ދިވެހި ރުކުގެ ބަދަލުގައި އާ ޓާމިނަލް ކުރިމަތީ ކަދުރު ރުއް ދިވެހި ރުކުގެ ބަދަލުގައި އާ ޓާމިނަލް ކުރިމަތީ ކަދުރު ރުއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުޅުވާ އާ ޓާމިނަލް ކުރިމަތީގައި ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް ޖެހި މައްސަލަ ބޮޑުވެއްޖެ އެވެ.
ޖުލައި 26، ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ ވީއައިއޭގެ އާ ޓާމިނަލް އާންމުންނަށް ފެންނަ ގޮތަށް ހުޅުވާލިއިރު އެ ސަރަހައްދުގައި ހުރީ ހުސް ކަދުރު ރުކެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ދިވެހި ރުއް އެ ސަރަހައްދުގައި ނުއިންދާތީ އެކަމަށް ފާޑު ކިޔަމުންނެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުން ޑިޒައިންކުރި ވީއައިއޭ އެއާޕޯޓުގެ އާ ޓާމިނަލުގައި އޭރު ހުންނާނެ ކަމަށް ކުރެހުންތަކުން ފެންނަނީ ދިވެހި ރުކެވެ. ނަމަވެސް އާ ޓާމިނަލް ހުޅުވަން ތައްޔާރުވަމުންދާއިރު ފެންނަނީ ކަދުރު ރުކުން މުޅި ސަރަހައްދު ފުރާލާފައިވާ މަންޒަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ލޯންޗުކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވީއައިއޭގައި މިއަދު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމުގައި ވެސް އިންދީ ކަދުރު ރުކެވެ.
ސޯޝަލް މީޑިއާގައި މީހަކު ބުނީ ލޮނުފެން ވިއްސާ ކުދި ޖަޒީރާ ގައުމެއްގައި ހެދޭނީ ދިވެހި ރުއް ކަމަށެވެ. އެހެން ނޫނަސް ފަތުރުވެރިން ތަފާތު ދެކިލަން ދުބާއީ އެއާޕޯޓުން ފުރައިގެން ރާއްޖެ އަންނަނީ ދުބާއީ މަލަމަތި ދެކެން ނޫން ކަމަށް އޭނާ ބުންޏެވެ.
އިތުރު މީހަކު ސޯޝަލް މީޑިއާގައި ބުނީ ޓްރޮޕިކަލް ވަންތަ މި ޖަޒީރާ ގައުމުގައި ދިވެހި ރުއް ނޫން އެއްޗެއް ޖެހުމުން ރާއްޖޭގެ ސޫރަ ބަދަލުވާ ކަމަށެވެ.
"ފަތުރުވެރިކަމުގެ ބާނީންގެ ރިސޯޓުތައް ބަލާ. ފެންނާނީ ދިވެހި ރުއް. އެމީހުން ރާއްޖެ އިޝްތިހާރުކޮށް ވިއްކަނީ ދުބާއީ ދައްކައިގެނެއް ނޫން،" އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުން މީހަކު ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް އެންމެ ފުރަތަމަ ފެންނަ އެއާޕޯޓުން ދިވެހިވަންތަ އެއްވެސް ސިފައެއް ނުފެންނާތީ ވަރަށް ދެރަ ކަމަށެވެ.
"އަލަށް ރިސޯޓުތައް ތަރައްގީކުރާއިރު ދުރު ރަށްރަށުން ގިނަ އަދަދަކަށް ދިވެހި ރުއް ގަނެގެން އައިސް އިންދަނީ ކީއްވެގެންކަން ވެސް މިބައި މީހުންނަށް ހަމަ ނޭގެނީތޯ،" އޭނާ ބުންޏެވެ.
ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނަމުންދަނީ ވީއައިއޭގައި މިހާރު ޖަހާފައި ހުރި ކަދުރު ރުއްތައް ދިވެހި ރުކަށް ބަދަލު ކުރުމަށެވެ.
މާލޭގައި އެންމެ ފުރަތަމަ ކަދުރު ރުއް އިންދަން ފެށީ ރައީސް މުއިއްޒުގެ މޭޔަރުކަމުގެ ދައުރުގައި މާލެ ސިޓީ ކައުންސިލުންނެވެ. އެގޮތުން މާލޭ ބޮޑުތަކުރުފާނު މަގުގެ ދެކުނުކޮޅުގައި ކަދުރު ރުއް އިންދިއިރު، އޭގެއިން ބައެއް ކަދުރު ރުއްތައް މިހާރު ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ