ކުރީ ސަރުކާރުން ފެނަކައިން ވަޒީފާ ބެހުމުގެ ނުރަނގަޅު އަސަރު މަސްވެރިކަމަށް ވަރަށް ބޮޑަށް ކުރި: ތަރުޖަމާނު

މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންވި އެއް ސަބަބަކީ ފެނަކަ ކޯޕަރޭޝަން ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މާލީގޮތުން ދަމަހައްޓަން އެންމެ އުނދަގުލީވެސް ފެނަކަ ކަމަށް، ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ، ފެނަކަ އިސްލާހުކުރުމުގެ މަސައްކަތާއި އެ ކުންފުނީގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. "އަބަދުވެސް އޭރުއްސުރެ މިއަދާ ހަމައަށް އައުމާ ދެެމެދު ވެސް ސަސްޓެއިންކުރަން މާލީގޮތުން އުނދަގޫވެފަ އޮތް ކުންފުންޏެއް އެއީ،" ތަރުޖަމާނު ވިދާޅުވިއެވެ. އެއަށްފަހު ތަރުޖަމާނު ވިދާޅުވީ، ކުދި ރަށްރަށުގައި ފެނަކައިގެ ވަޒީފާއަށް އިތުރަށް ނެގުމުން އެހެން ސިނާއަތްތަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތަށް ވެސް ވީ އެހެންނެވެ. "އަސްލު މި ދެންނެވިހެން މަސްވެރިކަމުގެ ސިނާއަތަށް އަސަރެއްކޮށްފަ އޮތީ ފެނަކައިގެ ސަބަބުން. އެއީ ފުރަތަމަ ޓްރެންޑަކަށް ނިމިދިޔަ ސަރުކާރު އޮތް އިރު ފެނަކައަށް ގިނަ ޒުވާނުން ލުން،" އޭނާ ވިދާޅުވިއެވެ. މަސްވެރިކަމަށް ފުރާއިރު އޮޑިދޯނިފަހަރަށް ފަޅުވެރިން ބޭނުންވާނެ ކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވި ގޮތުގައި، ބައެއް ކެޔޮޅުންނާއި ފަޅުވެރިން މަސްވެރިކަން ދޫކޮށްލުމުގެ ސަބަބުން ބައެއް ރަށްރަށުގެ މަސް އޮޑިދޯނިފަހަރު ރިސޯޓުތަކަށް ސަޕްލައި ދޯނީގެ ގޮތުގައި ކުއްޔަށް ދީފައި އެބަހުއްޓެވެ. ފިޝަރީސް މިނިސްޓަރު ޝިޔާމް ---- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ ތަރުޖަމާނު މިފަދައިން ވިދާޅުވިއިރު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް މިފަހުން ވަނީ ސިޔާސީ މަންފާއަށްޓަކައި ކުންފުނިތަކުން ވަޒީފާ ބެހުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަސްވެރިން ހޯދަން ދަތިވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ހަމައެއާއެކު ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ވަނީ ހުޅުވައިލައިފައެވެ. އެ ފުރުސަތުގެ ދަށުން ވަޒީފާއިން ވަކިވުމަށް މިހާތަނަށް 97 މުވައްޒަފަކު ހުށަހަޅައިފައިވާ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިން ވިދާޅުވެފައި ވެއެވެ. https://sun.mv/223610 އަމިއްލަ އަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް، ޖުމުލަ 8،000އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން އެ ފުރުސަތު ހުޅުވައިލީ މިމަހުގެ ދެވަނަ ދުވަހެވެ. އެ ފުރުސަތު މިދިޔަ އާދީއްތަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ހުޅުވައިލިއެވެ. އެ ނިންމުމާ ގުޅޭ ގޮތުން ފެނަކައިން އޭރު ބުނީ، މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މުވައްޒަފުން މަދުކުރުމަކީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވެސް ކުންފުނިން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ