އައިއޯއެސް 26ގެ ފޭސްޓައިމްގައި ބަރަހަނާ މަންޒަރުތައް ނުދެއްކޭނެ
އެޕަލްގެ ކުރިއަށް އޮތް އައިއޯއެސް 26 އާއެކު، ފޭސްޓައިމްއަށް އައު، އަދި ވަރުގަދަ ފީޗާއެއް ތައާރަފްކުރާނެއެވެ. މި ފީޗާގެ ސަބަބުން، ފޭސްޓައިމް ކޯލެއްގެ ތެރެއިން ބަހަރަނާ ނުވަތަ އޮރިޔާން މަންޒަރެއް ދެނެގަނެވިއްޖެނަމަ، ވީޑިއޯ އާއި އަޑު ވަގުތުން ކަނޑާލާނެއެވެ. އެޕަލްއިން ބުނާ ގޮތުގައި މިއީ ޚާއްޞަކޮށް ކުޑަކުދިން ނުރައްކާތެރި މުއާމަލާތްތަކުން ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެކެވެ. މި ފީޗާ މަސައްކަތްކުރަން ފެށުމުން، ސްކްރީނުގައި މެސެޖެއް ދައްކާލާނެއެވެ. އެ މެސެޖުގައި ބުނާނީ "ސެންސިޓިވް އެއްޗެއް ފެންނަން ފަށައިފާނެ" ކަމަށެވެ. އަދި، ކޯލް ކުރިއަށް ގެންދިއުމަށް ނުވަތަ ކޯލް ކަނޑާލުމަށް ދެ އޮޕްޝަން ލިބޭނެއެވެ. އައިއޯއެސް 26ގެ ސެޓިންގްސްގައި މި ފީޗާ ނިއްވާލުމުގެ އިޚްތިޔާރު ލިބުނު ނަމަވެސް، ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، އެ ނިއްވާލި ނަމަވެސް ފީޗާ މަސައްކަތްކުރެއެވެ. މިއީ ބަގެއް ކަމަށް ވެދާނެއެވެ. އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތަކުގައި މި ފީޗާ އޮޓޮމެޓިކުން ހުޅުވިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ފީޗާއާ ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ ޕްރައިވެސީއާ މެދުއެވެ. އެޕަލްއިން މީހުންގެ ފޭސްޓައިމް ކޯލްތައް ބަލަނީތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ނަމަވެސް، އެޕަލްއިން ވަނީ އެފަދަ ކަމެއް ނުކުރާކަމުގެ ޔަގީންކަން ދީފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި، މި ފީޗާ މަސައްކަތްކުރަނީ ފޯނުގެ ތެރޭގައި ހުންނަ "އޮން-ޑިވައިސް މެޝިން ލާނިން" ޓެކްނޮލޮޖީންނެވެ. މީގެ މާނައަކީ، ފޯނުން އެއްވެސް މައުލޫމާތެއް، ފޮޓޯއެއް، ނުވަތަ ވީޑިއޯއެއް އެޕަލްގެ ސާވަރަށް ނުފޮނުވާ ކަމެވެ. އެހެންކަމުން، އެޕަލްއަށް އެއްވެސް މީހެއްގެ ކޯލެއް ނުފެންނާނެއެވެ. އަދި އެކަމުގެ މައުލޫމާތެއްވެސް ނުލިބޭނެއެވެ. އައިއޯއެސް 26ގެ ޕަބްލިކް ބީޓާ ވާޝަން އަންނަ ޖުލައި މަހު އަދި ފައިނަލް ވާޝަން އައިފޯން 17 އާއެކު ސެޕްޓެމްބަރު މަހު ނެރޭނެއެވެ. މީގެ އިތުރުން، އައިއޯއެސް 26ގައި "ލިކުއިޑް ގްލާސް" ނަމަކަށް ކިޔާ އައު ޑިޒައިންއެއްވެސް ތައާރަފްކުރާނެއެވެ. އެޕަލްއިން އައިއޯއެސް 26 ގައި މިފަދަ ފީޗާއެއް ތައާރަފުކުރުމަކީ އެކުންފުނިން ފަހަކަށް އައިސް ގެންގުޅޭ ސިޔާސަތުތަކާ ގުޅިފައިވާ ކަމެކެވެ. ޚާއްޞަކޮށް، ކުޑަކުދިންނާއި ޢާއިލާތަކަށް އޮންލައިންކޮށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް އެޕަލްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ފީޗާއެއް އެޕަލްގެ 'ކޮމިއުނިކޭޝަން ސޭފްޓީ'ގެ ނަމުގައި އައިމެސެޖަށް ވެސް ވަނީ ތައާރަފުކޮށްފައެވެ. އެއީ ކުޑަކުދިންގެ އެކައުންޓްތަކަށް އަންނަ ނުވަތަ ފޮނުވާ ފޮޓޯތަކުގައި ބަރަހަނާކަން ހުރިތޯ ބަލައި، އިންޒާރު ދިނުމުގެ ނިޒާމެކެވެ. ނަމަވެސް، މިފަދަ ފީޗާތަކާ ގުޅިގެން އަބަދުވެސް އުފެދޭ އެންމެ ބޮޑު ސުވާލަކީ ޕްރައިވެސީއާ ބެހޭގޮތުންނެވެ. މިކަމަށް ހައްލެއްގެ ގޮތުން އެޕަލް ބޭނުންކުރަނީ 'އޮން-ޑިވައިސް ޕްރޮސެސިން' އެއްގެ ވާހަކައެވެ. މީގެ މާނައަކީ، ފޮޓޯއާއި ވީޑިއޯ އެނަލައިޒްކުރުމުގެ އެންމެހައި މަސައްކަތެއް ހިނގަނީ ބޭނުންކުރާ މީހާގެ އައިފޯނުގެ ތެރޭގައި ކަމަށާއި، އެއްވެސް ޒާތީ މައުލޫމާތެއް އެޕަލްގެ ސާވަރަށް ނުފޮނުވާ ކަމެވެ. މިހެންކަމުން، ފޭސްޓައިމްގެ މި އައު ފީޗާއަކީ، އެޕަލްއިން ގެންގުޅޭ ޕްރައިވެސީގެ ވަރުގަދަ ސިޔާސަތު ދޫކޮށްނުލައި، ޓެކްނޮލޮޖީގެ އެހީގައި ޔޫޒަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެކުންފުނިން ކުރާ މަސައްކަތުގެ އެންމެ ފަހުގެ މިސާލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ