ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި އޮފިސަރުންގެ އަގުވަޒަންކުރުމަށް ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތަކީ ޖިނާއީ ބޮޑެތި މައްސަލަތަށް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ، އަގުވަޒަންކޮށް ހަނދާނީ ލިޔުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ރަސްމިއްޔާތެކެވެ.
މިއަދު ހަނދާނީ ލިޔުން ލިބުނު 117 އޮފިސަރުންނަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑިޕާޓްމަންޓްތަކުގައި ތަހުގީގުކޮށްފައިވާ ބޮޑެތި މައްސަލަތަކުގައި ބައިވެރިވެފައިވާ އޮފިސަރުންނެވެ. މީގެ ތެރޭގައި މިހާރު އެހެނިހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އޮފިސަރުން ވެސް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވަނީ، ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ބެހެއްޓެވި ސާބިތުކަމާއި، ދެއްކެވި ހުނަރުވެރިކަމުގެ އިތުރުން މަސައްކަތަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވައި އެ ބޭފުޅުންނަށް ތައުރީފުކުރައްވާފައެވެ.
އަދި ކާމިޔާބު ތަހުގީގެއް ފުރިހަމަ ކުރުމަށްޓަކައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ކުދިކުދި ތަފްސީލުތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިންސާފު ގާއިމުކުރުމުގައާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުން އަދާކުރައްވާ ދައުރަކީ ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި މަސައްކަތެއްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ ޖިނާއީ ތަހުގީގުތަކާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ފުލުހުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވޭ މުހިންމު ހަފުލާއެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިފަހަރު ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކަށް ބަލާފައިވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތައް ކުރައްވާ އޮފިސަރުންގެ އަގުވަޒަންކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.
ތަހުގީގު ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ އޮފިސަރުންގެ އަގުވަޒަން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ