އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް މަސައްކަތް ކުރޭތޯ ޓެސްޓްކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށްވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް, ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފި އެވެ.އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓު ކުރުމަށް ހާއްސަ ޓްރަޔަލްއެއް އިއްޔެ ބޭއްވި ކަމަށެވެ.އެއީ، އާ ޓާމިނަލް ހުޅުުވުމުގެ ކުރިން އެ ތަނުގެ ހިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓު ކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނު ކުރުމާއި ހުޅުުވުމުގެ ކުރި އާއި ފަހަށް މުޅި ޓާމިނަލް ތައްޔާރު ކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފާ (އޮރާޓް) ޕްރޮސެސްގެ ބައެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.އާ ޓާމިނަލްގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ ފަސެންޖަރުން ޗެކިންވުމަށެވެ. ޓާމިނަލަށް ވަނުމަށް ފަހު ފުރަތަމަ ވެސް ދާން ޖެހޭނީ ކަނޑައެޅިފައިވާ އެއާލައިނެއްގެ ޗެކިން ކައުންޓަރަކަށެވެ. އެއާޕޯޓުގައި މިހާރު ބޭނުން ކުރާ ޓާމިނަލްގައި އަމަލުކުރަމުންދާ ގޮތުން ޓާމިނަލަށް ވަންނައިރު، ފުރަތަމަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޗެކިން ޕޮއިންޓުތަކެއް ގާއިމުކޮށްފައި ހުރެއެވެ. އެކަމަކު، އާ ޓާމިނަލްއާ އެކުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޗެކިން ޕޮއިންޓުތަކާ ހަމައަށް ދާނީ ޗެކިންވުމަށް ފަހުގައެވެ. އެހެންވެ، އެއާޕޯޓުގައި ޗެކް ކުރާނީ އެންމެ ފަހަރެކެވެ. އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވަނީ މިއަދުގެ ޓްރަޔަލް ކުރިއަށް ގެންދެވި ގޮތް ގާތުން ބައްލަވާލައްވައި, އެކަމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ފުރަތަމަ ޓްރަޔަލް ފަސިންޖަރުގެ ގޮތުގައި ޗެކިންވެ ވަޑައިގެންފަ އެވެ.މި ޓްރަޔަލްގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތަކަށެވެ. އެއަށްފަހު މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށުމުގެ ކުރިން ވީއައިއޭއަށް ދަތުރުކުރާ ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކުގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރެވިގެން ދާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ