ޔަޝްގް ފިލްމު 'ޓޮކްސިކް' ރިލީޒްކުރުން އޯގަސްޓް މަހަށް ތާވަލުކޮށްފި

ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ އިންތިޒާރާއި، އެކި ފަހަރު މަތިން ފަސްކުރުމަށްފަހު، ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ޓޮކްސިކް" ރިލީޒްކުރާނެ އާ ތާރީހެއް އެންމެ ފަހުން އިއުލާންކޮށްފިއެވެ. މަޝްހޫރު އެކްޓަރު ޔަޝް މުހިންމު ރޯލުން ފެންނާނެ އަދި ގީތޫ މޯހަންދާސް ޑައިރެކްޓްކުރާ މި އެކްޝަން ޑްރާމާ ސިނަމާތަކަށް ނެރުމަށް މިހާރު ތާވަލުކޮށްފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހަށެވެ. ފިލްމު "ކޭޖީއެފް"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ކަންނާޑާ އެކްޓަރު ޔަޝްގެ "ޓޮކްސިކް" ސިނަމާތަކަށް ގެނައުމަށް ކުރި ދަތުރުގައި ވަރަށް ގިނަ ހުރަސްތަކާ ވަނީ ކުރިމަތިވެފައެވެ. އެންމެ ފުރަތަމަ މި ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހަށެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ބޮޑުވުމާއި، ޝޫޓިންގް ތާވަލު ދިގުލައިގެން ދިއުމުގެ ސަބަބުން ފިލްމު ރިލީޒްކުރުން ފަސްކުރެވުނެވެ. ފިލްމު "އީތާ"ގެ މަންޒަރެއްގައި ބަތަލާ ޝްރައްދާ ކަޕޫރު އަދި "ޓޮކްސިކް"ގެ މަންޒަރެއްގައި ޔަޝް--ފޮޓޯ/އެންޑީޓީވީ ޔަޝްގެ އިތުރުން ބޮލީވުޑްގެ ބައެއް ތަރިން ކަމަށްވާ ކިއާރާ އަދުވާނީ، ހުމާ ގުރޭޝީ އަދި ސައުތު ބަތަލާ ނަޔަންތާރާ ފަދަ މަޝްހޫރު ބަތަލާއިން މުހިއްމު ރޯލްތައް ކުޅެފައިވާ "ޓޮކްސިކް"ގެ ޝޫޓިންގް ނިންމާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުތެރޭއެވެ. އޭގެފަހުން މި އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކުރި ނަމަވެސް މެދުއިރުމަތީގެ މަސްރަހު ގޯސްވުމުގެ ސަބަބުން ފިލްމު އަނެއްކާވެސް ފަސްކުރަން ޖެހުނެވެ. އިންޑިއާގެ ފިލްމުތަކަށް މެދުއިރުމަތީގެ މާކެޓަކީ ވިޔަފާރީގެ ގޮތުން ވަރަށް މުހިންމު ސަރަހައްދަކަށް ވާތީ، ބައިނަލްއަގުވާމީ ފެންވަރުގައި ފިލްމު ދެއްކުމަށް ހުރަސްތަކެއް ކުރިމަތިވެދާނެތީ އެ ޓީމުން ނިންމީ ފިލްމު ފަސްކުރުމަށެވެ. އޭގެ ފަހުން މި މަހުގެ ހަތަރު ވަނަ ދުވަހަށް ފިލްމު ރިލީޒްކުރާ ތާރީހު ބަދަލުކުރި ނަމަވެސް، ފިލްމުގެ މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އަނެއްކާވެސް ވަނީ ފަސްކޮށްފައެވެ. ފިލްމު "ޓޮކްސިކް" މި އަހަރުގެ އޯގަސްޓް މަހު ރިލީޒްކުރާނެކަން އިއުލާނުކުރިއިރު ބަތަލާ ޝްރައްދާ ކަޕޫރުގެ ފިލްމު "އީތާ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. މި ދެ ފިލްމަކީ ވެސް ބޮޑު ބަޖެޓަކުން އުފައްދާ ދެ ފިލްމަށްވެފައި ދެ ފިލްމު މިހާ ކައިރި ތާރީހުތަކެއްގައި ރިލީޒްކުރުމުން ބޮކްސް އޮފީހުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދޭނެ ކަމަށް ގިނަ ބަޔަކު ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ