ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި ތަރައްޤީ ކުރުމުގެ ޤައުމީ މަޝްރޫޢުގެ ތެރެއިން ތިލަދުންމަތީ އުތުރުބުރީގެ ތިން ރަށެއްގައި ކުރިއަށްގެންދާ މަސައްކަތްތައް މިއަހަރުގެ ޤައުމީ ދުވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި ތަރައްޤީ ކުރުމުގެ ޤައުމީ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން، ތަރައްޤީކު ރަނީ، ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގެ އާސާރުތަކެވެ މިތިން ރަށުގައިވެސް މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް ހީނާ ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ތެރެއިން އުތީމުގައި ކުރިއަށްގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، އުތީމުގެ ކަނދުވަލު ހިމެނޭ ސަރަހައްދުގައި ސްޓޯރީ ފޮރެސްޓް ޕާކެއް ޤާއިމްކުރުމާއި އެރަށު ކަނދުވަލު މިސްކިތާއި، މިސްކިތާއި ގުޅިފައިވާ އާސާރުތައް ތަރައްޤީކުރުމާއި، އުތީމު ގަނޑުވަރު މަރާމާތުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މީގެއިތުރުން، އުތީމު ބަނދަރު ސަރަހައްދުގައި ބޮޑުތަކުރުފާނުގެ ހަނދާނުގައި ދޮރޯއްޓަކާއި، އިސްރަށްވެހިންގެ ޕާކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އެ މަސައްކަތް މިއަހަރުގެ ޤައުމީ ދުވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
" މިހާރު އަނެއްކާވެސް މި މަޝްރޫޢުތައް ހަލުވި ދުވެލީގައި ފެށި، މިއަހަރުގެ ޤައުމީ ދުވަސް އަންނަންވާއިރަށް މި މަޝްރޫޢުތައް ނިމި އިފްތިތާޙްކުރެވޭވަރުވާނެ". ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
ތަކަންދޫގައި ހިނގަމުންދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ތަކަންދޫގެ އެވޭލާ ހިރިގަލުގެ މަސައްކަތާއި، ވެޔޮ އަދި ޤަބުރުސްތާނު ސަރަހައްދު މަރާމާތުކޮށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި ތަކަންދޫގައި އަލިތަކުރުފާނުގެ ހަނދާނީ މަރުކަޒެއް ތަރައްޤީކުރުމަށްޓަކައި އެ މަޝްރޫޢުގެ ކޮންސެޕްޓްތައް ރާވައި، ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ހއ.ބާރަށުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އެރަށުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންއަންނަކަމަށެވެ.
ރާއްޖޭގައި ހުރި ދުވަސްވީ އާސާރުތައް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި މި މަސައްކަތުގައި އެކި ޤައުމުތަކުގެ އެހީތެރިކަންވެސް ދަނީ ހޯދަމުންނެވެ.
މި ތިން ރަށުގެ މަސައްކަތްތައް ކުރިއަށްގެންދަނީ އާރްޑީސީއާ ހަވާލުކޮށްގެންނެވެ.
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ