އުފަންދުވަހު ދިން ހަދިޔާއިން ރަންވީރުގެ ސަޕޯޓަރުން އުފަލުން ފޮޅިފައި

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭ ހިމެނޭ ރަންވީރު ސިންގެ 40 ވަނަ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އެކްޓަރުގެ އާ ފިލްމު "ދުރަންދާރު"ގެ ފަސްޓް ލުކް ބެލުންތެރިންނަށް ދައްކާލައިފިއެވެ. މި ފިލްމަކީ ނެޝަނަލް އެވޯޑު ލިބިފައިވާ ޑައިރެކްޓަރު އަދިތިޔަ ދަރު ގެނެސްދޭ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ ފުރަތަމަ ޓީޒާއިން ރަންވީރު ވަރަށް ރަހުމު ކުޑަ ރޯލަކުން ފެނުނު ފިލްމު "ޕަދްމަވާތު"ގެ ހަނދާންތައް އާކޮށްދީފި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެ ފިލްމުގައި ވެސް ރަންވީރު ފެނުނީ ވަރަށް ވަރުގަދަ ބިޔަ ހަށިގަނޑަކާ އެކު ދިގު އިސްތަށިގަނޑެއް އޮތް ޖެހިލުންކުޑަ ވިލެންއެއްގެ ރޯލުންނެވެ. ފިލްމު "ދުރަންދާރު"ގައި ރަންވީރުގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ފެންނައިރު މިއީ މިހާތަނަށް އޭނާ ކުޅޭ މިފަދަ އެންމެ ވަރުގަދަ އެކްޝަން ތުރިލާ ކަމަށާއި ފިލްމު ރިލީޒްކުރާނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ރަންވީރުގެ ސަޕޯޓަރުން ވަނީ ބުނެފައެވެ. ފިލްމު "ދުރަންދާރު"ގެ ޓީޒާގެ މަންޒަރެއްގައި އެކްޓަރު އަރުޖުން ރާމްޕާލް އަދި ރަންވީރު ސިންގް--ފޮޓޯ/ބޮލީވުޑްހަންގާމާ މި އަހަރުގެ ޑިސެންބަރު މަހުގެ ފަސްވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމުން ރަންވީރާ އެކު ފެންނަނީ ވެސް އެހާމެ ތަޖުރިބާހުރި އެކްޓަރުންތަކެކެވެ. އޭގެ ތެރޭގައި ސަންޖޭ ދަތު، އާރް މާދަވަން، އަރުޖުން ރާމްޕާލް އަދި އަކްޝަޔޭ ކަންނާ ހިމެނެއެވެ. ރަންވީރާ އެކު ފިލްމުގައި ބަތަލާގެ ރޯލުން ފެންނާނީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި އެކްޓިންގް ކެރިއާ ފެށި ބަތަލާ ސާރާ އަރުޖުންއެވެ. މިހާރު އުމުރުން 20 އަހަރުވެފައިވާ ސާރާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ބަތަލާ އައިޝްވާރިޔާ ރާއީ މުހިންމު ރޯލެއް ކުޅުނު މަނީ ރަތުނަމްގެ ފިލްމު "ޕޮނީޔިން ސެލްވަން: 2"އިންނެވެ. ފިލްމު "ދުރަންދާރު"ގެ ފުރަތަމަ ޓީޒާ ރިލީޒްކުރުމުގެ އެއް ދުވަސް ކުރިން ރަންވީރު ވަނީ އެކްޓަރުގެ ރަސްމީ އިންސްޓަގްރާމްގައި ހުރި ޕޯސްޓުތައް ވެސް ފޮހެލާފައެވެ. ރަންވީރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން"ގެ ރޯލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ