ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ތަރި އޮއްސިއްޖެ ކަމަށާ، އެމަނިކުފާނަށް ދެން ރާއްޖޭގެ ވެރިކަމާ ހަމައަށް ވަޑައިނުގަނެވޭނޭ ކަމަށް މިއަހަރު ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިހާތަނަށް ބޭއްވި ދެ އިންތިހާބުގައިވެސް ރައީސް ނަޝީދަށް ނާކާމިޔާބީ އާ ކުރިމަތިލައްވަންޖެހި ވަޑައިގެންނެވިކަން ފާހަގަކޮށް އުމަރު ވިދާޅުވީ ދެން ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެ މަނިކުފާނަށް ވެރިކަން ލިބިވަަޑައިގަންނަވާތޯ މަސައްކަތް ކުރެވިދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
'ދީނީ' ކަންކަމުގައި ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކާ އަބަދުވެސް ވަރަށް ދެކޮޅު އަދި ރައީސް ނަޝީދަށް އަބަދުވެސް އެކަމާ ގުޅިގެން ފާޑުވިދާޅުވަމުން ގެންދަވާ އުމަރު ނަސީރު ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އުމަރު އެ ބޭފުޅަކާއެކު މަސައްކަތް ނުކުރައްވާނެ ހަމައެކަނި ބޭފުޅަކީވެސް ރައީސް ނަޝީދު ކަމުގައި ވިދާޅުވެފައެވެ. ދީނީ ކަންކަމުގައި ރައީސް ނަޝީދު ގެންގުޅުއްވާ އުސޫލުތަކާ ގުޅިގެން އެ މަނިކުފާނާއެކު މަސައްކަތް ނުކުރައްވާނެކަން ހާމަކުރައްވަމުން އުމަރު ވަނީ ނަޝީދާއެކު މަސައްކަތް ނުކުރައްވާނެ މައިގަނޑު ސަބަބަކީވެސް ދެބޭފުޅުންގެ ވިސްނުމުގައި ހުރި ތަފާތުކަމަށެވެ.
ނަޝީދުގެ 'އައިޑިއޮލޮޖީ' އަކީ ވަރަށް 'ލިބަރަލް އައިޑިއޮލޮޖީ' އެއް ކަން ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ އޭނާއަކީ ވަރަށް ކޮންޒެވޭޓިވް އަދި އިސްލާމީ ޝަރީއަތުގައި ހިފަން ވަރަށް ބޮޑަށް ބޭނުންވާ ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން އުމަރު ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަކުރުމަށް މަސައްކަތް ކުރެއްވި މަންޒަރު ފެނިވަަޑައިގެންނެވި ކަމަށެވެ.
މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކަށް ފަޑުވިދާޅުވަމުން އުމަރު ވަނީ ސަރުކާރެއް ހޮވުމަށް، ކެމްޕެއިން މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެހެން މަގާމުތަކެއް ދޭން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ކެމްޕެއިނާއި ގަވާނެސްސާ އެއީ ދޭއްޗެއްކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ އެއީ ވަރަށް ގިނަ ބަޔަކަށް އޮޅުން އަރާފައިވާ ކަމެއް ކަމަށެވެ.
އުމަރު ނަސީރުގެ ސަރުކާރެއްގައި މިފަދަ ކަންކަން އިސްލާހުވެގެން ދާނެކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ ސަރުކާރު ހޮވުމަށް ކެމްޕެއިން ކުރި ނަމަވެސް، އުމަރުގެ ސަރުކާރާއެއްގައި ކަންކަން ހަވާލު ކުރާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ އެންމެ މޮޅެތި މީހުންނާ ކަމަށެވެ.
ރައީސް ނަޝީދުގެ ތަރި އޮއްސިއްޖެ، ދުވަހަކުވެސް އެމަނިކުފާނާއެކު ސިޔާސީ މަސައްކަތެއް ނުކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ