ރަސްމާލެ ހިއްކަން ރިޒާވު ބޭނުން ކުރުމަކީ ނުރައްކާތެރި ކަމެއް ވިދާޅުވެ އެކަން ނުކުރަން އަމީރު ގޮވާލައިފި ރަސްމާލެ ހިއްކަން ރިޒާވު ބޭނުން ކުރުމަކީ ނުރައްކާތެރި ކަމެއް ވިދާޅުވެ އެކަން ނުކުރަން އަމީރު ގޮވާލައިފި

ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ފުށިދިއްގަރު ފަޅު ހިއްކުމަށްޓަކައި ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓު ދައްކަން ރައީސް މުހައްމަދު މުއިއްޒު ފައިނޭންސް މިނިސްޓްރީއަށް އެންގެވި އެންގެވުމަށް އަމަލު ނުކުރުމަށް މިދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް އަމީރު ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ އަމީރު ވަނީ ރަސްމާލެ މަޝްރޫއު ދަށުވެ، ރާއްޖެ ބަނގޫރުޓުވުމުގެ ބިރު އޮތްކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޖުލައި 1، ގައި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ދައުލަތުގެ ޔޫޒަބަލް ރިޒާވް ނުވަތަ އިންޑިއާއިން ހަމަޖައްސައިދީފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކޮށްގެން ނަމަވެސް ފުށިދިއްގަރު ޕްރޮޖެކްޓުގެ އެޑްވާންސް ފައިސާ ދައްކަން ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކުމަކީ މާލީ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
"ރައީސް މުއިއްޒުގެ ޕްރޮޖެކްޓެއް ހިންގަން ރާއްޖޭގެ ރަސްމީ ރިޒާވު ބޭނުން ކުރުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން. އެއީ ނުރައްކާ ކަމެއް، އެކަން އެގޮތަށް ނުކުރުމަށް ގޮވާލަން،" އަމީރު ވިދާޅުވި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަމަލުކުރަމުން ދަނީ ރާއްޖޭގެ އިގުތިސޯދީ އަދި މާލީ ކަންކަމަށް އަސަރު ކުރާ ގޮތަށް ކަމަށް އަމީރު ވިދާޅުވި އެވެ. އަދި އެ އޮތޯރިޓީގައި ތިބި ޓެކްނިކަލް މުވައްޒަފުން ވެސް ރާއްޖޭގެ ރިޒާވު ސިޔާސީ މަންފާ ހޯދުމަށް ބޭނުން ކުރަން ނުރުހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ނުދެކެން އެމްއެމްއޭގެ ޔޫސަބަލް ރިޒާވު މިގޮތަށް ބޭނުން ކުރެވޭނެ ކަމަކަށް. ސަރުކާރަކަށް ނޫން މި ލާރި މި ދެނީ. ރަސްމާލެ ހިއްކަން ކުންފުނިތަކަށް. ރަސްމާލެ ކުންފުންޏަށް ކީއްވެގެންތޯ ސަރުކާރުން އަންގައިގެން އެޑްވާންސް ޕޭމަންޓް ދޭންވީ. އެހެންވިއްޔާ ރާއްޖޭގައި ހުރި ހުރިހާ ޕްރައިވެޓް ކުންފުންޏަކަށް ވެސް އެމްއެމްއޭއިން ލާރި ދޭނެ ހިސާބަށް ދާނެތާ،" އަމީރު ވިދާޅުވި އެވެ.
ރިޒާވު ބޭނުންކުރުމުގެ އިތުރުން އެ މަޝްރޫއު ހިންގަން ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަން ވެސް ވަނީ ނިންމާފަ އެވެ. އެއީ ހޯދިދާނެ ފައިސާއެއް ކަމާ މެދު އަމީރު މިއަދު ސުވާލު އުފެއްދެވި އެވެ.
"އެއްވެސް ކަމެއް ނުކޮށް އޮތް ކުންފުންޏަކަށް 300 މިލިއަން ޑޮލަރު ލިބޭނީ ކިހިނެއްތޯ؟ ސަރުކާރުން ފޮނުވާފައި އޮތް ސިޓީގައި މިއޮތީ ފައިސާ ލިބުނީމައި ޔޫޒަބަލް ރިޒާވުން އެ ބޭނުންކުރި އަދަދު ޖަމާކުރަން. މިހާރުގެ ގަވަރުނަރަށް ވެސް އަދި އެމްއެމްއޭގެ ސްޓާފުންނަށް ވެސް ސާފުވާނެ އެ ފައިސާ ނުލިބޭނެކަން، އެއީ ގެއްލިގެންދާނެ ފައިސާކަން،" އަމީރު ވިދާޅުވި އެވެ.
އެގޮތުން، ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑުން 300 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށާއި، އެމްއޭސީއެލް އިން 200 މިލިއަން ޑޮލަރުގެ ލޯނަކާއި އެސްޓީއޯ މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ނަގަން ނިންމާފަ އެވެ.
ރައީސް އޮފީހުގެ އެ ސިޓީއަކީ ސައްހަ ސިޓީއެއްކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ. އެ ސިޓީގެ މައުލޫމާތު އެނގޭ ދެ އޮފިޝަލަކު އެ ސިޓީގެ ސައްހަކަން މި ނޫހަށް ކަށަވަރުކޮށްދިނެވެ.
ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުނުކޮށް އަށް މަސް ދުވަހުން ހިއްކައި ނިންމާނެ ކަމަށް ބުނެ ޑިސެމްބަރު 18، 2023، ގައި ހިއްކަން ފެށި ރަސްމާލެ މަޝްރޫއުގެ 30 ޕަސެންޓު ވެސް އަދި ނުހިއްކެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ