ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ހިޔާލު ތަފާތު ނުވާނެ ކަމަށާއި ސިޔާސީ ހަޔާތުގެ މަދަދު ގާރަކީ ގާސިމް ކަމަށް، ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، އޭނާއާ ދެކޮޅަށް ހުށަހެޅުނު ޖިންސީ ގޯނާގެ މައްސަލަތަކުގެ ތަހުގީގު ތެރެއިން އަލީ ވަހީދު ވަނީ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައެވެ. އޭގެ ދެ އަހަރު ފަހުން އަލީ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއިރު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފައެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ޖަލު ހުކުމް ވެސް އެ ކޯޓުން ވަނީ ބާތިލުކޮށްފައެވެ. އެ ހުކުމް ބާތިލުކުރީ އަލީ ވަހީދު މައާފަށް އެދިވަޑައިގެންނެވުމުންނެވެ.
އަލީ ވާހިދާއި ގާސިމް މިއަދު ވަނީ ސަމާ އައިލެންޑް ރިސޯޓުގައި ބައްދަލުކުރައްވައިފައެވެ. ޖުމްހޫރީ ޕާޓީން އާންމުކުރި ވީޑިއޯއެއްގައި ގާސިމް ވަނީ އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް ވިދާޅުވެދެއްވައިފައެވެ.
އަލީ ވަހީދު ވިދާޅުވީ 2009 ވަނަ އަހަރު އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށާއި އަދި މިނިސްޓަރުގެ މަގާމަށް އައްޔަންކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ ގާސިމް ކަމަށެވެ.
"ގާސިމަކީ އަޅުގަނޑުގެ ސިޔާސީ ކެރިއަރުގެ އެންމެ ބޮޑު މަދަދުގާރު. 2008 ގެ ރިޔާސީ އިންތިހާބަށްފަހު، 2009ގެ މަޖިލިސް އިންތިހާބުގައި އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ އެންމެ ޒުވާން މެމްބަރަކަށް އިންތިހާބު ކާމިޔާބުކުރުމުގައި އެންމެ ބޮޑު ހިއްސާދާރަކީވެސް އޮނަރަބަލް ގާސިމް. އަޅުގަނޑަށް އުމުރުން އަދި 40 ވެސް ނުވޭ، އެހެންނަމަވެސް ދައުލަތުގެ ވަޒީރުކަމާ ހަމައަށް އައުމުގައި ވެސް އެންމެ ބޮޑު ހިއްސާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު،" އަލީ ވަހީދު ވިދާޅުވިއެވެ.
ސިޔާސީ ފިކުރު ތަފާތުކޮށް، ވާދަވެރިންގެ ގޮތުގައި ތިބި އިރުވެސް ގާސިމަކީ ރަހުމަތްތެރިއެއް ކަމަށާއި ޖަރުމަނުގައި ގާސިމްއާއެކު އެއް އެޕާޓްމެންޓެއްގައި ވެސް އުޅުއްވި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރުން ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ކަމަށެވެ.
ގާސިމްއާއެކު ހިޔާލު ތަފާތުނުވާނެ ކަމަށާއި އަބަދުވެސް އެއްކޮށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ޕޯޑިއަމަކަށް ދެން އަރައިވަޑައިގަންނަވާނީ މިމަހުގެ 20 ވަނަ ދުވަހުގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމްއާ ހިޔާލު ތަފާތެއް ނުވާނެ، އަޅުގަނޑުގެ ސިޔާސީ ހަޔާތުގެ މަދަދުގާރަކީ ގާސިމް: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ