ރައީސް ފިސާރި ރަނގަޅަށް ބަލިވެއްޖެ، ދެން އޮތީ ވަޅުލުން

ރައީސް ޑރ. މުހައްމަދު މުއިއްޒު ފިސާރި ރަނގަޅަށް ބަލިވެފައިވާ ކަމަށާއި ދެން ކުރަން އޮތް ކަމަކީ އެމަނިކުފާނުގެ ސަރުކާރު ވަޅުލުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގދ. ގައްދޫގައި ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރު ނިކުތީ މުޅި ދައުލަތް އެ ދާއިރާއަށް އަރިކޮށްލައިގެން ކަމަށާއި އެގޮތުން ފައިސާ ބަހައި، ފޯރުވެން އޮތް ނުފޫޒެއް ދިޔައީ ފޯރުވަމުން ކަމަށެވެ.
ނަމަވެސް އެ ހުރިހާ ކަމެއް ކުރުމުން ވެސް ސަރުކާރު ވީ ފެއިލް ކަމަށާއި ރައީސް މުއިއްޒު މިހާރު އެ ހުންނެވީ ފިސާރި ރަނގަޅަށް ބަލިވެފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައީސް މުޢިއްޒު އެހުރީ ފިސާވެރި ރަނގަޅަށް ބަލިވެފައި، އަޅުގަނޑުމެން މިހާރު ކުރާން އޮތް ކަމަކީ ވަޅުލުން. އެއޮތީ މާ ރަނގަޅަށް ކަށްވަޅުވެސް ކޮނެވިފައި، ސަންދޯން އެހެރީ މާ ރަނގަޅަށް ޖެހިފައި. މިހާރު އެމަނިކުފާނު ބުއްދިވެރިއްޔާ އަމިއްލަފުޅަށް ސަންދޯކަށް އެރިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކަށްވަޅަށް އެ ލައިދޭންވީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ނިކުންނަނީ މި ސަރުކާރު ވަރަށް ރަނގަޅަށް ބަލިކޮށް، ޖަވާބުދާރީކުރުވުމަށް ކަމަށެވެ. އަދި މި ސަރުކާރަށް އިތުރު ކަންކަން ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ތިބި ނަމަވެސް، ވަޒީފާގެ ބިރުވެރިކަމުގެ ސަބަބުން ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާން ޖެހިލުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ އެންމެ މުހިންމު އެއް ފަލްސަފާއަކީ "ބިރު ފަހަނައަޅައި ދިޔުން" ކަމަށާއި، ނަމަވެސް މިހާރު އަނެއްކާވެސް ރައްޔިތުންގެ ތެރެއަށް ބިރުވެރިކަން ފަތުރާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން މީހާ އަދާކުރާ ވަޒީފާއާއި އެމީހެއްގެ ސިޔާސީ ފިކުރާ ގުޅުވުމަކީ ޤާނޫނުއަސާސީ ތަންދޭ ކަމެއް ނޫން ކަމަށާއި، މި ސަރުކާރުން ގެންދަނީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ޢަމަލުކުރަމުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ