ގުޅިފަޅު އެސޯސިއޭޝަނުން އައު އުސޫލު ބަލައިނުގަނެ، ގާނޫނީ ފިޔަވަޅު އަޅަނީ
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތައް ހަވާލު ކުރުމުގެ ކުރިން، އޭރު ހެދި އެއްބަސްވުމާ ފުށުއަރާ ގޮތަށް އާންމުކުރި އުސޫލު، ކުރިން އޮތް ގޮތަށް ބަދަލުނުކޮށްފިނަމަ، އެ މައްސަލައިގައި ގާނޫނީ ގޮތުން ދާންޖެހޭ ކޮންމެ ހިސާބަކަށް ދާނެ ކަމަށް ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ބުނެފިއެވެ. ގާނޫނާ ފުށުއަރާ ކަމަށް ބުނެ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި ބިމާބެހޭ ގާނޫނުގެ 10ވަނަ މާއްދާގެ (ހ) ގައި ވަނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ބައިކޮށްފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އޭގެ އިތުރަށް އެ މާއްދާގެ (ނ)ގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުން އެއްވެސް މީހަކަށް އެއްރަށުން އަނެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ ކަމަށެވެ. އަދި، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވެނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް އެ މާއްދާގައިވެއެވެ. https://sun.mv/208278 ބިންވެރިޔާ ސްކީމަށް މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ 'މާލެ ސަރަހައްދުން' އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް އައު އުސޫލުގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދު' ކަމަށް ބަދަލުކޮށްފައެވެ. އެ މައްސަލައިގައި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވީ ގޯތި މައްސަލައިގައި ސަރުކާރުން ނިންމާފައިވާ އެ ނިންމުންތައް ގާނޫނީ ގޮތުން ވެސް، އަދި އާންމު އުސޫލުން ވެސް ފުށުއަރާ ކަމަށެވެ. ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ބިންވެރިޔާ ސްކީމުގެ އައު އުސޫލު ބަލައިނުގަންނަ ކަމަށް ބުނި -- ސަން ފޮޓޯ އެއީ ސީދާ ގާނޫނީ ހައިސިއްޔަތުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ، އެ ނިންމުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެ، އެ ޖަމިއްޔާގެ ފަރާތުން އޭނާ ގޮވައިލެއްވީ ކުރިން އޮތް ގޮތަށް އުސޫލު ބަދަލު ކުރުމަށެވެ. އަދި ސަރުކާރު ގާނޫނީ ގޮތުން ބާރުގަދަ ވިޔަސް، ރައްޔިތެއްގެ ހައްގެއް ނިގުޅައިގަނެ، ނުވަތަ މުދަލަކަށް އަރައިގަތުމުގެ ގާނޫނީ ހައިސިއްތު ނޯންނާނެކަން އެ ޖަމިއްޔާގެ ފަރާތުން ފާހަގަކުރެއްވިއެވެ. "...ސަރުކާރު ގާނޫނީ ގޮތުން ބާރުގަދަ ކަމުގައިވިޔަސް ގާނޫނު ކުރިމަތީގައި އާންމު ރައްޔިތުންނާއި ސަރުކާރާ، އާންމު މުއާމަލާތްތަކުގައި ގާނޫނީ އިންފާރުގެ ތެރެއިންވާނީ އެއްހަމަ... [ކުރީގައި އޮތް ގޮތަށް މިކަން ރުޖޫއަ] ނުކޮށްފި ކަމަށްވާނަމަ، ދިވެހި ރާއްޖޭގެ ކަމާގުޅުންހުރި އިދާރާތަކަށް ގާނޫނީ ގޮތުން ދާންޖެހޭ ހިސާބުތަކަށް ދިއުމަށް އަޅުގަނޑުމެން ފަސްނުޖެހޭނެކަން ވެސް ސަރުކާރަށް އަޅުގަނޑުމެން ދަންނަވައިލަން،" ނިޝާން ވިދާޅުވިއެވެ. މި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވެސް ވިދާޅުވީ ގޯތިތައް ހަވާލު ކުރުމުގެ ކުރިން، އޭރު ހެދި އެއްބަސްވުމާ ފުށުއަރާ ގޮތަށް އައު އުސޫލެއް އާންމުކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. https://sun.mv/208292 ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައި ވާތީ، އާ ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު މިދިޔަ އަންގާރައިގައި ހުޅުވާލިއެވެ. އެ ލިޔުންތައް ދޫކުރަން ފަށާފައިވަނީ މިއަދު 09:30 އިން ފެށިގެންނެވެ. އެކަމަކު ގުޅީފަޅު އެސޯސިއޭޝަނުން އެދުނީ ސަރުކާރުން ބަދަލު ގެނެސްފައިވާ ގުޅީފަޅު ގޯތި އެއްބަސްވުމުގައި، ގޯތި ލިބުނު އެއްވެސް މީހަކު ސޮއި ނުކުރުމަށެވެ. އަދި ވީހާ ވެސް އަވަހަކަށް، ކުރީގައި އޮތް އުސޫލަށް އެނބެރި ރުޖޫއަވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ