ރާއްޖޭގައި ޑޮލަރު ގަނެވިއްކަން ހާއްސަކުރި އެންމެ ބޮޑު ވައިބާ ގްރޫޕް ބަންދުކޮށްފި

ޑޮލަރު މާރުކުރުމާއި ބޭރު ފައިސާގެ މުއާމަލާތްތަކަށް ހާއްސަކޮށްގެން ވައިބައިގައި ހިންގަމުން އައި ރާއްޖޭގެ އެންމެ ބޮޑު އެއް ގްރޫޕް، ބްލޮކްކޮށްފި އެވެ.
ވީ ކިހިނެއް؟ - ގާތްގަނޑަކަށް 10،000އަށް ވުރެ ގިނަ މީހުން ތިބި 'ކަރަަންސީ އެކްސްޗޭންޖް އެމްވީ' ބްލޮކްކުރީ، މިހާރު ފެންނަން ހުރި މެސެޖްގައި ވާ ގޮތުން ވައިބާގެ 'ޕަބްލިކް ކޮންޓެންޓް ގައިޑްލައިންސް'އާ ހިލާފުވެގެންނެވެ.
ތަފުސީލު - ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތްތަކަށް ހާއްސަ ގްރޫޕްތައް ރާއްޖޭގައި ދަނީ ހިންގަމުންނެވެ. ޑޮލަރުގެ ރަސްމީ މުއަމާލްތަތަކަށް ވުރެ މިފަދަ ގްރޫޕްތަކުގެ ތެރެއިން ހިންގާ ވިޔަފާރި މާ ފުޅަލެވެ.
ބަންދުކުރި ކަރަންސީ އެކްސްޗޭންޖް އެމްވީ މެދުވެރިކޮށް ކޮންމެ ދުވަހަކު އެތައް ލައްކަ ޑޮލަރެއްގެ މުއާމަލާތް ހިންގާނެ ކަމަށް، އޭގައި އެކި މީހުން ޖަހާ ޕޯސްޓްތަކުން އެނގެ އެވެ. އެ މެސެޖްތަކުގައި ވިއްކާ ޑޮލަރުގެ އަދަދާއި ވިއްކާ އަގު ހުށައަޅަ އެވެ. ޑޮލަރު ގަންނަން ބޭނުން މީހުން، އެ ބޭނުންވާ އަގެއް ޖަހާފައި، މެސެޖްކުރަން އެދެ އެވެ.
އެއް ބަޔަކު ދެކޭ ގޮތުގައި ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރިވަރު، ދުވަހުން ދުވަހަށް، އެންމެ ރަނގަޅަށް އެނގޭނެ އެއް ގްރޫޕަކީ ވެސް، ކަރަންސީ އެކްސްޗޭންޖް އެމްވީ އެވެ.
އެއީ މި ހުރިހާ ދުވަހު ޑޮލަރުގެ ކަޅު ބާޒާރު ހިންގަން އެންމެ ބޮޑު އެހީއެއް ވެސް ވި ސޯޝަލް މީޑިއާ ގްރޫޕެވެ.
ވައިބާއިން މިފަދަ ކޮމިޔުނިޓީ ގްރޫޕްތައް ބަންދުކުރަން ގެންގުޅޭ އުސޫލަށް ބަލާ ނަމަ އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ހިންގާ ގްރޫޕްތައް ބްލޮކްކުރެ އެވެ. އޭގެ އިތުރުން މަކަރާއި ހީލަތަށް ފެތޭ އަމަލްތައް ހިންގާ ގްރޫޕްތައް ވެސް ބްލޮކްކުރެ އެވެ.
ޑޮލަރުގެ މުއާމަލާތްތަކުގައި ބައެއް މީހުންނަށް ރާއްޖޭގައި ބޮޑެތި ގެއްލުންތައް ލިބިފައި އެބަ ހުއްޓެވެ. އެހެންކަމުން ކަރަންސީ އެކްސްޗޭން އެމްވީގެ މެސެޖްތައް ގަބޫލުކޮށްގެން ހިންގި މުއާމަލާތްތަކުން ގެއްލުންތަކާ ކުރިމަތިލި މީހުން ޝަކުވާ ކަމާ ބެހޭ ފަރާތްތަކަށް ލިބިފައި ހުރުން ވެސް އެކަށީގެންވެ އެވެ. އެހެންވެ މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ފުލުހުން ހުށައަޅައިގެން ވެސް ވައިބާއިން އެފަދަ ނިންމުމެއް ނިންމަފާނެ ކަމަށް ބެލެވެ އެވެ.
ކަރަންސީ އެކްސްޗޭންޖް އެމްވީ ބްލޮކްކުރުމަކުން ކަޅު ބާޒާރުގެ މުއާމަލާތްތަކަށް ނިމުމެއް ނާދެ އެވެ. ބޭރު ފައިސާއަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާގައި އަދިވެސް ބައެއް ގްރޫޕްތައް ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ