ފިލްމު 'ބޯޑާ 2'ގައި މަސައްކަތް ކުރުމުގެ ހުއްދަ ދިލްޖީތަށް ދީފި

އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖްއަށް އިންޑިއާގައި އުފައްދާ ފިލްމުތަކުގައި މަސައްކަތް ކުރުން މަނާކުރުމަށް ފިލްމު ފެޑެރޭޝަނުން ގޮވާލި މައްސަލައިގައި ލުއިތަކެއް ދީފިއެވެ. ދިލްޖީތު ޕްރޮޑިއުސްކޮށް ލީޑް އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފިލްމު "ސަރުދާރު ޖީ"ގައި ޕާކިސްތާނު ބަތަލާ ހާނިއާ އާމިރުގެ އިތުރުން އެ ގައުމުގެ އިތުރު ތަރިންތަކެއް ބައިވެރިކޮށްފައިވާތީ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސައިން އެމްޕްލޮއީސް (އެފްޑަބްލިއުއަސީއީ)އިން ވަނީ ދިލްޖީތާ ދެކޮޅަށް މައްސަލަ ހުށަހަޅާ އެކްޓަރާ މެދު ފިޔަވަޅު އަޅާނެކަން އަންގާފައެވެ. އެގޮތުން ދިލްޖީތު ހިމަނައިގެން ފިލްމު އުފެއްދުން މަނާކޮށް އޭނާއަށް އިންޑިއާގައި ޕާފޯމް ނުކުރެވޭނެ ކަމަށް ފިލްމު ފެޑެރޭޝަން އިން ވަނީ ބުނެފައެވެ. ދިލްޖީތު މުހިއްމު ރޯލެއް ކުޅޭ އަސްކަރީ ފިލްމު "ބޯޑާ 2"އިން އެކްޓަރު ވަކިކޮށް އެކަން ނުކޮށްފިނަމަ އެ ފިލްމުގެ ޕްރޮޑިއުސަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެފްޑަބްލިއުއަސީއީއިން ދާދިފަހުން ވަނީ ބުނެފައެވެ. ދިލްޖީތު ފިލްމު "ބޯޑާ 2"ގެ ޕްރޮޑަކްޝަން ޓީމް އަދި ފިލްމުގެ ބައެއް ކާސްޓުންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ ނަމަވެސް އެ ފިލްމުގެ ޕްރޮޑިއުސަރު ބުޝަން ކުމާރުގެ ޚާއްސަ އެދުމުގެ މަތިން އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށާއި "ބޯޑާ 2"ގެ ކާސްޓުގައި ދިލްޖީތު ހިމެނިއަސް އެންމެ ރަނގަޅު ކަމަށް އެފްޑަބްލިއުއަސީއީގެ ރައީސް ބީއެން ތިވާރީ ނިންމާފައިވާ ކަމަށް އިންޑިއާ ޓުޑޭގައި ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ފިލްމު ޑައިރެކްޓަރު އަޝޯކް ޕަންޑިތު ބުނެފައި ވަނީ ފިލްމު "ބޯޑާ 2"ގެ 85 އިންސައްތަ މަސައްކަތް ނިމި ބޮޑު ބައެއް ޝޫޓްކޮށްފައިވާއިރު އެ ފިލްމުގައި ދިލްޖީތުގެ ހިމެނޭ ހުރިހާ މަންޒަރެއް ވެސް މިހާރު ނިންމާލާފައިވާ ކަމަށެވެ. އެހެންކަމުން މި ފިލްމުގައި މަސައްކަތް ކުރުމުގެ ހުއްދަ ދިލްޖީތަށް ދިނުމަކީ އެންމެ އިންސާފުވެރި ނިންމުން ކަމަށް ޕަންޑިތު ވަނީ ބުނެފައެވެ. އެހެންނަމަވެސް ކުރިމަގުގައި ދިލްޖީތު ހިމަނައިގެން އެއްވެސް ފިލްމީ ޕްރޮޖެކްޓެއް ޕްލޭން ނުކުރުމަށް އަޝޯކް ވަނީ އިންޑިއާގެ ފިލްމު ޕްރޮޑިއުސަރުންނަށް ގޮވާލާފައެވެ. އެފްޑަބްލިއުއަސީއީއިން ވެސް ބުނެފައި ވަނީ ދިލްޖީތު ހިމަނައިގެން ކުރިމަގުގައި އުފައްދާ ފިލްމު ޕްރޮޖެކްޓްތަކަށް ދަތި އުނދަގޫ ހާލަތްތައް ކުރިމަތިވާނެ ކަމަށާއި އެ ޕްރޮޖެކްޓްތައް އުފައްދަން ގަސްތުކުރާ ފަރާތްތަކުން އެކަމަށް ތައްޔާރަށް ތިބުމަށެވެ. ޕާކިސްތާނު ފިލްމީ ތަރިން އިންޑިއާގައި ބޮއިކޮޓްކޮށްފައިވާތީ ދިލްޖީތުގެ ފިލްމު "ސަރުދާރު ޖީ" ރިލީޒްކޮށްފައި ވަނީ އިންޑިއާއިން ބޭރު ގައުމުތަކުގައި އެކަންޏެވެ. އޭގެތެރޭގައި އޮސްޓްރޭލިއާ، ކެނެޑާ، ނޯތު އެމެރިކާ އަދި މެދު އިރުމަތީގެ ބައެއް ގައުމުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ