2028ވަނަ އަހަރު ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތްކުރާނީ ގޭގައި ތިބެގެން: ރައީސް
ސަރުކާރުން މިއަދު އިފްތިތާހުކުރި، ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، ރާއްޖެ ޑިޖިޓަލްކުރުމުގެ "މޯލްޑިވްސް 2.0" ގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދައިކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރުން މިރޭ ވަނީ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް "މޯލްޑިވްސް 2.0"އާ ގުޅޭގޮތުން ޚާއްސަ އެކްސްޕާޓުންނާއެކު ކުރިއަށް އޮތް ދެ ދުވަހަށް ބާއްވާ ސަމިޓު އިފްތިތާހުކޮށްފައެވެ. އެކަމަށް މިރޭ އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިރޭ ސަރުކާރުން ފެށި ޑިޖިޓަލައިޒޭޝަން މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ ނިންމައިލުމަކީ އަމާޒު ކަަމަށެވެ. އޭރުން އެންމެ ބޮޑު އެއް ފައިދާއެއް ކުރާނީ ސަރުކާރުގެ އެކި ޚިދުމަތްތައް ދޭ އިދާރާތަކުގެ ހިންގުމަށް ކަމަށެވެ. އެގޮތުން ޑިޖިޓަލައިޒޭޝަންގެ އަމާޒަށް ވާސިލްވުމުން އޮފީހުގައި ތިބެގެން ޚިދުމަތް ދޭން ތިބެންޖެހޭ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެެވެ. އެއާއެކު އެ މަނިކުފާނު ވިދާޅުވީ އަމާޒަކީ ސިވިލް ސާވިސް މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން، 2028ވަނަ އަހަރު ފެށޭ ހިސާބުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުންކަމަށް ވިދާޅުވިއެވެ. އަދި ވަކި އުސޫލެއްގެ ތެރެއިން، ހަފުތާއަކަށް ކަނޑައެޅޭ ވަކި ގަޑިއެއްގައި، ވަގުތު ހަމަކުރަން އޮފީހަށް އަންނަ ގޮތަށް އުސޫލުތައް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޓީޗަރުންފަދަ، ކޮންމެހެން އަންނަން ޖެހޭ މުވައްޒަފުން އޮފީސްތަކަށް ހާޒިރުވެ މިހާރެކޭ އެއްގޮތަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ ސަރުކާރުގެ ޚަަރަދުތައް ކުޑަވާނެ ކަމެއް ކަމަށެވެ. އަދި މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި، އެންމެން އެއް ވަގުތެއްގައި ވެހިކަލް ފަދަ ތަކެތި ބޭނުންކުރުމުން ކުރިމަތިވާނެ ތިމާވެށީގެ ގެއްލުންތައް ވެސް ކުޑަކުރެވޭނެ ކަމެއް ކަމަށެވެ. ސަރުކާރަކީ ރާއްޖޭގައި ވަޒީފާ އުފައްދާ މައި ބާރެވެ. ޕްރައިވެކްޓް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށްވުރެ ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު އެތައް ގުނައެއް ބޮޑެވެ. ސިވިލް ސާވިސްގައި މިހާރު ވެސް 40،000 އެއްހައި މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ