ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ޚަރަދުތައް މެނޭޖްކުރުމުގައި އިތުރު ލުއިފަސޭހަކަމާއި އިހުތިޔާރު ލިބިގެންދާނެ އައު ޚިދުމަތެއް ކަމަށްވާ ”ބީއެމްއެލް ސްޕްލިޓްޕޭ“ މިއަދު ތައާރަފްކޮށްފިއެވެ.
މި ޚިދުމަތުގެ ސަބަބުން ކްރެޑިޓް ކާޑުން ކުރާ ބޮޑެތި ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ސްޕްލިޓްޕޭ ޚިދުމަތާއެކު 1,500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު، 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. މިއީ އަގުބޮޑު ތަކެތި ގަތުމުގައި މާލީގޮތުން ރޭވުންތެރިކަމާއެކު ފައިސާ ބެލެހެއްޓުމަށް ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
މި ޚިދުމަތް ބޭނުންކުރެވޭނީ ބީއެމްއެލް ސްޕްލިޓްޕޭ ލިމިޓް ކަނޑައެޅިފައިވާ ކަސްޓަމަރުންނަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް، ވިސާ ނުވަތަ މާސްޓަރކާޑް ބްރޭންޑްގެ ކްރިޑިޓް ކާޑަކުން ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކާ ވަގުތު، އެ މުއާމަލާތް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ވަގުތުން ބަދަލުކޮށްލެވޭނެއެވެ.
މި ހިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ”ބީއެމްއެލް ސްޕްލިޓްޕޭ މެދުވެރިކޮށް، ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި ބީއެމްއެލް މިވަނީ އިތުރު ލުއިފަސޭހަކަމެއް ހޯދައިދީފައި،“ ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ މާލީ ކަންކަން ބަޖެޓްކޮށް ރާވާލުމަށް އިތުރު ފަސޭހަތަކެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ޚިދުމަތަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އީޖާދީ ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފުކުރި ޚިދުމަތެކެވެ.
ފަސޭހަކަމާއެކު އިންސްޓޯލްމެންޓަށް ފައިސާ ދެއްކޭނެ ބީއެމްއެލް ސްޕްލިޓްޕޭ ތަޢާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ