރި އިރު ކުރާ ތުހުމަތުތައް ވެސް ސާފުކޮށްދީފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.
މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުންގެ ގޮތުގައި ސިފަކޮށް، އެ ބަޔާނުގައި ބުނެފައިވަނީ ދައުވާ ސާބިތުވާނެ އެއްވެސް އުންސުރެއް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ކުށް ކުރިކަމަށް ބުނާ ތާރީހާއި، ވަގުތުތައް އަދި އެ ކުށް ހިންގި ގޮތެއް ވެސް ދައުލަތަށް ބުނެ ނުދެވޭކަމަށް ބަޔާނުގައި ވެއެވެ. ފާއިތުވެދިޔަ އެއް އަހަރު ދުވަހު ދައުލަތުން އަލީ ވަހީދު ފްރޭމް ކުރުމަށް އެތައް މަސައްކަތެއްކޮށްފައިވާކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ