އަލޮންސޯ، ރެއާލްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެއްޖެ: ރިޕޯޓް އަލޮންސޯ، ރެއާލްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެއްޖެ: ރިޕޯޓް

މެޑްރިޑް (މެއި 9) - ބަޔާ ލެވަކޫސަންގެ ކޯޗަކަށް ހުރި ސްޕެއިނުގެ ޒަބީ އަލޮންސޯ، ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރެއާލްގެ ކޯޗުގެ މަގާމުގައި މި ވަގުތު ހުރި ކާލޯ އަންޗެލޮޓީ މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލާނެކަން ޔަގީންވެފައިވާއިރު، އެ ޓީމާ ދެން ހަވާލުވާނެ ކަމަށް ކުރިން ވެސް މީޑިއާގައި އަޑުފެތުރުނީ އަލޮންސޯ އެވެ. ލެވަކޫސަންގެ ކޯޗުގެ މަގާމާ 2022 ވަނަ އަހަރުގެ އޮކްޓޫބަރުގައި ހަވާލުވެ، އަލޮންސޯ އަންނަނީ އެ ޓީމާ އެކު، ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، އެ ޓީމަށް ފުރަތަމަ ފަހަރަށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި ހޯދައިދީ ގިނަ ރެކޯޑްތަކެއް ހެދި އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަލޮންސޯ ވަނީ، ރެއާލާ އެކު، ތިން އަހަރުގެ ކޮންޓްރެކްޓެއް ހަދައި، 2028 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އެ ޓީމާ ގުޅެން އެއްބަސްވެފަ އެވެ.
ކުރިން ރެއާލަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދި އަލޮންސޯ، ރެއާލްގެ ކޯޗުކަމާ ހަވާލުވާނީ އަންނަ މަހު ފަށާ ކްލަބް ވޯލްޑް ކަޕަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، އަލޮންސޯއާ މަޝްވަރާ ކުރުމަށް ފަހު، ރެއާލުން ކްލަބް ވޯލްޑް ކަޕްގެ ކޯޗަކަށް ސަންޓިއާގޯ ސޮލާރީ ހަމަޖައްސަން ވާހަކަ ދައްކަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަލޮންސޯ، މި ވަގުތު ލެވަކޫސަންގައި ހުރީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެެެވެ. އެކަމަކު، ކޮންމެ ސީޒަނެއް ނިމުމުން ވެސް އަލޮންސޯ އަށް ވަކި ކްލަބްތަކެއްގެ އޮފާ އައިސްފިނަމަ، މަޝްވަރާތައް ކުރެވޭ ގޮތަށް މާއްދާއެއް ވަނީ ލެވަކޫސަންގެ ކޮންޓްރެކްޓްގައި ހިމަނައިފަ އެވެ. އެ ގޮތުން، އަލޮންސޯ ރެއާލަށް ބަދަލުވަނީ ވެސް އެ މާއްދާގެ ތެރެއިން ހިނގާ މަޝްވަރާތަކަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ