ތަށީގެ އުންމީދު ބޮޑު، ސްޕާސް ޔޫރޮޕާ ލީގުގެ ފައިނަލަށް

ޔުއޭފާ ޔޫރޮޕާ ލީގުގެ ފައިނަލުން ޓޮޓްނަމް ހޮޓްސްޕާ ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން ސްޕާސް ޖާގަ ހޯދީ ސެމީ ފައިނަލްގައި ބޯޑޯ ގްލިމްޓާ ބައްދަލުކޮށް 5-1ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ސްޕާސްގެ ދަނޑުގައި 3-1 އިން ސްޕާސްއިން ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ ލެގު ސްޕާސްއިން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ. ބޯޑޯ ގްލިމްޓްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު މިމުބާރާތުގެ ކުއާާޓާ ފައިނަލް މެޗުގައި ލޯޒިއޯ ދެ ލަނޑު ސުން ލަނޑުން ބަލިކޮށްފައިވުމުން މި މެޗުގައި ސްޕާސްއަށް ވެސް އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް، މިމެޗުގައި ބޯޑޯ ގްލިމްޓްއަށް ކުރިން މެޗުގައި ދެއްކި ކަހަލަ ކުޅުމެއް ތަކުރާރު ކުރެވުނު ތަނެއް ނުފެނުނެވެ. މެޗުގައި ބޯޑޯ ގްލިމްޓުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް އެ ޓީމަށް ސްޕާސްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. ސްޕާސް ވެސް ފެނުނީ ރަނގަޅަށް ޑިފެންސްކުރުމާ އެކު ލިބޭ ފުރުސަތުތަކުގައި ކުރިއަށް އަރައި މަސައްކަތް ކުރި ތަނެވެ. އެންމެ ބޮޑު އެއް ސަބަބަކަށްވީ އެ ޓީމަށް ފުރަތަމަ ލެގުން ރަނގަޅު ލީޑެއް ލިބިފައިވުމާ އެކު ބޯޑޯ ގްލިމްޓްގެ ދަނޑުގައި ކުޅުން އެންމެ ފަސޭހަ ނުވުމެވެ. މި ހުރިހާ ކަމަކާ އެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ސްޕާސްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕާސްގެ ކެޕްޓަންކަން ކުރި ކްރިސްޓިއަން ރޮމޭރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޮމިނިކް ސޮލާންކީއެވެ. މި ލަނޑު ކާމިޔާބުކުރިތާ ހަ މިނެޓް ފަހުން ޕެޑްރޯ ޕޯރޯ ބޯޑޯ ގްލިމްޓްގެ ގޯލް ކުރިމައްޗަށް ހުރަސްކުރަން އުޅުނު ބޯޅަ ގޯލު ތެރެއަށް ވަދެ އެ ޓީމުން މިމެޗުގައި ދެ ލަނޑުގެ ލީޑެއް ނަގައި ފައިނަލްގެ ޖާގަ ގާތްގަނޑަކަށް ޔަގީންކުރިއެވެ. މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ބޯޑޯ ގްލިމްޓްއަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ޕެނަލްޓީ ވަނީ ބާތިލުކޮށްފައެވެ. މި ކާމިޔާބީއާ އެކު ސްޕެއިންގެ ބިލްބާއޯގައި މި މަހުގެ 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގެ ޖާގައެއް ސްޕާސްއިން ކަށަވަރުކޮށްފައިވާއިރު ފައިނަލްގައި ސްޕާސް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެ ޓީމަށް ވަރަށް ރަނގަޅަށް އެނގޭ ޓީމެއް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއެވެ. މިއާއެކު 2008 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބުކުރުމަށް ސްޕާސްއިން ކުރަމުން އަންނަ އުންމީދު އަދި އޮތީ ކުރިއަށެވެ. ސްޕާސްއަށް އެންމެ ފަހުން ޔޫރަޕްގެ ތައްޓެއް ކާމިޔާބުކުރެވިފައިވަނީ 1984 ވަނަ އަހަރުކަމުން މިއީ އެ އިންތިޒާރު ވެސް ނިމުމަކަށް ގެނައުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ހަމަައެއާއެކު ސްޕާސްގެ ކޯޗު އެންޖޭ ޕޮސްޓެކޮގްލޫ އޭނާ ކޯޗު ކޮށްދޭ ކޮންމެ ޓީމަކަށް ވެސް ދެވަނަ ސީޒަންގައި ތައްޓެއް ކާމިޔާބުކޮށްދޭ ކަމަށް ބުނެފައިވާ ބުނުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވި ނަމަވެސް މިހާރު މިވަނީ އެކަންވެސް އެގޮތުގައި ދެމެހެއްޓުމުގެ ފުރުސަތެއް ޕޮސްޓެކޮގްލޫއަށް ލިބިފައެވެ. މެޗުގައި ބޯޑޯ ގްލިމްޓްއަށް އެންމެ ރަނގަޅު ކުޅުން ދެއްކޭ ގޮތް ނުވި ނަމަވެސް މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެ ޓީމުން ދައްކާފައިވާ ކުޅުމަކީ ތައުރީފު ހައްގު ކުޅުމެކެވެ. ބޯޑޯ ގްލިމްޓް ވެފައިވަނީ ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުން މިހާތަނަށް ޖާގަހޯދި ނޯވޭގެ ފުރަތަމަ ޓީމަށެވެ. މި މުބާރާތުން ބޯޑޯ ގްލިމްޓްއަށް ލިބުނު ތަޖުރިބާއާ އެކު އަންނަ ސީޒަންގައި އެ ޓީމުގެ ފަރާތުން މިއަށްވުރެ ރަނގަޅު ކުޅުމެއް ފެންނާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ