ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާތީ: މުއްތަލިބް

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާތީ ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އެހެން ވިދާޅުވިއިރު ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަވަސްވުމަށް ބަދަލު އައިސްފައިވަނީ ކަންބޮޑުވާ ގޮތަށް ކަމަށް ވާހަކަދެކެވެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ގޯތި ދޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެ ގާނޫނު ދިހަ ވަނަ މާއްދާގެ (ހ) ގައި ވަނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ބައިކޮށްފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އޭގެ އިތުރަށް އެ މާއްދާގެ (ނ)ގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުން އެއްވެސް މީހަކަށް އެއްރަށުން އަނެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ ކަމަށެވެ. އަދި، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވެނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް އެ މާއްދާގައިވެއެވެ. https://x.com/muththo/status/1942089537104253414 މިނިސްޓަރު ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަން ޖެހެނީ ގާނޫނަށް ފުށުނާރާ ގޮތަށް ވާތީ ކަމަށެވެ. ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ. މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައިވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ. ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށް، އަލުން ގުރު ނެގުމުން އިދިކޮޅުން ނުރުހުން ފާޅުކުރިއެވެ. މީގެ އިތުރުން، ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައި ވާތީ، އާ ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވާލިއެވެ. އެ ލިޔުންތައް ދޫކުރަން ފަށާފައިވަނީ މިއަދު 09:30 އިން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ