އެމްޑީޕީ ޗެއާޕާސަނަކަށް 3 ބޭފުޅެއްގެ ކެންޑިޑެސީ ބަލައިގަނެ، ނަންތައް ތަރުތީބުކޮށްފި

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ބޭފުޅެއްގެ ކެންޑިޑެސީ ބަލައިގަނެ، ނަންތައް ތަރުތީބުކޮށްފި އެވެ.
ވީ ކިހިނެއް؟ - އަންނަ 12 ޖޫންގައި ބާއްވާ މި އިންތިހާބަށް އެމްޑީޕީން ހުޅުވާލީ މިދިޔަ މަހު 22ގަ އެވެ. އަދި މިއަދު އެ ޕާޓީން ވަނީ ސުންގަޑި ހަމަވިއިރު މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުން ކަނޑައަޅައި އެ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރުތައް އިއުލާންކޮށްފަ އެވެ.
ތަފްސީލު - އެމްޑީޕީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން، ތިން މީހެއްގެ ކެންޑިޑެސީ ވަނީ ބަލައިގެންފަ އެވެ. އެއީ، ކެންޑިޑޭޓު ނަންބަރު ތަރުތީބުން:
މުހައްމަދު ނަޝީދު، ގ. ކެނެރީގެ
އިބްރާހީމް މުހައްމަދު (ވާޑު)، ހުދުވިލާގެ/ލ. ފޮނަދޫ  
މީކާއިލް އަހްމަދު ނަސީމް، ގ. ބަރޯސާ
މި ތިން ބޭފުޅުންގެ ތެރެއިން މި އިންތިހާބުގައި ވާދަވެރިކަން އޮތީ ކުރީގެ ރައީސް ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލްއާ އެވެ. ދެން މި އިންތިހާބުގައި ވާދަ ކުރައްވާ އިބްރާހިމް މުހައްމަދަކީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ލ. ފޮނަދޫ ކައުންސިލް މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅެކެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ނޮވެމްބަރު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމުން އެވެ.
ޗެއާޕާސަންގެ ރޭހުގައި ފައްޔާޒުގެ ތާއީދު ނަޝީދަށް އޮތް އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވަނީ މީކާއިލްއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ