ޗައިނާގެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކެއް އީރާނަށް!
ތެހެރާން (7 ޖުލައި 2025): ޗައިނާއިން ވައިގެ ދިފާއީ ނިޒާމެއް ގަތުމުގެ މަސައްކަތް އީރާން ކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ. ފޮކްސް ނިއުސް އާއި އެކްސިއޮސް ބުނާގޮތުން ދާދިދަހުން އީރާނުގެ އަސްކަރީ ފަންނީ ވަފުދެއްވަނީ ޗައިނާއަށް ޒިޔާރަތްކޮށް ޗައިނާގައި އުފައްދާ ވައިގެ ދިފާއީ ނިޒާމުތައް ގަތުމުގެ މަޝްވަރާތަކެއް ޗައިނާގެ ކަމާބެހޭ މަސްއޫލުވެރިންނާ ކުރައްވާފައެވެ. އަދި އީރާނުގެ ވަފުދުގެ ބޭފުޅުންވަނީ ޗައިނާގައި އުފައްދާ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތައް މަސައްކަތްކުރާ ގޮތް ބައްލަވައިލައްވާފައެވެ. އީރާނުގެ މަސްއޫލުވެރިންގެ މި ދަތުރުފުޅަށްފަހު ޗައިނާގެ އަސްކަރީ ކާގޯ ބޯޓުތަކެއް އީރާނަށް އައިސްފައިވާކަން ފޮކްސް ނިއުސް އާއި އެކްސިއޮސް އާއި އެ ނޫންވެސް ބައެއް މީޑިއާތަކުންވަނީ ކަށަވަރުކޮށްދީފައެވެ. އަދި ޕާކިސްތާނުގެ މަގުން ޗައިނާގެ އެއްގަމު އުޅަނދުތަކެއްވެސް މިދިޔަ ހަފުތާގައި އީރާނަށް ވަދެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމާބެހޭގޮތުން ޗައިނާވެސް އަދި އީރާންވެސް ރަސްމީ ސިފައެއްގައި އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ. މިދިޔަ ޖޫން މަހު އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގި 12 ދުވަހުގެ އުދުވާނީ ހަނގުރާމައިގައި އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކާ ކުރުމަތިލުމުގައި އީރާނުގެ ވައިގެ ދިފާޢީ ނިޒާމުތަކުގެ ބަލިކަށިކަންވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ. އިސްރާއީލުން އީރާނަށް ހަމަލާދިނީ އެމެރިކާގައި އުފައްދާ އެންމެ އެޑްވާންސް ފައިޓާޖެޓްކަމަށްވާ އެފް-35 ބޭނުންކޮށްގެންނެވެ. އެތަކެއްޗާ ކުރިމަތިލުމުގައި އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކުގެ ބަލިކަށިކަންވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ. އެއީ އިސްރާއީލުގެ އެއްވެސް ޖެޓެއް ވައްޓާލެވުނުކަން އެނގިފައިނުވާތީއެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީއެވެ. ރިޕޯޓްތައް ބުނާގޮތުން އީރާން މިހާރު ގެންދަނީ މި ތަޖުރިބާގެ އަލީގައި ވަރަށް ވަރުގަދަ ދިފާއީ ނިޒާމެއް ބިނާކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކަމަށް އަދި ވަގުތު ނަގާނެއެވެ. އެހެންކަމުން އީރާން މިހާރު މަސައްކަތްކުރަނީ ޗައިނާއިން ދިފާއީ ނިޒާމުތަކެއް ހޯދުމަށެވެ. އީރާނުގެ ވައިގެ ދިފާއު ބަލިކަށި ނަމަވެސް އިސްރާއީލަށް ރައްދު ހަމަލާތައް ދިނުމުގައި އީރާން ބަލިކަށްޓެއް ނޫނެވެ. އީރާންވަނީ އިސްރާއީލާއި އެމެރިކާ ސިއްސުވާލައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއްދީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އީރާނުގެ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވަނީ ކަށަވަރުވެފައެވެ. އީރާނުގެ އާދައިގެ މިސައިލްތައް މަތަކުރުމުގައާއި އީރާނުގެ ޑްރޯންތައް މަތަކުރުމުގައި އިސްރާއީލު ކާމިޔާބު ހޯދިނަމަވެސް އީރާނުން އުފައްދާފައިވާ އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލްތަކާ ކުރިމަތިލުމުގައި އިސްރާއީލުވަނީ މުޅިން ފެއިލްވެ ނާކާމިޔާބު ވެފައެވެ. އީރާނުން އިސްރާއީލަށް ފޮނުވާލި ހައިޕާ ސޮނިކް މިސައިލްތަކުގެ ތެރެއިން އެއްވެސް މިސައިލެއް ހަތް ލޭޔަރުގެ މައްޗަށް އެކުލެވޭ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކަށް ވައްޓާލެވިފައި ނުވާކަމަށްވެއެވެ. އެ ހުރިހާ މިސައިލްތައްވެސް އޭގެ އަމާޒަށް ވާސިލް ވިކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ ހަމަލާތަކުން އިސްރާއީލުގެ ޓެލްއަވީވް އާއި ހައިފާ ފަދަ ބޮޑެތި ސިޓީތަކަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަންވަނީ ވަރަށް ރަނގަޅަށް ހާމަ ވެފައެވެ. އިސްރާއީލުގެ ދިފާއީ ނިޒާމަކީ އިސްރާއީލުގައި އުފައްދާ ފަސް ދިފާއީ ނިޒާމާއި އެމެރިކާގައި އުފައްދާފައިވާ ދެ ދިފާއީ ނިޒާމުގެ މައްޗަށް ބިނާކޮށްފައިވާ ވަރަށް ކޮމްޕްލިކޭޓެޑް އަދި ވަރަށް ވަރުގަދަ ނިޒާމެކެވެ. ނަމަވެސް އީރާންވަނީ މި ހުރިހާ ނިޒާމުތަކެއް ފޫއަޅުވާލައި އިސްރާއީލުގެ އަސްކަރީ ބޭސްތަކަށާއި އިސްރާއީލުގެ ސިޓީތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގައި އަމިއްލަ ޓެކްނޮލޮޖީގައި ކާމިޔާބު ހޯދާފައެވެ. އީރާނުގެ އަސްކަރީ ބަލިފަޔަކީ މައިގަނޑު ގޮތެއްގައި ވައިގެ ދިފާއީ ނިޒާމުތައްކަމަށް ވެއެވެ. ހަމަލާދިނުމުގެ ގާބިލްކަން ނޫނީ ރައްދު ދިނުމުގެ ގާބިލްކަން އީރާން ކިބާގައި ކުޑަނޫންކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ. އީރާނުގެ ދިފާއީ ވަޒީރު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގައި އުފައްދާ ޒަމާނީ ފައިޓާޖެޓެއްކަމަށްވާ ޖޭ 10 ސީގެ ޖެޓަކަށް އަރުއްވައިގެން އެޖެޓް ބައްލަވާ ލައްވާ ފޮޓޯތަކެއްވަނީ އާންމުވެފައެވެ. މިއާއެކު އީރާނުން ޗައިނާގެ ޖޭ 10ސީ މަރުކާގެ ޖެޓްގެ ޝިޕްމަންޓެއް ގަންނަން އުޅޭކަމުގެ ޚަބަރުތަކެއްވެސް ފެތުރިގެން ދިޔައެވެ. މިކަން އެއްވެސް މަސްދަރަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އިތުބާރުހުރި މަސްދަރުތަކާ ހަވާލާދީ ފޮކްސް ނިއުސް އާއި އެކްސިއޮސް ބުނާގޮތުން އީރާން ގެންދަނީ ޗައިނާއިން ވައިގެ ދިފާއީ ނިޒާމުގެ ކޮންޕްލީޓް ސިސްޓަމްތަކެއް ގަތުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ. އަދި އެސިސްޓަމްތައް ބޭނުންކުރާނެ ފަަންނީ މީހުންވެސް ތަމްރީން ކުރަމުންނެވެ. ޗައިނާއިން އީރާނަށް ހަތިޔާރު ވިއްކުމަކީ އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާކުރާ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ފިއްތުންތަކާ އަދި ދަތިކުރުމުގެ ފިޔަވަޅުތަކާ ޗައިނާ ކުރިމަތިލާން ޖެހޭނެކަމެކެވެ. ނަމަވެސް ޗައިނާ އާ ދެކޮޅަށް މާހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ އެމެރިކާއާއި ޔޫރަޕަށް މިހާރު ފަސޭހަކަމެއްނޫނެވެ. އެއީ ޗައިނާގެ ބޭނުން ހުޅަނގަށް ވެސް ބޮޑުކަމުންނެވެ. ޗައިނާއިން އީރާނަށް އިސްވެ ހަމަލާދޭ ހަތިޔާރު ވިއްކަން ފަސްޖެހުނުނަމަވެސް ވައިގެ ދިފާއީ ނިޒާމުތައްފަދަ ދިފާއީ ހަތިޔާރު އީރާނަށް ވިއްކުމަކީ ޗައިނާ ކޮށްފާނެ ކަމެއް ކަމަށް ޗައިނާގެ މީޑިއާ ރިޕޯޓްތައްވެސް ބުނެއެވެ. ޗައިނާގެ ވައިގެ ދިފާއީ ނިޒާމުތަކަކީ ވަރަށް ސޮފިސްޓިކޭޓެޑް ނިޒާމުތަކަކަށްވާތީ އެމެރިކާ އާއި އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ކުރިމަތީގައި އެނިޒާމުތައް މަސައްކަތްކުރާ ގޮތާއި މަސައްކަތްކުރާ މިންވަރު ބެލުމަކީ ޗައިނާ މިހާރު ވަރަށް ބޭނުންވެފައިވާކަމެއްކަމަށްވެއެވެ. މިއާއެކު ޗައިނާ ގެންދަނީ ގިނަ އަދަދެއްގެ ވައިގެ ދިފާއީ ނިޒާމުތައް މިހާރު އީރާނަށް ސަޕްލައި ކުރަމުންކަމަށް ފޮކްސް ނިއުސް އާއި އެކްސިއޮސްގެ އިތުރުން އެނޫންވެސް މީޑިއާތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ