'ސަރްޒަމީން'ގެ ޓްރެއިލާ ދައްކާލައިފި، އިބްރާހީމްގެ އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު

މި މަހު 25 ވަނަ ދުވަހު ޖިއޯ ހޮޓްސްޓާގައި ޕްރީމިއާކުރާ ފިލްމު "ސަރްޒަމީން"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ފިލްމުގައި މުހިއްމު ރޯލް ކުޅޭ އިބްރާހީމް އަލީ ޚާންގެ އެކްޓިން ހުނަރާމެދު ސުވާލު އުފެއްދި މީހުންގެ ތައުރީފު އެކްޓަރަށް އަންނަނީ ލިބެމުންނެވެ. ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާނާއި ކުރީގެ މަޝްހޫރު ބަތަލާ އަމްރީތާ ސިންގްގެ ދަރިފުޅު އިބްރާހީމް އަލީ ޚާން (އިގީ) ފިލްމު އިންޑަސްޓްރީއަށް ތައާރަފުވީ މި އަހަރުގެ މާޗް މަހު ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "ނާދާނިޔާން"އިންނެވެ. ބަތަލާ ޚުޝީ ކަޕޫރާ އެކު އިގީ މުހިއްމު ރޯލްއިން ފެނުނު މި ފިލްމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއިރު އެ ފިލްމަކީ އާއްމުކޮށް ފެންނަ އިންސްޓަގްރާމް ރީލްއަކާ އެއްވެސް ތަފާތެއް ނެތް ފިލްމެއް ކަމަށް ބުނެ ދެ ޒުވާނުންގެ އެކްޓިން ހުނަރަށް ގިނަ ބަޔަކު ޖޯކު ޖެހިއެވެ. އިބްރާހީމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ފިލްމު "ނާދާނިޔާ"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ ނަމަވެސް އިއްޔެ "ސަރްޒަމީން"ގެ ޓްރެއިލާ ދައްކާލުމުން، އިބްރާހީމަށް ފާޑުކިޔަމުން އައި ގިނަ ބައެއްގެ އަނގަ ބަންދުކޮށް އެއީ އެކްޓިން ހުނަރު ލިބި އެކަމުގެ ފުރިހަމަ ތަމްރީނާ އެކު އިންޑަސްޓްރީއަށް ނުކުތް ޒުވާނެއްކަން އިގީ ވަނީ ސާބިތުކޮށްދީފައެވެ. ފިލްމުގެ ޓްރެއިލާ ބަލާލުމަށްފަހު ގިނަ ބަޔަކު ބުނެފައި ވަނީ އިބްރާހީމަކީ ވަރަށް އުޖާލާ ކުރިމަގެއް އިންޑަސްޓްރީގައި އޮތް ޒުވާނެއްކަން ސާބިތުކޮށްދީފި ކަމަށާއި މި ފިލްމު ޕްރީމިއާކުރާ ދުވަހަށް އިންތިޒާރު ކުރެވޭ ކަމަށެވެ. ފިލްމު "ސަރްޒަމީން"ގެ ޓީޒާ ޓްރެއިލާ މިދިޔަ ހަފުތާގައި ދަރުމާއިން ރިލީޒްކުރިއިރު ޓީޒާގައި އިބްރާހީމް ފެންނަނީ ވަރަށް ކުޑަ ސިކުންތުކޮޅަކަށެވެ. އެހެންކަމުން އިބްރާހީމްގެ ކެރެކްޓާގެ ހަގީގަތާ މެދު ގިނަބަޔަކު ތިބީ ނޭނގުމެއްގެ ތެރޭގައެވެ. ނަމަވެސް ފިލްމުގެ ޓްރެއިލާއަށްފަހު އިބްރާހީމް ފިލްމުގައި ފެންނާނީ ވިލެންއެއްގެ ރޯލްއިން ކަމަށާއި ފިރިހެން ދަރިއަކާ ބައްޕައަކާ ދެމެދު ހިނގާ ވަރުގަދަ ކުރިމަތިލުންތަކެއް ފިލްމުގައި ބެލުންތެރިން ތަޖުރިބާކުރާނެކަން ވަނީ އެނގިފައެވެ. ތަޖުރިބާކާރު އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒޭ އިރާނީ ޑައިރެކްޓްކުރާ މި ފިލްމުގައި ބަތަލާ ކާޖޮލް އަދި ސައުތު އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން މުހިއްމު ރޯލްއިން ފެންނާނެއެވެ. އިބްރާހީމް ފިލްމުގައި ކުޅެނީ ކާޖޮލް އާއި ޕްރިތުވީރާޖްގެ ދަރިފުޅުގެ ރޯލެވެ. ނަމަވެސް ފިލްމުގައި ފެންނަ ވިލެންގެ ކެރެކްޓާއިން އިބްރާހީމް ފެންނަނީ ކީއްވެގެންކަން އެނގޭނީ ފިލްމު ބަލާލުމުންނެވެ. އިބްރާހީމްގެ ފުރަތަމަ ފިލްމު ރިލީޒްވުމުގެ މާކުރިން ޝޫޓިންގް ނިންމާލި މި އަސްކަރީ، ހަނގުރާމަމަތީ ފިލްމަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ