މިނިވަން ނޫސްވެރިކަމާ ދެކޮޅަށް މި ސަރުކާރުން ދެމުންދާ އިންޒާރުތަކާއި ބިރުދެއްކުންތަކުގެ ކުރިމަތީ ނޫސްވެރިން ހިތްވަރު އެލުވާނުލުމަށް އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ، ނޫސްވެރިކަމުގެ މިނިވަންކަން މިއަދު އޮތް ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބުނީ ކީކޭ؟ - ތެދުވެރިކަމާ އެކު މައްސަލަތަކުގެ ހައްލުތައް ހޯދުމަށް ހަބަރު ފަތުރާ ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ސެލިއުޓް ކުރާކަން ފާހަގަކުރައްވައި ސޯލިހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގައި މިއޮތް ޅަފަތުގެ ޑިމޮކްރަސީއަށް މިނިވަން ނޫސްވެރިކަން މުހިންމު ކަމަށެވެ.
މިއަދު ފެންނަމުންދަނީ، މިނިވަންކަމާ އެކު ހަބަރު ފަތުރާ ނިއުސްރޫމްތަކަށް ވަދެގަނެ އެތަންތަން ބަލައި ފާސްކޮށް، އެތަންތަނުގެ އެޑިޓަރުންނަށް ދަތުރުފަތުރު ކުރުމުގައި ހުރަސް އަޅައި، ހަރުކަށި ގާނޫނުތައް ބޭނުންކޮށްގެން ހަގީގަތް ހާމަކުރަން ހުރަސް އަޅަމުންދާތަން ކަމަށް ސޯލިހު ވިދާޅުވި އެެވެ. އެކަމަކު މިފަދަ ބިރުދެއްކުން ތަކުގެ ކުރިމަތީ ކުޑަކަކޫ ނުޖެހުމަށް ނޫސްވެރިންނަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.
"މި ދަނޑިވަޅުގައި ހިތްވަރުގަދަކޮށް، ގަބޫލުކުރުންތަކުގައި ވަރުގަދައަށް ސާބިތުވެ ނޫސްވެރިން ތިބެންޖެހޭނެ. ބިރުދެއްކުންތަކަށް ކާމިޔާބުވިޔަ ދީގެން ނުވާނެ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަން 120 ވަނަ އިން 72 ވަނައަށް މައްޗަށް ޖެހިފައިވާކަން 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް' އިން ދައްކާ ކަމަށެެވެ. އެކަމުން ދޭހަވަނީ، ޒިންމާދާރުކަމާ އެކު ނޫސްވެރިކަން ކުރިއެރުވުމަށް އެ މަނިކުފާނުގެ ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާ ފެނިފައިވާކަން ކަމަށް ސޯލިހު ވިދާޅުވި އެވެ.
ހަމަ މި ކަންބޮޑުވުންތަކާ އެކު ޝާހިދު ކުރެއްވި ޕޯސްޓުގައި ވެސް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު ރާއްޖޭގެ ނޫސްވެރިކަމަށް މިއީ ހިތާމެވެރި ކަޅު ދުވަހެއް ކަމަށެވެ. ޝާހިދު ވިދާޅުވީ، އެއީ ދެފުށްފެންނަ ނިޒާމެއްގެ ދަށުން ސަރުކާރު ހިންގުމުގެ ބަދަލުގައި މި ސަރުކާރުން ބިރުދެއްކުންތައް އިހުތިޔާރުކުރުމުގެ ނަތީޖާ ކަމަށެވެ.
މީޑިއާތަކާ ދެކޮޅަށް ގާނޫނުތައް ހެދުމާއި ފުލުހުން މެދުވެރިކޮށް މީޑިއާތަކަށް ފިޔަވަޅު އެޅުން ފަދަ ކަންކަން މި ސަރުކާރުން ކުރަމުންދަނީ ޖަވާބުދާރީ ކުރުވަފާނެ ކަމުގެ ބިރުވެރިކަމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖަވާބުދާރީވުމުގެ ބަދަލުގައި މި ސަރުކާރުން އިހުތިޔާރުކޮށްފައިވަނީ ބިރު. އަހަރެމެން މި ތިބީ ސާބިތުކަމާ އެކު މީޑިއާތަކާ އެކު. ނޫސްވެރިންނަށް ކުރާ ޖެންސުންތަކާއި ބިރުދެއްކުންތަކާއި ފިޔަވަޅު އެޅުން މިހާރުން މިހާރަށް ހުއްޓާލަން ގޮވާލަން،" ޝާހިދުގެ ޕޯސްޓުގައިވެ އެވެ.
މިދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި ޕޯސްޓުގައި ވެސް ފާޅުކުރައްވާފައިވަނީ ހަމަ މި ކަންބޮޑުވުންތަކެެވެ. ފައްޔާޒު ވިދާޅުވީ، ދަތި އެތައް އުނދަގުލަކާ އެކު ހޯދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން 2008 ވަނަ އަހަރުގެ ކުރީގެ ހާލަތަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސޮއްސާލާފައިވާ ކަމަށެވެ.
މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މި ސަރުކާރުން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލާއި އެ ބިލުގެ ދަށުން އުފެއްދި ކޮންޓްރޯލް ކޮމިޝަން ބޭނުންކުރަމުންދަނީ، މިނިވަން ނޫސްވެރިންނަށް ބިރުދެއްކުމަށާއި މިނިވަން ހިޔާލުފާޅުކުރުމަށް ހުރަސް އަޅަން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ، ހިޔާލު ފާޅުކުރުމަށް މިނިވަން މާހައުލެއް ގާއިމުކޮށްދިނުމަށް، ކޮންޓްރޯލު ބިލު ބާތިލުކޮށް، މީޑިއާތައް އަމިއްލައަށް ރެގިއުލޭޓުކުރުމަށް ހިތްވަރު ދޭންޖެހޭ ކަމަށެވެ.
ގާނޫނުއަސާސީގައި ދީފައިވާ މިނިވަން ހިޔާލު ފާޅުކުރުމުގެ ހައްގަކީ، ހަމައެކަނި ގަނޑެއްގައި ލިޔެވިފައި އޮތް އެއްޗެއްގެ ބަދަލުގައި އެއީ ހަގީގަތުގައި ވެސް ތަންފީޒުކުރެވެމުންދާ ހައްގަކަށް ހަދަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މިނިވަން ނޫސްވެރިކަމަކީ ޖަވާބުދާރީ ކުރުވުމުގެ ހަމައެކަނި މަގު. ކުރީ ސަފުގައި ތިބި ޖާނަލިސްޓުންނަށް: އަހަރެމެން މި ތިބީ ތި ނޫސްވެރިންނާ އެކު،" ފައްޔާޒުގެ ޕޯސްޓުގައިވެ އެވެ.
އެނގުން މުހިންމު - މިއަހަރު އާންމުކުރި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 108 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 4 ދަރަޖަ ދަށް ވަނަ އެކެވެ.
ފަހުގެ ތާރީހެއްގައި ރާއްޖެ އެންމެ ދަށުގައި ހިމެނުނު އަހަރަކީ 2018ގަ އެވެ. މެއި 2018އަށް ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ 120ގަ އެވެ. މި އަހަރުގެ އިންޑެކްސްގައި މި ހިމެނުނީ އެއާ ޖެހިގެން މިދިޔަ 8 އަހަރުގެ ތެރޭގައި އެންމެ ދަށްކޮށެވެ.
މިފަހަރު ނޫސްވެރިކަމުގެ މިނިވަންކަން މިހާ ދަށަށް ވެއްޓުނު ސަބަބުތަކުގެ ގޮތުގައި އިންޑެކްސް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ:
މިދިޔަ ސަރުކާރުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް ހިމެނި މާއްދާ، ސަރުކާރު ބަދަލުވެ މި ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހަށް ލިބުނު ފަހުން ވެސް އެ މާއްދާ އިސްލާހުނުކުރުން
ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާތައް ކޮންޓްރޯލްކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނެއް ހެދުން
ސަރުކާރުގެ ސަބްސިޑީ ދިނުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭ އިޝްތިހާރު މެދުވެރިކޮށް މީޑިއާ އައުލެޓްތަކުގެ މާލީ ބަލިކަށިކަން އޭރެއްގެ އޮންނަ ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން އައުން މި ސަރުކާރުން ވެސް ހުއްޓާނުލުން
އިދިކޮޅުން ގޮވާލީ ބިރުދެއްކުންތަކާއި އިންޒާރުތަކުގެ ކުރިމަތީ ނޫސްވެރިން ހިތްވަރު އެލުވާނުލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ