ދައުލަތުން ނުދީ ހިފަހައްޓާ ލިޔެކިޔުން މުހިއްމުވާ ސަބަބު މިސާލާއެކު ރައީސް ޔާމީން ވިދާޅުވެދެއްވައިފި

މިހާރު ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ރ.ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައާ ގުޅިގެން ހޯދުމަށް އެދިވަޑައިގަތުމުން ދައުލަތުން ނުދީ ހިފަހައްޓާފައިވާ މައުލޫމާތަކީ، ރިސޯޓު ތަރައްޤީކުރުމަށް ފަޅާއި ފަޅުރަށް ކުއްޔަށް ދިނުމަށް ކުރީގެ ނައިބުރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަޙްމަދު އަދީބަށާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތަށް ނުފޫޒު ނުފޯރުއްވާކަން ސާބިތުކުރެއްވުމަށް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
މިފަދައިން ރައީސް ޔާމީނު ވިދާޅުވީ ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނޭ ހެކި ހާމަކުރުމުގެ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުން ދެމެހެއްޓުމުން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ހެކިތައް ހޯއްދަވަން އެދިވަޑައިގެންނެވި ސަބަބު ސާފުކޮށްދެއްވަމުން ރައީސް ޔާމީނު ވިދާޅުވީ މި މައްސަލާގައި ދައުލަތުން މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާއަކީ މަޤާމުގެ ހައިސިއްޔަތުން ޓުއަރިޒަމް މިނިސްޓަރަށާއި އެމްއެމްޕީއާރުސީގެ އެމްޑީއަށް ވަކި ކަހަލަ އިރުޝާދުތަކެއް ދެއްވާ ބޭފުޅެއްކަން ސާބިތުކޮށްދިނުމަށް ކަމުގައެވެ.
"މި ސަބަބަށްޓަކައި މި ރަށުގެ ކޭސް އުޅޭ މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ދެފަރާތުން ކުރެ އެއްވެސް ފަރާތަކާ އެއްވެސް ކަހަލަ ލިޔެކިޔުމެއް ބަދަލުކޮށްފައި އޮތްތޯ. އަޅުގަނޑު ދެންނެވި ގޮތަށް ދައުލަތުގެ ފަރާތުން ހުށަހެޅިފައި ނެތް އެސްއެމްއެސްއެއްހައި ހިސާބުވެސް،" ރައީސް ޔާމީން ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން ވަކި ރަށެއް ވަކި ފަރާތަކަށް ދިނުމަށް އެއްވެސް ފަރާތަކަށް އެމަނިކުފާނު އަންގަވާފައި ނޯންނާނެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. "އެހެންވީމައި މިއީ ދައުލަތުގައި ހުރި ލިޔުން. އެހެންވީމައި އަޅުގަނޑުގެ ދިފާއު ބިނާކުރަން މިޖެހެނީ، ޕްރޮސެކިއުޝަނުން އެ ބުނާ ގޮތަށް ޓުއަރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީގެ އެމްޑީއާ މިއީ އެހާ ހޭންޑްސްއޮންކޮށް ހިންގާ މުއާމަލާތްތަކެއް ނޫނޭ. ޓުއަރިޒަމްގެ ރަށްތައް ދޫކުރަން އުސޫލެއް އޮވޭ ގެޒެޓުކޮށްފައި އެއާ އެއްގޮތަށް އަމަލުކުރަނީ،" ރައީސް ޔާމީނު ވިދާޅުވިއެވެ.
އަދި މިފަދައިން ދައުލަތުގައި ހުންނަ މައުލޫމާތު ނުލިބުމުން ލިބޭ ގެއްލުން ފާހަގަކުރައްވައި ރައީސް ޔާމީނު މިސާލެއްގެ ގޮތުގައި ނެންގެވީ ވޮޑަމުއްލާ މައްސަލާގައި އެއިރުގެ އޭސީސީގެ ނައިބުރައީސް މުއައްވިޒު ރަޝީދު ދެއްވި ހެކިބަހެވެ. ރައީސް ޔާމީނު ފާހަގަކުރެއްވީ ރައީސް އޮފީހަށް ވަޑައިގެން މުއްވިޒާއި އޭސީސީގެ ރައީސް އެމަނިކުފާނާ ބައްދަލުކުރެއްވިކަމަށް ހެކިބަސްދެއްވަމުން މުއައްވިޒު ވިދާޅުވި ކަމަށެވެ. އަދި މުއައްވިޒުގެ ހެކިބަސް ނަފީކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތީ ރައީސް އޮފީހުގެ އެޕޮއިންޓްމެންޓު ލޮގުތަކަށް ކަމަށާއި، ނަމަވެސް އެ ލޮގުތައް ރައީސް އޮފީހުން އެމަނިކުފާނާ ހިއްސާނުކުރި ކަމަށެވެ.
"ކޭސްތަކުގެ ތެރޭގައި އިންފޮމޭޝަން ހޯދަން ކުރަންޖެހޭ ކަމެއް ކުރިން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެޕޮއިންޓްމެންޓް ލޮގަކީ ކޮންމެ ދުވަހަކު ބަލަހައްޓާ އެއްޗެއް. ނިމިދިޔަ ރައީސެއްގެ ލޮގު ހޯދަން އެދުނީމައި ޑިނައިކުރީ،" ރައީސް ޔާމީނު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވީ ހަމަ އެ ދުވަސްވަރު ފޭސްބުކުގައި ލުތުފީ މުއައްވިޒުގެ ވާހަކަތައް ދޮގުކުރައްވާފައި އޮތް ކަމެވެ.
މިހާރު ހޯއްދަވަން އެދިވަޑައިގަންނަވާ މައުލޫމާތަކީ އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާގެ އަސާސްކަމުގައިވާ ޓުއަރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީގެ އެމްޑީއާ ރައީސުލްޖުމްހޫރިއްޔާއާ އޮންނަކަމަށް ދައުލަތުން ބުނާ ގުޅުން ނުވަތަ ލިންކު މުގުރައިލުމަށް ބޭނުންވާ ލިޔުންތައްކަމަށާއި، އެ ލިޔުންތަކަކީ ދައުލަތުގައި ހުންނާނެ ހެކި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ