ވާހަކަ ނުދެއްކޭ ޙާލުގަ ޤުރްއާން ހިތުދަސްކުރަން އަމިއްލައަށް ޝައުޤުވެރިވި މުޙައްމަދު ނައިސަމް ނަސީމް ޙާފިޡް ކަމުގެ އިމްތިޙާން ފުރިހަމަކޮށް ޙާފިޡަކަށް. މާޝާ ﷲ

މިޖުލައި މަހުގެ 6 ވަނަދުވަހު ޙާފިޡްކަމުގެ އިމްތިޙާން ނިންމި މުޙައްމަދު ނައިސަމް ނަސީމް (ދަފްތަރު 1365)  (22 އަހަރު) އާއި އޭނާގެ މަންމަ ރިޔާސާ އާއި އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރުދެއްވައިފިއެވެ. 
ޑރ. ޝަހީމް ވިދާޅުވެފައިވަނީ ނައިސަމް ޤުރުއާން ހިތު ދަސްކުރުމަކީ ވަރަށް ޚާއްޞަ ކަމެއްކަމަށެވެ. އަދި އޭނާއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުގައި މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އޭނާ ޤުރުއާން ހިތު ދަސްކޮށް ކޮމެޓީއަށް ހިތުން ކިޔާދީފައިވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށެވެ. 
އަލްހާފިޡް މުޙައްމަދު ނައިސަމް ނަސީމްގެ މަންމަ ރިޔާސާ ރަޝީދު މިއަދުނޫހަށް ވިދާޅުވީ ނައިސަމްއަކީ ކުޑައިރު ވާހަކަ ނުދެއްކޭ ކުއްޖެއް ކަމަށާއި ވާހަކަ ނުދެއްކޭއިރުވެސް ޤުރްއާނުގެ އަކުރުތައް ތަޖުވީދުމަގުން ކިޔޭ ކަމަށެވެ. އެހެންވެ ޤުރްއާން ކިޔެވޭނެ ކަމުގެ އުންމީދު އެއިރުވެސް ވަރަށް ބޮޑު ކަމަށެވެ. 
"އަޅުގަނޑުމެންގެ ދަރިފުޅަށް ޤުރްއާން އުނގަންނއިދޭކަށް އެއްވެސް ކްލާހަކަށް ނުގެންދަން. މަރުކަޒާއި ގުޅުނީ މުރާޖަޢާ ކްލާހަށް. ގުޅުނުތާ 4 މަސްވަރު ތެރޭ އިމްތިޙާން ހަދަން ފެށީ. މިކަމުގެ ތެރޭގަ އުޅެނިކޮށް ދަރިފުޅުގެ ބައްޕަ ނިޔާވީ. ދެން އަޅުގަނޑު ވަޒީފާ އަދާކުރަމުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންވެސް ހިތްވަރާއިއެކު މަސައްކަތް ކުރީ އިމްތިޙާން ފުރިހަމަކުރެވޭތޯ. 
ނައިސަމް ޤުރްއާނުގެ އާޔަތްތައް ހިތުދަސްކުރަންފެށީ ބަންގިއަށްފަހު ޓީވީން އަންނަ އާޔަތްތައް އަޑުއަހައިގެން. ދެން ދަރިފުޅު ހަމައެކަނި އަމިއްލައަށް މަސައްކަތްކުރީ ހިތުދަސްކުރަން. 
އިމްތިޙާން ހެދޭނެ ކަމުގެ އުންމީދު ކުރިއަކު ނުވެސް ނެތް. އެކަމަކު އަޅުގަނޑުމެން ދެމަފިރިން އުންމީދުކުރިން އިމްތިޙާން ނުހެދުނަސް ﷲ ގެ ޙަޟްރަތުގަ އަޅުގަނޑުމެންފެ ދަރިފުޅު ޙާފިޡަކަށްވާނެ ކަމަށް. އެކަން މިއަދު ބަދަލުވެގެން މިދިއައީ. ﷲ ގެ ރަޙްމަތްފުޅުން މިއަދު އެއޮތީ އިމްތިޙާންވެސް ހެދިފަ." ރިޔާސާ ބުނެފައިވެއެވެ. 
އަލްހާފިޡް މުޙައްމަދު ނައިސަމް ނަސީމް މަރުކަޒަށް ކިޔައިދޭންފެށި 20 މޭ 2025 ގައެވެ.
ކިޔައިދީ ނިންމި 06 ޖުލައި 2025 ގައެވެ. ކިޔައިދީ ނިންމާފައިވަނީ 30 ދުވަހުގެ ތެރޭގައި ދުވާލަކު ފޮތެއް ކިޔައިދީގެންނެވެ. 
އަލްހާފިޡް މުޙައްމަދު ނައިސަމް ނަސީމް ވަނީ ގްރޭޑް 12 ނިންމައި އޭލެވްލަ އިމްތިޙާނުން ނަތީޖާއެއް ހަދައިފައެވެ. 
މިއަދުނޫހުން އަލްހާފިޡް މުޙައްމަދު ނައިސަމް ނަސީމް ޙާފިޡަކަށް ވެލެއްވުމަށް ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް މަރުޙަބާ އާއި ތަހުނިޔާ އަރިސްކުރަމެވެ. ދުޢާއަކީ ޤުރްއާނުގެ ޢިލްމާއި އެހެންވެސް ދާއިރާތަކުން އަލްހާފިޡް މުޙައްމަދު ނައިސަމް ނަސީމް އިތުރު ކާމިޔާބީ މިންވަރުކުރެއްވެވުމެވެ. އާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ