ފިލްމީ ތަރިންނަށް އުޖޫރަ ދިނުމުގައި ގެންގުޅޭ ތަފާތު ކުރުމަށް އަދިވެސް ހެޔޮ ބަދަލެއް ނާދޭ: ކްރިތީ
ފިލްމު އިންޑަސްޓްރީގައި ފިރިހެން އެކްޓަރުންނަށާއި އަންހެން ތަރިންނަށް އުޖޫރަ ދިނުމުގައި އަދިވެސް ތަފާތުކުރުން ގެންގުޅޭ ކަމަށް ބަތަލާ ކްރިތީ ސެނޮން ބުނެފިއެވެ. ކްރިތީ ފާހަގަކުރި ގޮތުގައި ބޮލީވުޑްގެ ތެރޭގައި ފިރިހެނުން އިސްކުރުމުގެ އާދަ ވަނީ ވަރަށް ބޮޑަށް އަށަގެންފައެވެ. އަދި ފިލްމެއްގެ ބަޖެޓް ކުޑަވާ ހާލަތްތަކުގައި، ފިލްމު އުފައްދާ ފަރާތްތަކުން އެންމެ ފުރަތަމަ ވެސް ވާހަކަދައްކައިގެން ކުޑަކުރަނީ އަންހެން ބަތަލާއިންނަށް ދޭ އުޖޫރަކަމަށް އޭނާ ފާހަގަކުރިއެވެ. އިންޑިއާގެ ފިލްމީ ދާއިރާގައި އަންހެނުންނާއި ފިރިހެނުންނަށް ދެވޭ އުޖޫރައިގެ ތަފާތަކީ ވަރަށް ކުރިން ފެށިގެން ދެކެވެމުން އަންނަ ބަހުސެކެވެ. ފާއިތުވި އަހަރުތަކުގައި އަނުޝްކާ ޝަރުމާ، ތާޕްސީ ޕަންނޫ، ދީޕިކާ ޕަދުކޯން އަދި ކަރީނާ ކަޕޫރު ފަދަ މަޝްހޫރު ތަރިން ވަނީ ޖިންސުގެ ތަފާތުން އުޖޫރައަށް ކުރާ އަސަރާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ކްރިތީ ވެސް އެންމެފަހުން މިވަނީ މި ވާހަކައިގައި ބައިވެރިވެ، ފިލްމު އުފެއްދުމުގެ ތެރޭގައި އަދިވެސް އޮތް މިފަދަ ތަފާތުކުރުންތަކަށް އަލިއަޅުވާލާފައެވެ. އަންނަ މަހު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ކްރިތީގެ ފިލްމު "ކޮކްޓެއިލް 2"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް "މި ދާއިރާގައި ފިރިހެނުން އިސްކުރުމުގެ ވިސްނުން އަދިވެސް ވަރަށް ބޮޑަށް އެބައޮތް. ހަމަހަމަކަން ގާއިމުކުރުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މިކަންކަން ފެންނަނީ ވަރަށް ކުދިކުދި ކަންކަމުން. މިސާލަކަށް، ފިލްމު ސެޓެއްގައި ފިރިހެން އެކްޓަރު މަޑުކުރަން ނުޖެހޭ ގޮތަށް މަސައްކަތުގެ އިންތިޒާމުތައް ބެހެއްޓުން، އަންހެން އެކްޓަރު ތައްޔާރުތޯ އެންމެ ފުރަތަމަ ބަލާ އާދައަކީވެސް ނޭނގި ނަމަވެސް ކުރެވޭ ތަފާތުކުރުމެއް،" އިންޑިއާގައި ނެރޭ 'ޖީކިއު' މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ކްރިތީ ބުންޏެވެ. "އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ އަމިއްލަ ހައްގުތަކަށް ވަކާލާތު ކުރަން. އެކަމަކު ކެރިއަރުގެ ކުރީކޮޅު އެއީ ވަރަށް އުނދަގޫ ކަމެއް. އަހަރެން ހަނދާން އެބަހުރި، އޭރު އަހަރެންނާ އެކު މަސައްކަތްކުރި، އަހަރެންނަށް ވުރެ ސީނިއާ ނޫން ފިރިހެން އެކްޓަރަކަށް އަހަރެންނަށް ވުރެ ރަނގަޅު ކާރެއް ދިން ހަނދާން. މިއީ ހަމައެކަނި ކާރެއްގެ މައްސަލައެއް ނޫން، އެކަމަކު އެއީ ހަމަހަމަކަމަށް އިހުތިރާމް ނުކުރުމުގެ މައްސަލައެއް. މިހާރު ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަކީ ކުރިއަރާފައިވާ ވިސްނުމުގެ ބަޔަކަށް ވިޔަސް، މިފަދަ ތަފާތުކުރުންތައް އަދިވެސް އެބަހުރި." ކްރިތީގެ އަމިއްލަ ތަޖުރިބާއެއް ހިއްސާކުރަމުން ބުނެފައިވެއެވެ. މިކަންކަމީ މިދިޔަ އަހަރު ނުކުތް ފިލްމު "ދޯ ޕައްޓީ"އިން ޕްރޮޑިއުސަރަކަށް ވާން ދިމާވި ސަބަބެއްތޯ ކްރިތީއާ ސުވާލުކުރުމުން ބަތަލާ ބުނީ، އެކްޓަރެއްގެ ހައިސިއްޔަތުން އަބަދުވެސް ޝައުގުވެރިވަނީ ވަރުގަދަ، ނަމޫނާ އަންހެން ކެރެކްޓަރުން ސްކްރީނަށް ގެނެސްދިނުމަށް ކަމަށެވެ. އެކަން ކްރިތީ އުފައްދާ ފިލްމުތަކުންވެސް ފެންނާނެ ކަމަށާއި އޭގެ މާނައަކީ ފިރިހެނުން ލީޑް ރޯލް ކުޅޭ ފިލްމުތައް އުފެއްދުން ހުއްޓާލީ ނޫން ކަމަށް ބަތަލާ ބުނެފައިވެއެވެ. ކްރިތީގެ އެންމެ ބޮޑު އެއް އަމާޒަކީ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ކުންފުނި މެދުވެރިކޮށް އަންހެނުންނަށް ފުރުސަތުތައް އިތުރުކުރަން ކަމަށާއި، އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އަންހެނުންނަށް ޚާއްޞަކޮށްގެން ލިޔެފައިވާ މޮޅު ސްކްރިޕްޓްތައް އަދިވެސް ފެންނަ މިންވަރު މަދުވުން ކަމަށް ކްރިތީ ވަނީ ބުނެފައެވެ. މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ތޭރެ އިޝްގް މޭ"ގެ ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ މަހުގެ 19ގައި ރިލީޒްކުރާ ފިލްމު "ކޮކްޓެއިލް 2"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ