ސަލާމަތީ ފިޔަވަޅުތަކާ އެއްގޮތަށް އައިޕީއެލް އެއް ހަފްތާ އަށް ސަސްޕެންޑް! ސަލާމަތީ ފިޔަވަޅުތަކާ އެއްގޮތަށް އައިޕީއެލް އެއް ހަފްތާ އަށް ސަސްޕެންޑް!

ނިއު ދިއްލީ، އިންޑިއާ (މެއި 9) - އިންޑިއާ އާއި ޕާކިސްތާންގެ ދެމެދުގައި މިހާރު ބަދަލުކުރަމުން އަންނަ ވައިގެ ހަމަލާތަކުގެ ސަބަބުން، އިންޑިއާ ސަރުކާރުން އަޅަން ނިންމާފައިވާ ސަލާމަތީ ފިޔަވަޅުތަކަށް ބޯލެނބުމުގެ ގޮތުން، މަޝްހޫރު ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އެއް ހަފްތާ އަށް ސަސްޕެންޑްކޮށްފި އެވެ.
ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި އާންމުންނަށް އަމާޒުކޮށް މިދިޔަ މަހު 22، ގައި ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ. ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. އެ ހަމަލާގައި 26 މީހުން މަރުވި އެވެ.
ޕަހަލްގަމްގެ މި ޓެރަރިސްޓު ހަމަލާއާ ގުޅިގެން، އިންޑިއާ އާއި ޕާކިސްތާނުން އަންނަނީ ވައިގެ މަގުން ހަމަލާ ބަދަލުކުރަމުންނެވެ. މި ކަންކަމަށްް ބަލައި، ދެ ގައުމުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް އަޅަމުންނެވެ. އެ ގޮތުން، ޕާކިސްތާންގެ ކްރިކެޓް ލީގުގެ ބާކީ މެޗުތައް ޔޫއޭއީ އަށް ވަނީ ބަދަލުކޮށްފަ އެވެ.
އިންޑިއާގެ ކްރިކެޓް ބޯޑު، ބީސީސީއައި އިން އައިޕީއެލްގެ ގަވަނިންސް ކައުންސިލާ މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ، ހުރިހާ ކަމަކަށް ބެލުމަށް ފަހު، މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ، އައިޕީއެލް މެދުކަނޑާލުން ކަމަށެވެ.
އެ ގޮތުން، ހަފްތާ އަކަށް މެދުކަނޑާލުމަށް ފަހު އަލުން ފަށައި، އައިޕީއެލްގައި ބާކީ އޮތް 16 މެޗު ފުރިހަމަކުރެވޭނެ ކަމަށް އައިޕީއެލްގެ ގަވަނަންސް ކައުންސިލުން ދެކެ އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އައިޕީއެލްގެ މި މެދުކަނޑާލުން މި ވަގުތަށް ހަފްތާ އަކަށް އޮތް ނަމަވެސް، މިކަން ދިގުލައިދިއުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ