ޑެޕިއުޓީ ޕީޖީއަކަށް އައިޝަތު އައްޔަން ކުރައްވައިފި

ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް, ޕީޖީ އޮފީހުގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ, އައިޝަތު މުޙައްމަދު މިއަދު އައްޔަން ކުރައްވައިފިއެވެ. ޕްރޮސިކިއުޓާ ޖެނެރަލް, ޖަސްޓިސް ރިޓަޔާޑް އައްބާސް ޝަރީފް, ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި އައިޝަތަކީ ރާއްޖޭގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ ޕަބްލިކް ޕްރޮސިކިއުޓާއެވެ. ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން އޭނާ ގެންދަވަނީ ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވަމުންނެވެ. އައިޝަތަކީ ޕީޖީ އޮފީހުގެ ފަރާތުން ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލެކެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ދައުލަތް ތަމްސީލު ކުރެއްވުން ހިމެނެއެވެ. އައިޝަތުގެ އިތުރުން ދެން ޑެޕިއުޓީ ޕީޖީގެ މަގާމު ފުރުއްވާނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މަހްމޫދު ސަލީމެވެ. މީގެ އިތުރުން ޕީޖީ އައްބާސް މިއަދު ވަނީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް, ހުސައިން ސާމީ އައްޔަން ކުރައްވައިފައެވެ. އޭނާ އަކީ 2018 ވަނަ އަހަރުން ފެށިގެން ޕަބްލިކް ޕްރޮސިކިއުޓަނެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ