ދަށް ފަންތީގެ މީހުންނަށް އެސްއޯއީގެ މަގާމުތަކަށް އާދެވޭ އުސޫލަށް ދެކޮޅު ހެދުމުން ޕީސީބީގެ އެސްޖީ ސަސްޕެންޑުކޮށްފި ދަށް ފަންތީގެ މީހުންނަށް އެސްއޯއީގެ މަގާމުތަކަށް އާދެވޭ އުސޫލަށް ދެކޮޅު ހެދުމުން ޕީސީބީގެ އެސްޖީ ސަސްޕެންޑުކޮށްފި

ދަށް ފަންތީގެ މީހުންނަށް ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކަށް އާދެވޭ ގޮތަށް ބަދަލު ކުރި އުސޫލަށް ދެކޮޅު ހެދުމުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔާމީން މަގާމުން ސަސްޕެންޑުކޮށްފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޔާމީން ސަސްޕެންޑު ކުރީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭނާ ސަސްޕެންޑު ކުރީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. ސަސްޕެންޑު ކުރިއިރު ބުނެފައި ވަނީ ޔާމީން ސަސްޕެންޑު ކުރީ އޭނާއާ ދެކޮޅަށް ތަހުގީގެއް ހިންގާތީ ކަމަށެވެ.
އެސްއޯއީތަކުގެ އިސް މަގާމުތަކަށް ދަށް ފަންތީގެ މުވައްޒަފުންނަށް އާދެވޭ ގޮތަށް ޕީސީބީއިން ބަދަލު ގެނައީ އޭޕްރީލް 21، ގަ އެވެ. އެ ބަދަލުގެ ސަބަބުން އެސްއޯއީތަކަށް ސިޔާސީ ނުފޫޒު މިހާރަށްވުރެ ވެސް ބޮޑަށް ވަނުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެތަނުގެ ޓެކްނިކަލް ސްޓާފުން ބުނެ އެވެ.
އެގޮތަށް އުސޫލު ބަދަލު ކުރަން ދެކޮޅު ހެދި އެއް ބޭފުޅަކީ ސެކްރެޓަރީ ޖެނެރަލް ޔާމީން އެވެ. އޭނާގެ އިތުރުން ބައެއް އެހެން ޓެކްނިކަލް ސްޓާފުން ވެސް އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ. ޕީސީބީގެ ބޯޑުން ބޭނުންވީ، ބޯޑާ ހަމައަށް ޓެކްނިކަލް ސްޓާފުން ފޮނުވާ ޑޮކިއުމެންޓުތައް ވެސް ބޯޑުން ބޭނުންވާ ގޮތަށް ފަރުމާ ކުރުމަށެވެ.
މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރުންނަށާއި ޗީފް އިންޓާނަލް އޮޑިޓަރުންގެ މަގާމަށް އާދެވޭނީ އިންޓަނޭޝަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރަކަށެވެ.
ނަމަވެސް މިއަދު އެ ބޯޑުން އާންމުކުރި އުސޫލުގައި ވާގޮތުން އައިފެކް އިން ގަބޫލުކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރުން ނޫން މީހުންނަށް ވެސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ސީއެފްއޯއިންނާއި ސީއައިއޭއިންގެ މަގާމަށް އާދެވެ އެވެ.
އައިފެކް އަކީ އެކައުންޓްސް ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަން އެވެ. އެ އޯގަނައިޒޭޝަނުގެ މެންބަރުންނަކީ ވަކި އުސޫލުތަކަކާއި ހަމަތަކެއް ހިފަހައްޓަންޖެހޭ ބައެކެވެ. އުސޫލުތަކާއި ހަމަތަކުން ބޭރުވެއްޖެ ނަމަ އައިފެކްއިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރުކަމުގައި އެމީހަކަށް ނުހުރެވޭނެ އެވެ.
އެހެންކަމުން މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލުގައި އޮތް ގޮތުން ނުރަނގަޅު މާޒީއެއް އޮތް އެއްވެސް މީހަކަށް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ސީއެފްއޯ ކަމަށް ނުވަތަ ސީއައިއޭ ކަމަށް ނާދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ