ކުރީ ސަރުކާރުން އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރޭ: ވަޒީރު ޠާރިޤު

ކުރީ ސަރުކާރުން އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި ވަޒީރު ޠާރިޤު ވިދާޅުވީ ފާއިތުވީ 5 އަހަރުދުވަސްތެރޭ އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އައްޑޫ ސިޓީގެ ފެން އުފައްދާ ނިޒާމުވެސް ތަރައްޤީކޮށްފައިނުވާ ކަމަށެވެ. އެގޮތުން އަދިވެސް އެސިޓީގައި ހުރީ އެއްމެ އާރުއޯ ޕްލާންޓެއް ކަމަށާއި، އެއީ 2018ގައި ހުރި ޕްލާންޓުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެތަނުގައި އެބަހަދާ ޕަވާ ހައުސްއެއް، އެކަމަކު އެތަންވެސް އޮތީ ނުނިމި، ހާލަތަކީ އެތަނުން ޖެނެރޭޓަރެއް ހަލާކުވެއްޖެއާއި، އައްޑޫގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެ، އެއްވެސް ގޮތަކަށް މެއިންޓަނެންސް މަސައްކަތެއް ކޮށްފައެއް ނެތް، ފެނަކައިން އައްޑޫގައި ކުރަން ޖެހޭ މަސައްކަތްތައްކޮށްފައެއް ނުވޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޠާރިޤު އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އެ ވުޒާރާގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ ހާލަތު ބެއްލެވުމެވެ. 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ